ކުޅިވަރު / ދުނިޔެ
ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ހަމްދަރުދީ ނުވާ މީހަކީ އިންސާނެއް ނޫން: މިޞްރުގެ ކޯޗު ޙަސަން
މިޞްރުގެ ކޯޗު ޙަސަން---
ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ނިކަމެތި ހާލަތާ މެދު ހަމްދަރުދީ ނުވާ މީހަކީ އިންސާނެއް ނޫން ކަމަށް ބުނެ، މިޞްރުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ހުސާމް ޙަސަން އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފިއެވެ.
ވޯލްޑް ކަޕްގެ ގަދަ 16 ގައި އާޖެންޓީނާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޙަސަން ވަނީ، އާޖެންޓީނާ މެޗުގެ ވާހަކަތައް މަޑުޖައްސާލުމަށްފަހު ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަސަރުގަދަ ވާހަކަތަކެއް ދައްކާފައެވެ. އޭނާ ބުނީ ފަލަސްތީނުގެ ދިފާއުގައި ވާހަކަދެއްކުމަކީ ކޮންމެ އިންސާނެއްގެ ވެސް ޒިންމާއެއް ކަމަށެވެ.
ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް، ޔޫރަޕް ނުވަތަ އެމެރިކާގައި ވިޔަސް، ޖަނަވާރަކަށް އަނިޔާއެއް ލިބުނަސް މުޅި ދުނިޔެ އެކަމާ ދެކޮޅަށް ތެދުވޭ. އެކަމަކު މިސައިލް ހަމަލާތަކުގައި ދުވާލަކު ދެތިން ހާސް މީހުން މަރުވުމަކީ މިހާރު އާދައިގެ ކަމަކަށް ވެއްޖެ.
ޙަސަން ވަރަށް ބޮޑަށް ފާޑުކިޔަމުން ބުންޏެވެ.
މިދިޔަ ހުކުރު ދުވަހު އޮސްޓްރޭލިއާ އަތުން މިޞްރު މޮޅުވި މެޗަށްފަހު ފަލަސްތީނުގެ ދިދަ ހިފައިގެން އުފާފާޅުކުރި ސަބަބާ ގުޅޭގޮތުން ސުވާލު ކުރުމުން އޭނާ ބުނީ، އެއީ ހަމައެކަނި އިންސާނިއްޔަތުކަމުގެ އިހުސާސެއް ކަމަށެވެ. އަދި އެ މޮޅު އޭނާ ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކޮށްފައެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި މިދިޔަ އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް 73،066 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި 20،179 އަށްވުރެ ގިނަ ކުޑަކުދިން ހިމެނޭއިރު، ކާބޯތަކެއްޗަށް ޖެހި ބަނޑަށްޖެހިގެން 463 މީހުން ވަނީ މަރުވެފައެވެ. ގާޒާގެ ދެ މިލިއަނަށްވުރެ ގިނަ ރައްޔިތުން މިއަދު ދިރިއުޅެމުންދަނީ ވަރަށް ނިކަމެތި ހާލެއްގައެވެ.
ކުރިއަށް އޮތް އާޖެންޓީނާ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ޙަސަން ބުނީ، ދުނިޔޭގެ ޗެމްޕިއަނުންނާއި ލިއޮނަލް މެސީއާ ދެކޮޅަށް ކުޅޭއިރު އެމީހުން ދެކެ ބިރުނުގަންނަ ކަމަށެވެ. އަދި މިޞްރުން ތަމްސީލުކުރަނީ މުޅި އަރަބި ދުނިޔެ އާއި އެފްރިކާ ކަމަށާއި، އެ ޒިންމާ ފުރިހަމައަށް އަދާކުރާނެ ކަމަށް އޭނާ ބުންޏެވެ.
ފަލަސްތީނުގެ ހައްގުގައި ޙަސަންގެ އިތުރުން ސްޕެއިންގެ ލަމީން ޔަމާލް ފަދަ ދުނިޔޭގެ މަޝްހޫރު އެތުލީޓުން ވެސް ދަނީ ފާޅުގައި އަޑުއުފުލަމުންކަން ފާހަގަކޮށްލެވެއެވެ.