Ads by Farudhun

ޚަބަރު

400 އަށްވުރެ ގިނަ ދަރިވަރުންނަށް މިހާރުވެސް ސްކޫލްތަކުގައި ނާސްތާ ދެމުންދަނީ: މިނިސްޓަރު ޝަފީއު

400 އަށްވުރެ ގިނަ ދަރިވަރުންނަށް މިހާރުވެސް ސްކޫލްތަކުގައި ނާސްތާ ދެމުންދަނީ: މިނިސްޓަރު ޝަފީއު

އެޑިއުކޭޝަން މިނިސްޓަރު ޝަފީއު - ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

07 ޖުލައި 2026، 02:11

07 ޖުލައި 2026، 02:11

ކުރީގެ ސަރުކާރުން ފެށި ދަރިވަރުންގެ ހެނދުނުގެ ނާސްތާ ޕްރޮގްރާމް ހުއްޓާނުލައި، މިހާރުވެސް 400 އަށްވުރެ ގިނަ ދަރިވަރުންނަށް އެ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ ގިނަ ގައުމުތަކުގައި ސްކޫލް މީލްސް ނުވަތަ ނާސްތާ ޕްރޮގްރާމްތައް ހިންގި ނަމަވެސް، ރާއްޖޭގައި މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދަންވާނީ ރާއްޖޭގެ މުޖުތަމައާއި އިގްތިސާދީ ހާލަތާ ގުޅޭގޮތަކަށް ކަމަށެވެ.

މިނިސްޓަރު ޝަފީއު ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެންމެ ފުރަތަމަ ގާނޫނު އެކުލަވައިލިއިރު ހުރިހާ ކުދިންނަށް ނާސްތާ ދޭން ނިންމި ނަމަވެސް، ފަހުން އެ ސަރުކާރުން ވަނީ ހަމައެކަނި ބޭނުންވާ ކުދިންނަށް ނާސްތާ ދޭ ގޮތަށް އުސޫލު ބަދަލުކޮށްފައެވެ.

"އަޅުގަނޑުމެން މިހާރު ވެސް މި ދަނީ ކޮންމެ އަހަރެއް ފެއްޓޭއިރު ދެރަ ނިކަމެތި ކުދިން ދެނެގަނެ، އެ ރަށެއްގެ މަސްލަހަތުވެރިންނާ ވާހަކަ ދައްކައިގެން އެ ކުދިންނަށް ބޭނުންވާ ސަޕޯޓު ދެމުން،"

މިނިސްޓަރު ވިދާޅުވިއެވެ. 

މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 400 އަށްވުރެ ގިނަ ދަރިވަރުންނަށް މި އެހީތެރިކަން ދެމުންދާކަން އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދަކަށްވާއިރު، މި ޕްރޮގްރާމް ރަސްމީކޮށް ފެށީ 11 ޖޫން 2019 ގައެވެ. ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ސްކޫލްތައް ބަންދުކުރަން ޖެހުމުން އެ މަސައްކަތް މެދުކެނޑުނެވެ. އަލުން މި ޕްރޮގްރާމް ފެށިއިރު، ސަރުކާރުން ނިންމާފައިވަނީ އެންމެ ބޭނުންޖެހިފައިވާ ކުދިންނަށް އިސްކަންދީގެން މި އެހީތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށެވެ.

މިނިސްޓަރު ޝަފީއު އިތުރަށް ވިދާޅުވީ، ރާއްޖޭގައި މިފަދަ ޕްރޮގްރާމެއް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދެވޭނީ ހަގީގަތުގައިވެސް އެހީތެރިކަން ބޭނުންވާ ދަރިވަރުން ދެނެގަނެގެން ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450