Ads by Exprox

ޚަބަރު

ހުޅުމާލޭގައި 10،000 ޓަނުގެ ފެން ތާންގީއެއް ބެހެއްޓުމުގެ މަސައްކަތް ފަށައިފި!

ހުޅުމާލޭގައި 10،000 ޓަނުގެ ފެން ތާންގީއެއް ބެހެއްޓުމުގެ މަސައްކަތް ފަށައިފި!

އެމްޑަބްލިއުއުއެސްސީން ހުޅުމާލޭގައި 10،000 ޓަނުގެ ފެން ރައްކާ ކުރެވޭނެ ތާނގީއެއް ބެހެއްޓުމުގެ ޢަމަލީ މަސައްކަތް ފެށުން. ފޮޓޯ:އެމްޑަބްލިޔުއެސްސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ސެޕްޓެމްބަރު 2024، 11:31

03 ސެޕްޓެމްބަރު 2024، 11:31

ހުލާސާ


މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ހުޅުމާލޭގައި 10،000 ޓަނުގެ ފެން ރައްކާކުރެވޭ ތާނގީއެއް ބެހެއްޓުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މި މަސައްކަތަކީ އެ ކުންފުނީގެ "ވޯޓާ ސެކިއުރިޓީ ޕްލޭން" ގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ހުޅުމާލޭގައި އެމްޑަބްލިޔުއެސްސީގެ އޮޕަރޭޝަން ސެންޓަރުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި ގޮތުގައި މި މަޝްރޫޢާ ގުޅިގެން ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު 80 އިންސައްތައަށްވުރެ އިތުރުވާނެއެވެ.

މި ތާނގީއަކީ މިހާތަނަށް ބެހެއްޓޭ އެންމެ ބޮޑު ތާނގީ ކަމަށާއި، މި މަސައްކަތް ކުރަމުންދަނީ ދިވެހި މުވައްޒަފުން ކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

މި މަޝްރޫޢު ނިމުމުން ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު 22،000 ޓަނަށް އިތުރުވާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފައިވެއެވެ.

އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ނިޔަލަށް ނިންމުމަށް ތާވަލުކޮށްފައިވާ މި މަޝްރޫޢަށް 34.7 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާކުރެވެއެވެ.

މި މަޝްރޫޢުގެ ސަބަބުން ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު އިތުރުވެ، މެދުކެނޑުމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެން ފޯރުކޮށްދިނުމަށް މަގުފަހިވާނެއެވެ.

މީގެ އިތުރުން ގްރޭޓާ މާލޭ ސަރަޙައްދުގެ ވޯޓާ ސެކިއުރިޓީ ޕްލޭންގެ ދަށުން، އެމްޑަބްލިއުއެސްސީއިން، ފެން އުފެއްދުން ޑީސެންޓްރަލައިޒްކޮށް، މާލޭގެ ދެ ސަރަޙައްދެއްގައި ފެން އުފައްދާ މަރުކަޒުތައްވެސް ވަނީ ގާއިމްކޮށްފައެވެ.

އެ ގޮތުން ސިނަމާލެ ބުރިޖު މެދުވެރިކޮށް، އެ ކުންފުނިން އަޅާފައިވާ ފެންހޮޅީގެ ޒަރިއްޔާއިން، މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅައިލުމަށް ބޭނުންވާ ޕަމްޕް ސްޓޭޝަންތައް ގާއިމްކުރުމުގެ މަސައްކަތްތަކުގެ އިތުރުން، މާލޭގެ 378 ނަންބަރު ކޮށީގައި ފެން ރައްކާ ކުރާ އިތުރު ދެ ތާނގީއެއް ބެހެއްޓުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އެ ކުންފުނީގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ޚިދުމަތް އެންމެންނަށް ވެސް ފޯރުކޮށްދިނުން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco