ދުނިޔެ
އިސްރާއީލުގައި ދާޚިލީ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ބޮޑުވެއްޖެ
މުޒާހަރާގައި ވައިވެރިވި މީހަކު އިސްރާއީލުގެ ފުލުހުން މަސައްކަތް ކުރަނީ -- ފޮޓ: އަލްޖަޒީރާ
އިސްރާއީލުގެ ރައްޔިތުންގެ ތެރޭގައި ދާޚިލީ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށް އެ ޤައުމުގައި ކުރިއަށް ގެންދިޔަ އާ ދިރާސާއަކުން ދައްކައިފިއެވެ.
ޔަހޫދީ ޕީޕަލް ޕޮލިސީ އިންސްޓިޓިއުޓް (ޖޭޕީޕީއައި) އިން ކުރިއަށް ގެންދިޔަ ދިރާސާ ދައްކާ ގޮތުން، ދިރާސާގައި ބައިވެރިވި އިޒްރޭލީ ރައްޔިތުންގެ ތެރެއިން 60 އިންސައްތަ ރައްޔިތުން ގަބޫލު ކުރަނީ، ޤައުމުގައި ދާޚިލީ ހަނގުރާމައެއް ފެށިދާނެ ކަމުގެ ނުރައްކާ ވަރަށް ބޮޑަށް ފެންނަ ކަމަށެވެ. މިއީ ޤައުމެއްގެ ރައްޔިތުންގެ ތެރޭގައި ފެތުރިފައިވާ ނުތަނަވަސްކަމާއި ބައިބައިވުމުގެ ނިޝާނެއް ކަމަށް ތަޖުރިބާކާރުން ދެކެއެވެ.
ދިރާސާ ދައްކާ ގޮތުން، ދިރާސާގައި ބައިވެރިވި ރައްޔިތުންގެ 79 އިންސައްތަ ރައްޔިތުން ވޭތުވެ ދިޔަ އަހަރަކީ އިޖްތިމާއީ ގޮތުން ނޭދެވޭ އަހަރެއް ކަމަށް ސިފަ ކޮށްފައިވެއެވެ. އަދި 49 އިންސައްތަ ރައްޔިތުން ވަނީ ޤައުމުގެ މުސްތަޤްބަލާ ދޭތެރޭ ވަރަށް ބޮޑަށް މާޔޫސްވެ، ކަންބޮޑުވެފައިވާ ކަމަށް ހާމަ ކޮށްފައެވެ.
މީގެ އިތުރުން، ދިރާސާ ދައްކާ ގޮތުން، ބައިވެރިވި ރައްޔިތުންގެ 52 އިންސައްތަ ގަބޫލު ކުރަނީ ޤައުމުގެ ބޮޑުވަޒީރު ހަމަލާއެއްދީ މަރާލުމުގެ ފުރުސަތު އޮތް ކަމަށެވެ. އެ މަންޒަރު ފެންނަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ. ތިންބައިކުޅަ އެއްބަޔަށް ވުރެ ގިނަ ރައްޔިތުން ދެކޭ ގޮތުގައި ސިޔާސީ ލީޑަރެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިދާނެ ހާލަތެއް ޤައުމުގައި ވަނީ ވެއްޓިފައެވެ.
ދިރާސާ ކުރިއަށް ގެންދިޔަ ތިންކްޓޭންކްގެ ރައީސް ޔެދީދިޔާ ސްޓާން، "އިޒްރޭލް ނޭޝަނަލް ނިއުސް" ނޫހަށް ދިން ބަސްދީ ބުނީ އިސްރާއީލުގެ މީހުން އެކަތިގަނޑެއްގެ ގޮތުގައި ފެނުނު ކަމުގައިވިޔަށް އިސްރާއީލު ވަނީ ވަރަށް ބޮޑަށް ބައިބައިވެފައިކަމަށެވެ.
ސްޓާން އިތުރަށް ބުނެފައިވަނީ، ޢާންމު ރައްޔިތުން ދެކޭ ގޮތުގައި ޤައުމުގެ ދާޚިލީ ބައިބައިވު
މަކީ މިހާރު ޤައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމާއި އިތުބާރު އާލާކުރުމަށްޓަކައި ދުރުރާސްތާގެ މަސައްކަތްތަކެއް މިހާރުން މިހާރަށް ރާވައި އެކުލަވާލައި ތަންފީޒުކުރަން ޖެހިފައިވާކަމަށެވެ.
މި ދިރާސާގެ ނަތީޖާތަކުން ހާމަވާ ގޮތުގައި އިސްރާއީލުގެ ސިޔާސީ މަޝްރަހު ނުތަނަވަސްވެ، ރައްޔިތުންގެ މެދުގައި އޮތް އިޖުތިމާޢީ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. އަދި ޤައުމުގެ އެތެރޭގައި އުފެދިފައިވާ ފިކުރީ ތަފާތުވުންތަކުގެ ސަބަބުން، ހަރުކަށި ޢަމަލުތަކަކަށް މަގުފަހިވެދާނެ ކަމުގެ ބިރުވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.