ދުނިޔެ

އޮސްޓްރޭލިއާއިން ކުޑަކުދިން ސޯޝަލް މީޑިއާ މަނާކުރި ނަމަވެސް އުމުރު ކަށަވަރުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް

އޮސްޓްރޭލިއާއިން ކުޑަކުދިން ސޯޝަލް މީޑިއާ  މަނާކުރި ނަމަވެސް އުމުރު ކަށަވަރުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް

ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 ޖުލައި 2026، 01:57

07 ޖުލައި 2026، 01:57

އޮސްޓްރޭލިއާ ސަރުކާރުން އުމުރުން 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް އެކަށައަޅާފައިވާ ގާނޫނަށް އަމަލުކުރަން ފެށި ނަމަވެސް، އެކަން ތަންފީޒުކުރުމުގައި ބޮޑެތި ހުރަސްތަކެއް ހުރިކަން ދިރާސާއަކުން ދައްކައިފިއެވެ.

ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި، 16 އަހަރުން ދަށުގެ ގިނަ ކުދިންނަށް އަދިވެސް ސޯޝަލް މީޑިއާގެ އެކި މަންސަތަކަށް ވަދެވެއެވެ. މިކަމާ ގުޅިގެން އޮސްޓްރޭލިއާ ސަރުކާރުން ވަނީ މިދިޔަ މަހު، ގާނޫނަށް އަމަލުނުކުރާ ޓެކްނޮލޮޖީ ކުންފުނިތައް ޖޫރިމަނާކުރާ މިންވަރު ދެގުނަ އިތުރުކޮށް، އެ ކުންފުނިތަކާ މެދު ޝަރުއީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައެވެ.

ސޮފްޓްވެއަރ ޓެސްޓުކުރާ ކުންފުންޏެއް ކަމަށްވާ 'ކޭ.ޖޭ.އާރް' އިން ކުރިއަށްގެންދިޔަ ދިރާސާގައި، ގާނޫނަށް އަމަލުކުރަން ފެށި ފަހުން 50 ފޭކް އެކައުންޓެއް ހުޅުވައި ޓެސްޓުކޮށްފައިވެއެވެ. މި ހުރިހާ އެކައުންޓެއްގައި ވެސް އުމުރަކީ 16 އަހަރު ކަމަށް ޖެހުމުން، އެއްވެސް މަންސައަކުން އުމުރު ކަށަވަރުކުރުމަށް އެއްވެސް ލިޔެކިޔުމެއް ނުވަތަ ހެއްކެއް ހުށަހެޅުމަށް އެދިފައެއް ނުވެއެވެ.

މި ދިރާސާއިން ހާމަވި ގޮތުގައި، ސޯޝަލް މީޑިއާ ކުންފުނިތަކުން މީހުންގެ އުމުރު އަންދާޒާކުރުމަށް ބޭނުންކުރާ ސިސްޓަމްތަކުން ކުޑަކުދިން ދެނެގަތުމުގައި ނުކުޅެދިފައިވާކަން މިވަނީ ހާމަވެފައެވެ.

 އުމުރު ކަށަވަރުކުރުމަށް އެއްވެސް މަންސައަކުން އަހަރެމެންގެ ކިބައިން އެދިފައެއް ނުވޭ،

       ކޭ.ޖޭ.އާރް ގެ ޑިރެކްޓަރު އެންޑްރޫ ހެމަންޑް 

މި ދިރާސާގައި ބޭނުންކުރި 50 އެކައުންޓްވެސް މިހާރު ހަރަކާތްތެރިވަމުންދާއިރު، އޭގެ ތެރޭގައި މެޓާގެ އިންސްޓަގްރާމް، ސްނެޕްޗެޓް، ޓިކްޓޮކް އަދި ޔޫޓިއުބް ފަދަ މަގުބޫލު މަންސަތައް ހިމެނެއެވެ. ހެމަންޑް ފާހަގަކުރެއްވި ގޮތުގައި، ބައެއް އެކައުންޓްތަކަށް ކުޑަކުދިންނަށް ހާއްސަ ބޭންކިންގް ޕްރޮޑަކްޓްތަކުގެ އިޝްތިހާރުތައް ލިބެމުންދެއެވެ. މިއީ އެ އެކައުންޓްތަކަކީ ކުޑަކުދިންގެ އެކައުންޓްތަކެއްކަން އެ މަންސަތަކަށް އެނގޭކަމުގެ ހެއްކެކެވެ. މީގެ އިތުރުން، އެކްސް ގައި ހުޅުވި އެކައުންޓަކަށް ބޮޑެތި މީހުންނަށް ހާއްސަ މަންޒަރުތައް ފެންނަ ކޮންޓެންޓް ލިބިފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ދިރާސާއިން ދެއްކި ގޮތުގައި، އުމުރުން 16 އަހަރުން ދަށުގެ ކަމަށް ބުނެ އެކައުންޓް ހުޅުވަން އުޅުމުން އެއްވެސް މަންސައަކުން އެ ފުރުސަތެއް ނުދެއެވެ. ނަމަވެސް، އުމުރު ކަށަވަރުކުރުމަށް ލިޔެކިޔުން ހުށަހަޅަން މަޖުބޫރުކުރީ ހަމައެކަނި އޮސްޓްރޭލިއާގެ ލައިވް-ސްޓްރީމިންގް މަންސައެއް ކަމަށްވާ 'ކިކް' އިންނެވެ.

މިކަމާ ގުޅިގެން މެޓާގެ ތަރުޖަމާނަކު ބުނީ، އުމުރު ކަށަވަރުކުރަން އެދެނީ އެ މީހެއްގެ އޮންލައިން ހަރަކާތްތަކުން އެއީ ކުޑަކުއްޖެއްކަމަށް ޝައްކުކުރެވޭ ނަމަ ކަމަށެވެ. އަދި ޓެސްޓު ކުރުމަށް ހުޅުވި އެކައުންޓްތަކަކީ ހަގީގީ ކުޑަކުދިން ބޭނުންކުރާ ގޮތަށް ބޭނުންކުރި އެކައުންޓްތަކެއްކަން ސާފުނުވާ ކަމަށްވެސް އޭނާ ބުންޏެވެ. 'ކިކް' އިން ބުނީ އެ މަންސައަކީ އަލަށް ފެށި މަންސައަކަށް ވުމުން، އުމުރު އަންދާޒާކުރެވޭ ވަރަށް ޔޫޒަރުންގެ މައުލޫމާތު ނެތުމުން އުމުރު ކަށަވަރުކުރުން މަޖުބޫރުކުރީ ކަމަށެވެ.

އޮސްޓްރޭލިއާގެ އީ-ސޭފްޓީ ކޮމިޝަނަރުގެ ތަރުޖަމާނު ވިދާޅުވީ، 16 އަހަރުން ދަށުގެ ކުދިން އެކައުންޓް ހުޅުވުން ހުއްޓުވުމަށް ބޭނުންވާ ޓެކްނޮލޮޖީއާއި ވަސީލަތްތައް ސޯޝަލް މީޑިއާ މަންސަތަކުގައި އެބަހުރި ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450