ކުޅިވަރު
ބޮޑު ތަފާތަކުން ކެޔޮދޫ ބަލިކޮށް ނިއުރޭޑިއަންޓުން ފައިނަލުގެ އުއްމީދު އާކޮށްފި
ނިއު ރޭޑިއަންޓުގެ ކުޅުންތެރިއަކު ބޯޅަ ހިފައިގެން ދަނީ / ފޮޓޯ: އެފްއޭއެމް
ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްއިން ބާއްވާ 19 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި ކޭޔޫދޫ ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ކުޅުނު މެޗު 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ބޮޑުކޮށްފިއެވެ.
މި މޮޅާއެކު، ކުޅުނު ތިން މެޗުން ނިއުރޭޑިއަންޓަށް ވަނީ ފަސް ޕޮއިންޓް ލިބިފައެވެ. މިއާއެކު، މުބާރާތުގެ ފައިނަލުން ޖާގަ ހޯދާ ދެ ޓީމުގެ ތެރޭގައި ހިމެނުމުގެ ފުރުސަތު އެ ޓީމަށް މިވަނީ ހުޅުވިފައެވެ.
މެޗުގެ ކުރީކޮޅުން ފެށިގެން ނިއުރޭޑިއަންޓުން ވަނީ މެޗުގެ ކޮންޓްރޯލް އަތުލާފައެވެ. އެގޮތުން ފުރަތަމަ ހާފުގައި ތިން ލަނޑު ޖަހައި، އެ ޓީމުން ވަނީ ހަމަޖެހިލެވޭ ފަދަ ލީޑެއް ނަގާފައެވެ. މެޗުގެ 49 ވަނަ މިނެޓުގައި ނިއުރޭޑިއަންޓުން ހަތަރުވަނަ ލަނޑެއް ކާމިޔާބުކޮށްފައި ވަނިކޮށް، ކޭޔޫދޫއިން ވަނީ ލިބުނު ޕެނަލްޓީއަކުން ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ.
ނަމަވެސް، މެޗުގެ ފަހު 15 މިނެޓުގެ ތެރޭގައި ނިއުރޭޑިއަންޓުން ވަނީ އިތުރު ތިން ލަނޑު ޖަހައި، 7-1 ގެ ތަފާތަކުން މެޗު ކާމިޔާބުކޮށްފައެވެ.
މި މެޗުގެ ކުރިން ކުޅުނު ދެ މެޗުން ވެސް ނިއުރޭޑިއަންޓް ވަނީ އެއްވަރުވެފައެވެ. އެ ޓީމުން މުބާރާތް ފެށީ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކޮށް 1-1 އިން އެއްވަރުވެގެންނެވެ. ދެވަނަ މެޗުގައި މާޒިޔާއާ ބައްދަލުކުރި މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުންނެވެ.
މުބާރާތުގައި ވާދަކުރާ ހަ ޓީމުން ވެސް މިހާރު ވަނީ ތިން މެޗު ކުޅެފައެވެ. މިވަގުތު ތާވަލުގެ އެއްވަނައިގައި ހަތް ޕޮއިންޓާއެކު މާޒިޔާ އޮތްއިރު، އޮޑި ސްޕޯޓްސްއަށް ވެސް ވަނީ ހަތް ޕޮއިންޓް ލިބިފައެވެ. ނަމަވެސް އޮޑި ސްޕޯޓްސް ދެވަނައިގައި އޮތީ ގޯލުގެ ތަފާތުންނެވެ. ނިއުރޭޑިއަންޓް ތާވަލުގެ ތިންވަނައިގައި އޮތީ ފަސް ޕޮއިންޓާއެކުގައެވެ.
މި މުބާރާތް ރާވާފައިވާ ގޮތަށް ބަލާއިރު، ލީގު ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއް ފަހަރު ބައްދަލުކުރާނެއެވެ. އަދި ލީގު ބުރު ނިމޭއިރު ތާވަލުގެ އެންމެ ކުރީގައި އޮންނަ ދެ ޓީމު މުބާރާތުގެ ފައިނަލަށް ހޮވޭނެތީ، ކުރިއަށް ހުރި މެޗުތައް ވެގެންދާނީ ފޯރިގަދަ މެޗުތަކަކަށެވެ.