ދުނިޔެ

އިސްރާއީލުން ހުރަސްއެޅުމުގެ ސަބަބުން ފަރުވާ ނުލިބި ފަލަސްތީނުގެ ތުއްތު ކުއްޖަކު ނިޔާވެއްޖެ

އިސްރާއީލުން ހުރަސްއެޅުމުގެ ސަބަބުން ފަރުވާ ނުލިބި ފަލަސްތީނުގެ ތުއްތު ކުއްޖަކު ނިޔާވެއްޖެ

އިސްރާއިލް ސިފައިން ހުޅަނގު އައްސޭރީގެ މަގެއް ބަންދުކޮށްގެން ތިބި މަންޒަރު. ފޮޓޯ: ގެޓީ އިމޭޖްސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 ޖުލައި 2026، 04:15

06 ޖުލައި 2026، 04:15

ހިފާފައިވާ ހުޅަނގު އައްސޭރީގެ ރާމަﷲގެ ހުޅަނގުގައި ގާއިމުކޮށްފައިވާ އިސްރާއީލުގެ އަސްކަރީ ޗެކްޕޮއިންޓަކުން އަވަސް ފަރުވާއަށް ހުރަސްއެޅުމުގެ ސަބަބުން، ހަތަރު މަހުގެ ފަލަސްތީނު ފިރިހެން ކުއްޖަކު ނިޔާވެއްޖެއެވެ.

މީގެ އިތުރުން ހުޅަނގު އައްސޭރީގެ އެހެން ސަރަހައްދެއްގައި އިސްރާއީލު ސިފައިން ދިން ހަމަލާއެއްގައި 16 އަހަރުގެ ކުއްޖަކު ވެސް ވަނީ ޝަހީދުކޮށްލާފައެވެ.

ރާމަﷲ އަދި އަލް-ބީރާގެ ގަވަރުނަރު ލައިލާ ޣައްނާމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަހުމަދު މައުރޫފް ޒައިދު ނަމަކަށް ކިޔާ މި ތުއްތު ކުއްޖާ މަރުވިކަން އަރަބް ސްޕެޝަލައިޒްޑް ހޮސްޕިޓަލުގެ ޑޮކްޓަރުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އެ ކުއްޖާގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދަން އުޅުމުން، އިސްރާއީލު ސިފައިން ވަނީ އެއް ގަޑިއިރަށްވުރެ ގިނަ އިރުވަންދެން އެ ކުއްޖާ ގެންދިޔަ އުޅަނދު ހުއްޓުވައި ހުރަސްއަޅާފައެވެ.

ޣައްނާމް ވިދާޅުވި ގޮތުގައި، ދީރު އައްމާރު އަވަށުގެ ދޮރާށީގައި ހުރި ޗެކްޕޮއިންޓުން ދަތުރުކުރަން އުޅުނު ފަލަސްތީނު މީހުން ހުއްޓުވުމަށް އިސްރާއީލު ސިފައިން ވަނީ ކަރުނަ ގޭސް ވެސް ޖަހާފައެވެ. އާއިލާގައި ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ކަމަށްވާ އަހުމަދަށް ދިމާވި މި ހާދިސާއަކީ "އިންސާނީ ކަރާމާތަށް ހުރި ލަދެއް" ކަމަށާއި، މިއީ ފަލަސްތީނު މީހުންގެ ދަތުރުފަތުރުގެ މިނިވަންކަމާއި ސިއްހީ ފަރުވާ ހޯދުމުގެ ހައްގަށް ހުރަސްއެޅުމަށް އިސްރާއީލުން ގެންގުޅޭ ސިޔާސަތުގެ ބައެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

މީގެ އިތުރުން، ރާމަﷲ ކައިރީގައި އޮންނަ ގަލަންދިޔާ ރެފިއުޖީ ކޭމްޕުގައި އިސްރާއީލު ސިފައިން ބަޑިޖަހައި 16 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ބުނެއެވެ. މި ހާދިސާގައި 14 އަހަރުގެ އިތުރު ދެ ކުއްޖަކު ޒަހަމްވެފައިވާ ކަމަށް ވެސް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން ހުޅަނގު އައްސޭރީގައި ވެސް ހަމަނުޖެހުންތައް ވަނީ އިތުރުވެފައެވެ. 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލު ސިފައިންނާއި ވަޒަންވެރިން ހުޅަނގު އައްސޭރިން މަދުވެގެން 1,087 ފަލަސްތީނު މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ރަސްމީ ހިސާބުތަކުން ދައްކައެވެ.

ޣައްޒާގެ ހާލަތަށް ބަލާއިރު، ޣައްޒާ ސިޓީގެ މެދުތެރޭގައި އޮންނަ އުމަރު އަލް-މުޚްތާރު މަގުގައި އެއްވެ ތިބި މީހުންނަށް އަމާޒުކޮށް އިސްރާއީލުގެ ޑްރޯން ހަމަލާއެއް ދީ، މަދުވެގެން ދެ މީހުން ޝަހީދުކޮށްލާފައިވެއެވެ. ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނާ ގޮތުގައި، އޮކްޓޫބަރު މަހު އަމަލުކުރަން ފެށި "ސީޒްފަޔަރ" އާ އިސްރާއީލުން ޚިލާފުވެ ދިން ހަމަލާތަކުގައި މިހާތަނަށް 1,066 މީހުން ޝަހީދުވެ، 3,445 މީހުން ޒަހަމްވެފައިވެއެވެ. މި ހަމަލާތަކާއެކު، 2023 އޮކްޓޫބަރުން ފެށިގެން ޝަހީދުވި މީހުންގެ ޖުމްލަ އަދަދު ވަނީ 73,090 އަށް އަރާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450