ދުނިޔެ
އިސްރާއީލުގެ ރަހުމުކުޑަ ހަމަލާތަކުގައި ގުނަވަންތައް ވަކިވި ނަމަވެސް، ކުޑަ މުޙައްމަދުގެ ހިތްވަރަކީ ފުޓްބޯޅަ
މުޙައްމަދު ސައީދު ޝައުބާން
އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން އެތައް ކުޑަކުދިންނެއްގެ ދިރިއުޅުން ބަދަލުވެފައިވާއިރު، އުމުރުން އެންމެ 9 އަހަރުގެ މުޙައްމަދު ސައީދު ޝައުބާންއަކީ މީގެ ހިތާމަވެރި އެއް މިސާލެވެ. ނަމަވެސް، އޭނާގެ ހިތްވަރާއި ފުޓްބޯޅައަށް އޮތް ލޯތްބަކީ މިއަދު ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ ކަމެކެވެ.
ޣައްޒާގެ ޖަބަލިއާގައި ދިން އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި މުޙައްމަދުގެ ދެ ފައިގެ އިތުރުން އެއް އަތް ވަނީ ބުރިވެފައެވެ. މި ބޮޑު ނުކުޅެދުންތެރިކަމާ އެކުވެސް، މުޙައްމަދު އޭނާގެ އުންމީދުތައް ދޫކޮށެއް ނުލައެވެ. ޖަބަލިއާގައި އޭނާގެ އާއިލާ ދިރިއުޅެމުންދާ ފޭލިގޭގެ އެތެރޭގައާއި ބޭރުގައި، އެއް އަތުން އެހީތެރިކަން ހޯދައިގެން މުޙައްމަދު އަދިވެސް ދަނީ ފުޓްބޯޅަ ކުޅެމުންނެވެ. އޭނާގެ އެންމެ ބޮޑު ހުވަފެނަކީ މަސްނޫޢީ ފައި ލިބި، އަލުން އެހެން ކުދިންނާއެކު ދަނޑުމަތީގައި ދުވެ، ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ލިބުމެވެ.
މީގެ ދެ ދުވަސް ކުރިން ނަގާފައިވާ މުޙައްމަދުގެ ފޮޓޯތަކެއް އާންމުވެފައިވާއިރު، އެ ފޮޓޯތަކުން ފެންނަނީ އޭނާ އިންގްލެންޑުގެ މަޝްހޫރު ފުޓްބޯޅަ ތަރި ޖޫޑް ބެލިންގްހަމްގެ ޖާޒީއެއް ލައިގެން ހުއްޓައެވެ. ފުޓްބޯޅައަށް އިންތިހާއަށް ލޯބިކުރާ މި ކުޑަ ފިރިހެން ކުއްޖާ ބެލިންގްހަމްގެ ޖާޒީގައި ހުއްޓާ ފެނުމަކީ، އިއްޔެ އިންގްލެންޑުން ހޯދި ކާމިޔާބީއާ ގުޅުވައި، ގިނަ ބަޔަކު ސިފަކުރާ ގޮތުގައި އެ ޓީމަށް ލިބުނު ވަރަށް ބޮޑު ހެޔޮ ފާލެކެވެ.
އިސްރާއީލުގެ އަނިޔާވެރިކަމުގެ ސަބަބުން ޖިސްމާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، މުޙައްމަދު ސައީދު ޝައުބާންގެ ހިތުގައި ފުޓްބޯޅައަށް އޮތް ޝައުގުވެރިކަމަކީ ފަލަސްތީނުގެ ރައްޔިތުންގެ ހިތްވަރު ގަދަކަން ދޭހަކޮށްދޭ ދިރިހުރި މިސާލެކެވެ. އޭނާގެ އުންމީދަކީ ކޮންމެވެސް ދުވަހަކުން އަލުން ދުވެލާފައި ގޮސް ގޯލެއް ޖެހުމެވެ.