ސައިންސް

ރަހިމުގެ ފައިބްރޮއިޑްސް: އާންމު އަލާމާތްތަކަކީ "އާދައިގެ" ކަންކަން ކަމަށް ގަބޫލުނުކުރޭ!

ރަހިމުގެ ފައިބްރޮއިޑްސް: އާންމު އަލާމާތްތަކަކީ "އާދައިގެ" ކަންކަން ކަމަށް ގަބޫލުނުކުރޭ!

ރަހިމުގަ ފައިބްރޮއިޑްސް އުފެދުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 ޖުލައި 2026، 12:46

07 ޖުލައި 2026، 12:46

އަންހެނުންގެ ބަލިތަކާ ބެހޭ ޚާއްޞަ ޑޮކްޓަރުން ފާހަގަކުރެވޭ އެންމެ އާންމު އެއް ކަމަކީ، ފައިބްރޮއިޑްސްއަކީ "ބެނިން" ނުވަތަ ކެންސަރަށް ބަދަލުނުވާ އެއްޗަކަށް ވާތީ، އެއީ އެއްވެސް ނުރައްކަލެއް ނެތް ކަމެއް ކަމަށް ބަލިމީހުންނަށް ހީވެފައި އޮތުމެވެ. ޞިއްޙީ މާހިރުންގެ ބަހުރުވައިގައި "ބެނިން" މި ލަފުޒުގެ މާނައަކީ އެއީ ކެންސަރު ބަލީގެ ނުރައްކަލެއް ނެތް ކަމެވެ. ނަމަވެސް، އޭގެ މާނައަކީ އެއީ ފަރުވާކުޑަކޮށްލެވޭނެ ނުވަތަ ކަންބޮޑުވާން ނުޖެހޭ ފަދަ އާދައިގެ ކަމެއް ނޫނެވެ. ހަގީގަތަކީ، ފައިބްރޮއިޑްސްގެ ސަބަބުން އަންހެނުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށާއި، އިޖުތިމާއީ ގުޅުންތަކުގެ އިތުރުން، ވަޒީފާގެ މާހައުލާއި ދިރިއުޅުމުގެ ފެންވަރަށް ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރާ ކަމެވެ.

ފައިބްރޮއިޑްސް އަކީ ރަހިމުގެ މަސްތަކާއި ފައިބަރަސް ޓިޝޫތަކުން އުފެދޭ، ކެންސަރުގެ ނުރައްކަލެއް ނުހިމެނޭ ގަނޑުތަކެކެވެ. މީގެ ސައިޒު ކުޑަކުޑަ އޮށެއްގެ މިންވަރުން ފެށިގެން، ބޮޑު ކަރަލެއްގެ ސައިޒަށް ވެސް ބޮޑުވުމުގެ ފުރުސަތު އޮވެއެވެ. މިއީ އަންހެނުންގެ މެދުގައި ވަރަށް އާންމު ޞިއްޙީ މައްސަލައެކެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދުނިޔޭގެ ނިސްބަތުން 50 އަހަރު ފުރޭއިރު ގާތްގަނޑަކަށް %70 އާއި %80 އާ ދެމެދުގެ އަންހެނުންނަށް ފައިބްރޮއިޑްސްގެ މައްސަލަ ކުރިމަތިވެއެވެ. އިނގިރޭސިވިލާތުގެ ހިސާބުތަކަށް ބަލާއިރު، މި ބައްޔަށް ފަރުވާ ދިނުމަށް ޞިއްޙީ ނިޒާމުން އަހަރަކު 86 މިލިއަން ޕައުންޑް ހޭދަކުރެއެވެ. އަދި ބަލީގެ ސަބަބުން ވަޒީފާއަށް ނުދެވުމާއި އުފެއްދުންތެރިކަން ދަށްވުމުގެ ސަބަބުން އިޤްތިޞާދަށް ލިބޭ ގެއްލުން އަހަރަކު 1.7 ބިލިއަން ޕައުންޑަށް އަރައެވެ.

މިއީ މިހާ އާންމު ބައްޔަކަށް ވީނަމަވެސް، މިކަމާ މެދު އޮންނަ ހޭލުންތެރިކަން ވަރަށް ކުޑައެވެ. ގިނަ އަންހެނުންނަށް "ފައިބްރޮއިޑްސް" މި ނަންވެސް އެނގެނީ ބަލީގެ އުނދަގޫތައް ބޮޑުވެގެން ޑޮކްޓަރަށް ދެއްކުމުންނެވެ. މީގެ މައިގަނޑު ސަބަބަކީ ބަލީގެ އަލާމާތްތަކަކީ އާދައިގެ ކަންކަން ކަމުގައި މުޖުތަމައުން ބަލައިގަނެފައި އޮތުމެވެ. މާބޮޑަށް ލޭފޭބުމާއި، އުނަގަނޑުގައި ރިއްސުމާއި،  ވަރުބަލިވުން ފަދަ ކަންކަމަކީ "އަންހެނަކަށް ވީތީ ކުރިމަތިވާނެ އާދައިގެ ކަންކަން" ކަމަށް ބަލައި، ގިނަ ފަހަރަށް މިކަމަށް އެކަށީގެންވާ ސަމާލުކަމެއް ނުދެވޭކަން ފާހަގަކުރެވެއެވެ.

 ބަލީގެ އަލާމާތްތައް

ދިރިއުޅުމުގެ އާންމު ކަންކަމަށް ހުރަސްއެޅޭ މިންވަރަށް، އާދަޔާޚިލާފަށް ގިނައިން މައްސަރު ދުވަސްވަރު ލޭ ފޭބުމަކީ މި ބަލީގެ އެންމެ އާންމު އެއް އަލާމާތެވެ. ނިދާފައި އޮންނައިރު ލޭ ގަނޑުވުމާއި، ބޭރަށް ގޮސް އުޅެން ދަތިވާ ވަރަށް ބޮޑަށް ލޭ ފޭބުމާއި، ލޭ މަދުވުން ކުރިމަތިވުން ނުވަތަ ރިއްސުމުގެ ސަބަބުން ވަޒީފާއަށް ނުދެވޭ ހާލަތަށް ކަންކަން ދާނަމަ، އެއީ ފައިބްރޮއިޑްސްގެ ސަބަބުން ދިމާވާ ކަމަކަށް ވުމުގެ ފުރުސަތު ބޮޑެވެ.

މީގެ އިތުރުން، ރަހިމާ ސީދާ ގުޅުމެއް ނެތް ކަމަށް ހީވާ ބައެއް އަލާމާތްތައް ވެސް ފެނިދާނެއެވެ. ފައިބްރޮއިޑްސްގެ ސައިޒާއި އެ އުފެދިފައި ހުންނަ ތަނެއްގެ ސަބަބުން ކައިރީގައި ހުންނަ އެހެން ގުނަވަންތަކަށް ފިތި، ގިނަގިނައިން ކުޑަކަމުދާން ޖެހުމާއި، ބަނޑުހަރުވުމާއި، ބަނޑު ފުއްޕުމުގެ އިތުރުން ބުރަކަށީގައި ރިއްސުން ފަދަ އުނދަގޫތައް މެދުވެރިވެއެވެ. ގިނަ އަންހެނުންނަށް ހީވަނީ މިއީ ނަފްސާނީ ބުރަބޮޑުވުމުގެ ސަބަބުން ނުވަތަ އުމުރުން ދުވަސްވުމުން ކުރިމަތިވާ އާދައިގެ ކަންކަން ކަމަށެވެ. ނަމަވެސް، މި ހުރިހާ އުނދަގޫތަކެއްގެ އަސްލު ސަބަބަކީ ފައިބްރޮއިޑްސް ކަމުގައި ވެދާނެއެވެ.

ނަފްސާނީ އަސަރުތައް

ދާއިމީކޮށް ތަދުވުމާއި، ނިދި މަދުވުމުގެ އިތުރުން، ކޮންމެ ވަގުތަކުވެސް އާދަޔާޚިލާފަށް ލޭ އަތުވެދާނެ ކަމުގެ ބިރު އޮތުމާއި، ދަރިމައިވުމަށް ހުރި ހުރަސްތަކުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރެއެވެ. އިޖުތިމާއީ ހަރަކާތްތަކުން އެކަހެރިވުމާއި، ދަތުރުފަތުރު ކުރަން ޖެހިލުންވުމުގެ އިތުރުން، މުޅި ދިރިއުޅުމުގެ ކަންކަން މި ބަލީގެ އަލާމާތްތަކަށް ބަލައިގެން ތަރުތީބު ކުރަން ޖެހުމަކީ އަންހެނުން އުފުލަންޖެހޭ ވަރަށް ބޮޑު ތަކުލީފެކެވެ.

ބަލިޖެހުމަށް މެދުވެރިވާ ސަބަބުތައް

ފައިބްރޮއިޑްސް އުފެދެން މެދުވެރިވާ ސީދާ ސަބަބު އަދިވެސް މުޅިއަކުން ދެނެގަނެވިފައެއް ނުވެއެވެ. ނަމަވެސް، މިއީ އާއިލީ ގޮތުން ވާރުތަވާ ކަމެއްކަން ސައިންސްވެރިން ވަނީ ހޯދުންތަކުން ކަށަވަރުކޮށްފައެވެ. މީގެ އިތުރުން، ހޯރމޯންތަކަށް އަންނަ ބަދަލުތަކަކީ ވެސް މިކަން މެދުވެރިވާ ސަބަބެކެވެ. އުމުރުން 30 އާއި 40 ގެ އަހަރުތަކުގައި ފައިބްރޮއިޑްސް އުފެދުމުގެ ފުރުސަތު އިތުރުވާއިރު، އިއްދައިން ކެނޑުމަށްފަހު އާންމުކޮށް މީގެ ސައިޒު ކުޑަވެއެވެ. އަދި ކަޅު ނަސްލުގެ އަންހެނުންނަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެފައި، ބަލީގެ އުނދަގޫތައް މާ ބޮޑަށް ފެންނަކަން ފާހަގަކުރެވެއެވެ.

މި ބަލިން ރައްކާތެރިވުމަށްޓަކައި ސިއްހަތަށް ފައިދާހުރި ބަރުދަނެއްގައި ހުރުމާއި، މެޓަބޮލިކް ސިއްހަތަށް ސަމާލުކަން ދިނުމާއި، ވިޓަމިން-ޑީ އެކަށީގެންވާ މިންވަރަށް ހޯދުމުގެ އިތުރުން، ޕްރޮސެސްކޮށްފައިވާ ކާނާ ބޭނުންކުރުން މަދުކުރުމަކީ ނުހަނު މުހިންމު ކަންކަމެވެ.

ފަރުވާގެ ފުރުސަތުތައް

ފައިބްރޮއިޑްސްއަށް ދެވޭ ފަރުވާތައް މިހާރު ވަނީ ވަރަށް ބޮޑަށް ތަރައްޤީވެ، ކުރިއަރާފައެވެ. ބައެއް ހާލަތްތަކުގައި ހަމައެކަނި ބޭނުންކުރާ ބޭހުން ފަރުވާ ކުރެވޭއިރު، އަނެއްބައި ހާލަތްތަކުގައި ކުދި އޮޕަރޭޝަންތައް މެދުވެރިކޮށް ފައިބްރޮއިޑް ގަނޑު ކުޑަކޮށްލެވެއެވެ. 'މައިއޮމެކްޓޮމީ' ފަދަ އޮޕަރޭޝަންތަކުގެ އެހީގައި، ރަހިމަށް ގެއްލުމެއް ނުދީ ހަމައެކަނި ފައިބްރޮއިޑްސް ނެގުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް، މިފަދަ އޮޕަރޭޝަންތަކަށް ފަހު ވެސް އަލުން ފައިބްރޮއިޑްސް އުފެދުމުގެ ފުރުސަތު އޮވެއެވެ. ބަލީގެ އުނދަގޫތަކުން މުޅިން ސަލާމަތްވުމަށްޓަކައި ބައެއް މީހުން ރަހިމު ނެގުމުގެ އޮޕަރޭޝަން ވެސް ކުރެއެވެ.

ނިންމާލަމުން ފާހަގަކޮށްލަން އޮތީ، އާންމު ދިރިއުޅުމަށް ބުރޫއަރާ މިންވަރަށް ބަލީގެ އަލާމާތްތައް ފެންނަނަމަ، އެއީ ފަރުވާކުޑަކޮށްލައިގެންވާނެ ކަމެއް ނޫން ކަމެވެ. ފައިބްރޮއިޑްސްއަކީ "ބެނިން" ނުވަތަ ކެންސަރަށް ބަދަލުނުވާ އެއްޗަކަށް ވީނަމަވެސް، އެއީ އެއްވެސް ގެއްލުމެއް ނެތް ކަމެއް ނޫނެވެ. އެހެންކަމުން، މިކަމަށް ހޭލުންތެރިވެ، ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަކީ ދުޅަހެޔޮ އަދި އުފާވެރި ދިރިއުޅުމަކަށް އޮތް އެންމެ ފަހި މަގެވެ.

                    

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450