ދުނިޔެ
އެމެރިިކާގެ ހޮސްޕިޓަލްތަކުގެ ވަޒީފާއަށް ރޮބޮޓް, މިހާރު ރޮބޮޓް ކުއްޔަށްވެސް ލިބޭ
"މޮކްސީ" ގެ ނަމުން ނަންދެވިފައިވާ މި ރޮބޮޓަކީ ޓެކްސަސްގެ "ޑިލިޖަންޓް ރޮބޮޓިކްސް" ކުންފުނިން އުފައްދާފައިވާ ރޮބޮޓެއް
އެމެރިކާގެ އެކި ކަންކޮޅުތަކުގައި ހުރި ހޮސްޕިޓަލްތަކުގައި ބަލިމީހުންނާއި މުވައްޒަފުންނަށް މިހާރު އާދަޔާ ހިލާފު މަންޒަރެއް ފެންނަން ފަށައިފިއެވެ. އެއީ އަތެއް އިންނަ، ގާތްގަނޑަކަށް ހަތަރު ފޫޓު އުސްމިން ހުންުރި، އެކުވެރި ސިފައެއްގެ ހުދު ރޮބޮޓެއް ހޮސްޕިޓަލްގެ އެކި ދިމަދިމާލުގައި މަސައްކަތުގައި އުޅޭ މަންޒަރެވެ.
"މޮކްސީ" ގެ ނަމުން ނަންދެވިފައިވާ މި ރޮބޮޓަކީ ޓެކްސަސްގެ "ޑިލިޖަންޓް ރޮބޮޓިކްސް" ކުންފުނިން އުފައްދާފައިވާ ރޮބޮޓެކެވެ. ހޮސްޕިޓަލްގެ އެކި ދިމާލަށް ބޭނުންވާ ސިއްހީ ސާމާނު އުފުލައިދޭ މި ރޮބޮޓަކީ މިހާރު ހޮސްޕިޓަލްގެ ޓީމުގެ މުހިންމު މެންބަރެއްގެ ގޮތުގައި ނަރުހުން ބަލައިގަނެއެވެ. ބައެއް ނަރުހުން މި ރޮބޮޓާ ސަލާމްކޮށް، "ގުޑް މޯނިން" ކިޔައި އަދި ބައެއް ފަހަރު ބައްދާލައިވެސް ހަދައެވެ. މޮކްސީ މިކަމަށް އިޖާބަދެނީ އޭގެ އެލް.އީ.ޑީ ލޮލުން ހިތުގެ ބައްޓަން ދައްކާލައި، އަޑެއް ލައްވާލަމުންނެވެ.
ޑިލިޖަންޓް ރޮބޮޓިކްސްގެ ޗީފް އޮޕަރޭޓިންގ އޮފިސަރު ޓޮޑް ބްރޫގަރ ވިދާޅުވި ގޮތުގައި، މި ރޮބޮޓްތައް ހޮސްޕިޓަލްތަކަށް ވިއްކަނީއެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ "ރޮބޮޓިކްސް-އޭޒް-އަ-ސާވިސް" ނުވަތަ ކުއްޔަށް ހިފޭ ގޮތަށް ދޭ ޚިދުމަތެކެވެ. މީގެ ސަބަބުން ހޮސްޕިޓަލްތަކުން އެއްފަހަރާ ބޮޑު ހޭދައެއް ކުރާކަށް ނުޖެހެއެވެ. އަދި ޓެކްނޮލޮޖީ ހަލުވިކަމާއެކު ކުރިއަރަމުންދާތީ، އައު ސޮފްޓްވެއަރތަކާއި އިތުރު ފީޗާތައް ކުލީގެ ތެރެއިން ލިބިގެންދެއެވެ.
މިފަދަ ރޮބޮޓްތައް މިހާރު ދަނޑުވެރިކަމާއި، ވެއިޓަރުންގެ ގޮތުގައިވެސް ދަނީ ބޭނުންކުރަމުންނެވެ. އަދި އިންސާނުންނާ އެއްގޮތް ސިފަ ހުންނަ "ހިއުމަނޮއިޑް" ރޮބޮޓްތައްވެސް މިހާރު ވަނީ ތައާރަފްވެފައެވެ. މިސާލަކަށް ކެލިފޯނިއާގެ "1X" ކުންފުނިން އުފައްދާފައިވާ "ނިއޯ" ރޮބޮޓަކީ ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ފަރުމާކޮށްފައިވާ ރޮބޮޓެކެވެ. މި ރޮބޮޓް 20،000 އެމެރިކާ ޑޮލަރަށް ގަންނަން ލިބުނު ނަމަވެސް، މަހަކު 499 ޑޮލަރަށް ކުއްޔަށްވެސް ލިބެން ހުރެއެވެ.
މި ދާއިރާގެ މާހިރުން ފާހަގަކުރާ ގޮތުގައި ރޮބޮޓެއް ގަތުމުގެ ބަދަލުގައި ކުއްޔަށް ހިފުމުގެ އެންމެ ބޮޑު ފައިދާއަކީ، ކޮންމެ އަހަރަކު އުފައްދާ އައު މޮޑެލްތައް ބޭނުންކުރުމުގެ ފުރުސަތު ލިބުމެވެ. އަދި ރޮބޮޓަށް ދިމާވާ ޓެކްނިކަލް މައްސަލަތައް ހައްލުކުރުމާއި، ކޯޑިންގ ފަދަ އުނދަގޫ ކަންތައްތައް ކުރަން ނުޖެހި، އުފެއްދި ކުންފުނިން އެ ހުރިހާ ޚިދުމަތެއް ފޯރުކޮށްދިނުމެވެ.މި އައު ޓެކްނޮލޮޖީއާއެކު، ކުރިއަށް އޮތް ތަނުގައި އިންސާނުންގެ ދިރިއުޅުމުގެ އެކި މައިދާންތަކުގައި ރޮބޮޓުގެ ދައުރު މިހާރަށްވުރެ ބޮޑުވެގެންދާނެ ކަމަށް ބެލެވެއެވެ.