ޚަބަރު
ގ. ފުންފަޅުގޭގެ އަލިފާނުގެ ހާދިސާގެ ގެއްލުންތައް ދެނެގަތުމުގެ އެސެސްމަންޓް ހަދަނީ
ފުންފަޅުގެ އަލިފާނުގެ ހާދިސާ ފޮޓޯ: އެންޑީއެމްއޭ
މާލޭ ގ. ފުންފަޅުގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ އިމާރާތުގެ އެޕާޓްމަންޓްތަކަށް ލިބުނު ގެއްލުންތައް ދެނެގަތުމަށްޓަކައި އެސެސްމަންޓް ހެދުމުގެ މަސައްކަތް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ފަށައިފިއެވެ.
އެންޑީއެމްއޭއިން މައުލޫމާތު ދެއްވި ގޮތުގައި، މިއަދު އެ އޮތޯރިޓީގެ ޓީމުތަކުން އެޕާޓްމަންޓްތަކުގެ ވެރިންނާ އެކު ތަންތަން ބަލައި، ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލީ އެސެސްމަންޓެއް ތައްޔާރުކުރާނެއެވެ. މި އެސެސްމަންޓަށް ފަހު، ލިބުނު ގެއްލުންތަކުގެ އަންދާޒާ ހިސާބުތައް ހަދައި، އެ ގެތަކަށް ފޯރުކޮށްދޭންޖެހޭ މާލީ އެހީތެރިކަން ދިނުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ 22:50 ހާއިރު އެ ގޭގެ 5 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައެވެ. އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ބުރަ މަސައްކަތުން ގަޑިއެއްހާއިރު ތެރޭގައި އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލާފައިވާއިރު، އަލިފާނުގެ އަސަރު ސީދާ ނުކުރާ އެޕާޓްމަންޓްތަކަށް ވެސް ދުމާއި ގެނދަބުޅީގެ އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. މިހާރު އެ ތަންތަން ސާފުކުރުުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
އަލިފާނުގެ މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ގިނަ ބަޔަކު ވަނީ ހޮސްޕިޓަލުން ފަރުވާ ހޯދާފައެވެ. އެގޮތުން އައިޖީއެމްއެޗުން 25 މީހަކަށް ފަރުވާ ދީފައިވާއިރު، އޭޑީކޭ ހޮސްޕިޓަލުން 3 މީހަކަށް ވަނީ ފަރުވާ ދީފައެވެ.
އެންޑީއެމްއޭއިން އިތުރަށް ވިދާޅުވީ، މި ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވަގުތުން ފަށާފައިވާ ކަމަށެވެ. އެގޮތުން:
އިމާރާތުގެ 22 އެޕާޓްމަންޓެއްގައި ދިރިއުޅޭ 93 މީހަކަށް ދެ ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސައިދެވުނެވެ.
އަލިފާން ރޯވި ފަންގިފިލާގެ 3 އެޕާޓްމަންޓްގައި ދިރިއުޅޭ 16 މީހަކަށް، 5 ދުވަހުގެ މުއްދަތަށް ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އެހީތެރިކަން ވަނީ ދީފައެވެ.
ޖުމްލަ 109 މީހުންނަށް އަސަރުކުރި މި ހާދިސާގައި، މިހާތަނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް 95،000 (ނުވަދިހަ ފަސްހާސް) ރުފިޔާ ޚަރަދުވެފައިވާ ކަމަށްވެސް އެންޑީއެމްއޭއިން ވަނީ ހާމަކުރައްވާފައެވެ.