ޚަބަރު
މުދައްރިސުންގެ މުސާރައިގެ އޮނިގަނޑު އަލުން ރިވިއުކުރަނީ
މުދައްރިސުން ފޮޓޯ: ޕީއެސްއެމް
މުދައްރިސުންގެ މުސާރައިގެ އޮނިގަނޑު އަލުން ރިވިއުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށާއި، މިފަހަރު އެ އޮނިގަނޑުގައި ހުރި މައްސަލަތައް ހައްލުކުރާނީ މުދައްރިސުންގެ ސީދާ މަޝްވަރާއާ އެކުގައިކަމަށް ތައުލީމާއި މަތީތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް މަޖިލީހަށް ހާޒިރުވެވަޑައިގެން، ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މެމްބަރު މައުރޫފް ސުވާލުކުރެއްވީ، މުދައްރިސުންގެ މުސާރައިގެ އޮނިގަނޑު އެކުލަވާލިއިރު މާސްޓާސް ސެޓްފިކެޓް ނެތް މުދައްރިސުންނަށް، އެ ސެޓްފިކެޓް ހާސިލުކުރާތާ ހަތަރު އަހަރު ފަހުން އެލަވެންސް ލިބޭނެކަމަށް ނިންމާފައިވާ އުސޫލާ ގުޅޭގޮތުންނެވެ. އަދި އެފަދަ މުދައްރިސުންނަށް އެލަވެންސް ލިބެންފަށާނެ ތާރީހެއް އަންގަވައިދެއްވުމަށް މެމްބަރު އެދިވަޑައިގެންނެވިއެވެ.
މި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، މުދައްރިސުންނަކީ ގައުމު ބިނާކުރާ މޭސްތިރިން ކަމަށްވާއިރު، އެބޭފުޅުންގެ މުސާރައިގެ އޮނިގަނޑާ ގުޅޭގޮތުން މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވެންޖެހޭނެ ކަމަށެވެ. އަދި މިހާރު އޮތް އޮނިގަނޑާ މެދު މުދައްރިސުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އަޅުގަނޑު މުދައްރިސުންނަށް ދޭން ބޭނުންވާ ޔަގީންކަމަކީ މުސާރައިގެ އޮނިގަނޑު ރިވިއުކުރުމުގެ މަސައްކަތް އަޅުގަނޑުމެން މުދައްރިސުންނާ ގުޅިގެން ކުރިއަށްގެންދިއުމުގެ ކަންތައްތަކެއްގެ ތެރެއިންނޭ މުދައްރިސުންގެ މުސާރައިގެ އޮނިގަނޑުގައި ހުރި މައްސަލަތައް ހައްލުކުރާނީ،
ވަޒީރު
ވަޒީރު އިތުރަށް ވިދާޅުވީ، ކުރީގެ އެމްޑީޕީ ސަރުކާރުން މި އޮނިގަނޑު އެކުލަވާލިއިރު، ޑިގްރީ މުދައްރިސުންނަށް ސްޓެޕް ޕްރޮމޯޝަން ދިނުމަށްފަހު، މާސްޓާސްއަށް ހަތަރު އަހަރު ދުވަހުގެ މެދުކެނޑުމެއް (ގެޕެއް) ދީފައިވާ ކަމަށެވެ. މިއީ ރާއްޖޭގައި މީގެ ކުރިން ދުވަހަކުވެސް ކަންކޮށްފައިވާ ގޮތެއް ނޫންކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން، މާސްޓާސް ޑިގްރީ ހަދައިގެން މާސްޓާސްގެ ގޮޅިއަށް ބަދަލުވުމުން ބައެއް މުދައްރިސުންގެ މުސާރަ ދަށްވާ މައްސަލަ ކުރިމަތިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ވަކި ބަޔަކަށް އިނގިލި ދިއްކުރައްވައިގެން މައްސަލަ ހައްލު ނުކޮށް ތިއްބަވަން ބޭނުންފުޅުނުވާ ކަމަށާއި، މި މައްސަލަ ދިމާވީ އޮނިގަނޑު އެކުލަވާލިއިރު އެކަށީގެންވާ ވަރަށް ވިސްނައިނުލެވުމުން ކަމަށެވެ. އަދި މި ސަރުކާރުން އެ މައްސަލަތައް ހައްލުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުދައްރިސުންނަށް ދެއްވިއެވެ.
އެމްޑީޕީ ސަރުކާރުން އެކުލަވާލި މުދައްރިސުންގެ މުސާރައިގެ އައު އޮނިގަނޑާ ގުޅިގެން ދިމާވާ މައްސަލަތައް ސިވިލް ސާވިސް ކޮމިޝަނަށް ވެސް ހުށަހެޅެމުންދާއިރު، އެ ކޮމިޝަނުން ކުރިން ބުނެފައިވަނީ މިއީ ޕޭ ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލަކަށްވާތީ ކޮމިޝަނަށް ގެނެވޭނެ ހައްލެއް ނެތް ކަމަށެވެ. މުސާރައިގެ މި މައްސަލަތައް ހައްލުވުމަކީ މުދައްރިސުންގެ އެންމެ ބޮޑު އުއްމީދެވެ.