ކުޅިވަރު
ގޯލްޑް ކަޕް: ފުވައްމުލަކަށް ހުއްޓުމެއް ނެތް، ދެވަނަ ބުރު ޔަގީންކޮށްފި
ފުވައްމުލަކު ޓީމުގެ 3 ވަނަ ގޯލު ކާމިޔާބު ކުރުމަށްފަހު އެ ޓީމުގެ ކެޕްޓަން އަހުމަދު އިނާން އުފާފާޅު ކުރަނީ--- ފޮޓޯ: މިހާރު
ހުލާސާ
- ހޮނިހިރު ދުވަހުގެރޭ ކުޅުނު މި މެޗުގެ ތަރިއަކީ، ފުވައްމުލަކު ޓީމުގެ އަލީ ޝަމާލް އަބްދުﷲ. އޭނާ ވަނީ މެޗުގައި ހެޓްރިކެއް ހަދާފައި.
- މި ނަތީޖާއާއެކު، ކުޅުނު 3 މެޗުން މޮޅުވެ 9 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި އޮތީ ފުވައްމުލަކު.
ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ގްރޫޕް-އޭގައި ފުވައްމުލަކުން މީދޫ 4-0 އިން ބަލިކޮށް، ދެވަނަ ބުރުން ޖާގައެއް ކަށަވަރުކޮށްފިއެވެ. ހޮނިހިރު ދުވަހުގެރޭ ކުޅުނު މި މެޗުގެ ތަރިއަކީ، ފުވައްމުލަކު ޓީމުގެ އަލީ ޝަމާލް އަބްދުﷲއެވެ. އޭނާ ވަނީ މެޗުގައި ހެޓްރިކެއް ހަދާފައެވެ.
ފުވައްމުލަކުން މެޗުގެ ލީޑު ނެގީ މެޗުގެ 15 ވަނަ މިނެޓުގައި ޝަމާލް ކާމިޔާބުކުރި ގޯލަކުންނެވެ. މިއީ މީދޫގެ ހާފުގެ މެދަކާ ހިސާބުން ލިބުނު ހިލޭ ޖެހުމަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
އޭގެ ކުޑަ ވަގުތު ކޮޅެއް ފަހުން، މެޗުގެ 18 ވަނަ މިނެޓުގައި ޝަމާލް ވަނީ ފުވައްމުލަކުގެ ލީޑު ފުޅާކޮށްދީފައެވެ. މި ނަތީޖާގައި އޮވެ ފުރަތަމަ ހާފު ނިމުނު އިރު، އެ ޓީމުގެ ބާކީ ގޯލުތައް ފެނިގެން ގޮސްފައިވަނީ މެޗު ނިމެން ގާތްވެފައި ވަނިކޮށެވެ.
އެގޮތުން ފުވައްމުލަކު ޓީމުގެ 3 ވަނަ ގޯލު ޖަހާފައިވަނީ މެޗު ނިމެން 4 މިނެޓަށް ވެފައި ވަނިކޮށް އެ ޓީމުގެ ކެޕްޓަން އިނާން އަހުމަދެވެ. މި ގޯލުގައި ވެސް ޝަމާލްގެ ހިއްސާ އޮތެވެ. ފުވައްމުލަކަށް ލިބުނު ހިލޭ ޖެހުން މީދޫގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ޝަމާލް ފޮނުވާލިއިރު އިނާން މި ބޯޅަ ގޯލަށް ފޮނުވާލީ ކޮންޓްރޯލް ނުކޮށް ދުރުކަނަށް އަމާޒުކޮށްގެންނެވެ.
މި މެޗުގައި ޝަމާލްގެ ހެޓްރިކް ފުރިހަމަކުރީ އިތުރު ވަގުތުގައި ފުވައްމުލަކަށް ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ މުބާރާތުގައި އޭނާ ކާމިޔާބުކުރި 6 ވަނަ ގޯލެވެ.
މި ނަތީޖާއާއެކު، ކުޅުނު 3 މެޗުން މޮޅުވެ 9 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި އޮތީ ފުވައްމުލަކެވެ. 5 ޓީމު ހިމެނޭ މި ގްރޫޕުގައި އިތުރު މެޗެއް އަދި ފުވައްމުލަކަށް އޮންނާނެއެވެ. ދެން އެ ޓީމު ބައްދަލުކުރަން ޖެހޭނީ ކުޅުނު 2 މެޗުން ވެސް ޕޮއިންޓެއް ލިބިފައިނުވާ ފަރެސްމާތޮޑާއާއެވެ.
މި ގްރޫޕްގެ ދެވަނައިގައި އޮތީ ކުޑަހުވަދޫއެވެ. އެ ޓީމަށްވަނީ 2 މެޗުން 3 ޕޮއިންޓު ލިބިފައެވެ. އެ ޓީމުން ކުޅެ 3 ވަނަ މެޗު އޮންނާނީ މިއަދު ހަވީރުއެވެ.