ޚަބަރު
ހުޅުމާލެ ޖަލުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ތަރައްޤީކުރި އައު 4 ބްލޮކް މި ހަފުތާގައި ހުޅުވަނީ
ހުޅުމާލޭގެ ޖަލުގައި އަލަށް ތަރައްގީކުރި ގޮޅިތައް ފޮޓޯ: ޕްރިޒަންސް
ހުޅުމާލެ ޖަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، އަލަށް ތަރައްޤީކުރި 6 ވަނަ ޔުނިޓުގެ 4 ސެލް ބްލޮކް މި ހަފުތާ ތެރޭގައި ހުޅުވާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހާމަކޮށްފިއެވެ.
މި އައު ބްލޮކްތައް ބިނާކޮށްފައިވަނީ ކުރީގެ ކޮވިޑް ފެސިލިޓީ ހުރި ބިމުގައި އަލަށް އިމާރާތްކުރި ދެ ފަންގިފިލާގެ އިމާރާތުގައެވެ. ކަރެކްޝަންސްއިން މަޢުލޫމާތު ދޭ ގޮތުގައި، ހުޅުމާލެ ޖަލުގެ 6 ވަނަ ޔުނިޓުގެ ގޮތުގައި ބޭނުންކުރާ މި އިމާރާތަކީ ޙުކުމް ތަންފީޛު ކުރަމުންދާ ޤައިދީންގެ ތެރެއިން މާލެ ސަރަޙައްދުގައި ފަންނީ މަސައްކަތްތަކުގައި އުޅޭ ޤައިދީން ބޭތިއްބުމަށް "ހޯލްޑިންގ ސެލް" ތަކާއެކު ތަރައްޤީކޮށްފައިވާ ތަނެކެވެ.
ހުޅުމާލެ ޖަލުގެ 6 ވަނަ ޔުނިޓުގައި ޖުމްލަ 5 ބްލޮކް ހިމެނޭއިރު، އޭގެ ތެރެއިން 16 މީހުންގެ ޖާގަ ހިމެނޭ ފުރަތަމަ ބްލޮކް ވަނީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު ހުޅުވާފައެވެ. މި ހަފުތާގައި އަލަށް ހުޅުވާ 4 ބްލޮކާއެކު، މި ޔުނިޓުން ޖުމްލަ 48 ޖާގަ ޖަލުގެ ކެޕޭސިޓީއަށް އިތުރުވެގެންދާނެއެވެ.
ޤައިދީންނަށް ފަހި މާޙައުލެއް ފޯރުކޮށްދިނުމުގެ ގޮތުން މި ޔުނިޓުގެ ގޮޅިތަކަކީ އޭސީ ކޮށްފައިވާ ތަންތަނެވެ. އަދި ނިދުމަށް ބަންކު ބެޑު ބަހައްޓާފައިވާއިރު، ފަންކާވެސް ވަނީ ހަރުކޮށްފައެވެ. މީގެ އިތުރުން މެސް ރޫމަކާއި، ނަމާދުކުރާނެ ކޮޓަރިއެއްގެ އިތުރުން ލޯންޑްރީގެ ޚިދުމަތްވެސް މި ޔުނިޓުގައި ޤާއިމްކޮށްފައިވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި އިމާރާތުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ޖަލުގެ މުވައްޒަފުންނާއި ހުނަރުވެރި ޤައިދީން ގުޅިގެންނެވެ.
ކަރެކްޝަންސްއިން ވިދާޅުވީ، މި މަޝްރޫޢު އެއްކޮށް ނިމުމުން ޖުމްލަ 140 ޖާގަ އިތުރުވާނެ ކަމަށެވެ. މީގެ ސަބަބުން ކޯޓުތަކަށާއި މެޑިކަލް ފަރުވާއަށް މާލެ ގެންނަންޖެހޭ ޤައިދީން ބޭތިއްބުމަށް ބޮޑު ލުޔެއް ލިބި، ދަތުރުފަތުރުގެ ޚަރަދުތައް ސަލާމަތް ކުރެވޭނެއެވެ. އަދި މިހާރު މި ޚިދުމަތް ދިނުމުގައި ދިމާވާ ލޮޖިސްޓިކްސް އަދި މޫސުމީ ގޮންޖެހުންތަކަށް މި އައު ޔުނިޓާއެކު ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ.
ރާއްޖޭގެ ޖަލުތަކުގައި މިހާތަނަށް އެކަށީގެންވާ ގޮތެއްގައި ޤައިދީން ވަކިކޮށްގެން ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރެވިފައި ނުވުމުގެ ސަބަބުން، އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުން އެއްތަނެއްގައި ބައިތިއްބަން ޖެހޭ މައްސަލަ ކަރެކްޝަންސްއިން ފާހަގަކުރެއެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާރު އަންނަނީ ދިގު މުއްދަތުގެ ޙުކުމްތައް ތަންފީޒުކުރާ މީހުންނަށް ޚާއްސަ ޖަލު ޔުނިޓެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ޖަލުތަކުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރަކީ "ވަން ޕްރިޒަން ކޮންސެޕްޓް"ގެ ދަށުން ހުރިހާ ޚިދުމަތެއް ލިބޭނެ ސެންޓްރަލް ޖަލެއް ތަރައްޤީ ކުރުމެވެ.
ޖަލުތަކުގެ ކެޕޭސިޓީ އިތުރު ކުރުމަށް މިހާތަނަށް ކުރި މަސައްކަތުން 370 އެއްހާ އެނދު ޤާއިމްކޮށްފައިވާއިރު، ކަރެކްޝަނަލް ސަރވިސްގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ޖުމްލަ 500 އެނދު އިތުރުކުރުމެވެ.