ޚަބަރު
ސެޕްޓެންބަރުގައި އޮންނަ ޒުވާން ޚަޠީބުންގެ މަހާސިންތާގައި ބައިވެރިވުމަށް ހުޅުވާލައިފި
ޒުވާން ޚަތީބުންނަށް ސަނަދު ދިނުމަށް ބޭއްވި ރަސްމިއްޔާތު / ފޮޓޯ: ޕީއެސްއެމް
އަންނަ ސެޕްޓެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޒުވާން ޚަޠީބުންގެ ޚާއްޞަ މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ.
މި މަހާސިންތާއަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގެ އިސްލާމީ ޝިޢާރު ފާޅުކުރުމުގައި ޒުވާނުންގެ ދައުރު ފުޅާކުރުމަށް ބާއްވާ ޚާއްޞަ ބައްދަލުވުމެކެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މަޢުލޫމާތު ދޭ ގޮތުގައި، މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެންބަރު މަހުގެ 13 ވަނަ ދުވަހުއެވެ.
މި މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ވަކި ޝަރުޠުތަކެއް ފުރިހަމަވާ ފަރާތްތަކަށެވެ. އެގޮތުން:
ޒުވާން ޚަޠީބުންގެ ތަމްރީން ނިންމައި ސެޓްފިކެޓް ޙާޞިލްކޮށްފައިވާ ފަރާތްތައް.
ނިމިދިޔަ ރަމަޟާން މަހު އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދުކޮށްފައިވާ ފަރާތްތައް.
މިހާރުވެސް އިމާމުކަމާއި ޚަޠީބުކަން ކުރައްވާ، އުމުރުން 30 އަހަރު ނުފުރޭ ފަރާތްތައް.
މި މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މި މަހާސިންތާގެ އެންމެ ޚާއްޞަ އެއް ކަމަކީ، މައްކާގެ މަސްޖިދުލް ޙަރަމްގެ އިމާމު ފަޟީލަތުއް ޝައިޚު ޑރ. ޔާސިރު އައްދައުސަރީ މި މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމެވެ. މިއީ ދިވެހިރާއްޖޭގެ ކުރިއަށް އޮތް އިސްލާމީ ޤަރުނަށް، ރާއްޖޭގެ އިސްލާމީ ޝިޢާރު ފާޅުކުރުމުގެ އިސްދައުރު އަދާކުރާނެ ޒުވާން ޚަޠީބުންނާއި ޙާފިޒުންނަށް ލިބިގެންދާނެ ވަރަށް މުހިންމު ފުރުޞަތެއް ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދީނީ ކަންކަމަށް ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުން، މިހާތަނަށް ރާއްޖޭގައި 621 ޒުވާން ޚަޠީބުންނާއި 310 ޙާފިޛުން ވަނީ ތަމްރީން ކޮށްފައެވެ. މި މަހާސިންތާގެ ސަބަބުން މި ޒުވާނުންގެ ހުނަރާއި ޢިލްމު އިތުރަށް މުއްސަނދިވެގެންދާނެއެވެ.