ދުނިޔެ
ނަތަންޔާހޫގެ ވާހަކަތަކަކީ ފިތުނަ އުފެއްދުމަށް ދެއްކި ވާހަކަތަކެއް ކަމަށް ލުބުނާނުގެ މުހައްލިލުން ބުނެފި
އިސްރާއިލްގެ ބޮޑުވަޒީރު ނަތަންޔާހޫ. ފޮޓޯ: އޭއެފްޕީ
ލުބުނާނުގެ ބައެއް ކްރިސްޓިއަން އަވަށްތަކުން އިސްރާއީލާ ގުޅެން ބޭނުންވާ ކަމަށް ބުނެ އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކެވި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، އެއީ ލުބުނާނުގެ ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމަށް ދެއްކި ވާހަކަތަކެއް ކަމަށް ލުބުނާނުގެ މުހައްލިލުންނާއި އޮފިޝަލުން ބުނެފިއެވެ.
ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ނަތަންޔާހޫ ވިދާޅުވީ، ހިޒްބުﷲގެ ކިބައިން ސަލާމަތްވުމަށްޓަކައި ލުބުނާނުގެ ބައެއް ކްރިސްޓިއަން އަވަށްތަކުން އިސްރާއީލުގެ ބައެއްގެ ގޮތުގައި ހިމެނުމަށް އެދިފައިވާ ކަމަށެވެ. ނަމަވެސް، ލުބުނާނުގެ ދެކުނުގެ 15 ރަށެއްގެ ކްރިސްޓިއަން އާބާދީތަކުގެ އޮފިޝަލުން ވަނީ މިކަން ދޮގުކޮށް ބަޔާނެއް ނެރެފައެވެ.
ބެއިރޫތުގެ ސެއިންޓް ޖޯސެފް ޔުނިވާސިޓީގެ ޕްރޮފެސަރު ކަރީމް އެމީލް ބިތާރު އަލްޖަޒީރާއަށް ވިދާޅުވީ، "ނަތަންޔާހޫގެ ދައުވާތަކުން ހާމަވަނީ އޭނާގެ ނުބައިކަމާއި އޭނާއަކީ ބޮޑު ދޮގުވެރިއެއް ކަން" ކަމަށެވެ. އަދި ލުބުނާނުގެ އެއްވެސް މޭޔަރަކު ނުވަތަ ރަށަކުން އެފަދަ އެދުމެއް ހުށަހަޅާފައި ނުވާކަން މަޖިލިސް މެންބަރުން ކަށަވަރުކޮށްދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުހައްލިލުން ފާހަގަކުރާ ގޮތުގައި، އިސްރާއީލުން ދަނީ ކްރިސްޓިއަން އަވަށްތަކަށްވެސް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އޭސީއެލްއީޑީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރަޝާޔާ އަލް-ފަޚާރާއި ދެބްލް ފަދަ ކްރިސްޓިއަން އާބާދީ ބޮޑު ރަށްތަކަށް ވައިގެ މަގުންނާއި ބޮޑުބަޑިން ހަމަލާދީ އާންމުން މަރައި، މުދަލަށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ. މީގެ އިތުރުން، އިސްރާއީލު ސިފައިން ކްރިސްޓިއަން ދީނީ ބިނާތަކަށް ގެއްލުންދީ، ފާދިރީން މަރާފައިވާ މައްސަލަތައްވެސް ވަނީ ފެންމަތިވެފައެވެ.
ލުބުނާނުގެ ސިޔާސީ ނިޒާމު ބިނާވެފައިވަނީ މަޒްހަބީ ބަހާލުންތަކެއްގެ މައްޗަށެވެ. މުހައްލިލުން ގަބޫލުކުރާ ގޮތުގައި ނަތަންޔާހޫގެ މަގްސަދަކީ މި ނިޒާމުގެ ތެރެއިން ފިތުނަ އުފައްދައި، ލުބުނާނުގެ އެކި ދީނީ ޖަމާއަތްތައް އެއްބަޔަކު އަނެއްބަޔަކާ ޖެއްސުމެވެ. "މިއީ އިސްރާއީލުން ޒަމާނުއްސުރެ ގެންގުޅޭ 'ބައިބައިކޮށް ވެރިކަންކުރުމުގެ' އުކުޅެއް،" ބިތާރު އިތުރަށް ވިދާޅުވިއެވެ.
ސާވޭތަކުން ދައްކާ ގޮތުގައި، ހިޒްބުﷲގެ ސިޔާސަތުތަކާ މެދު ލުބުނާނުގެ ބައެއް ފަރާތްތަކުގެ މެދުގައި ހިޔާލުތަފާތުވުން ހުރި ނަމަވެސް، ރައްޔިތުންގެ 87 އިންސައްތަ ގަބޫލުކުރަނީ އިސްރާއީލަކީ ދުޝްމަނެއް ކަމަށެވެ. ލުބުނާނުގެ އޮފިޝަލުން ވަނީ މި ދަނޑިވަޅުގައި އެންމެހައި ރައްޔިތުން އެކުވެރިކަންމަތީ ދެމިތިބުމަށް ގޮވާލާފައެވެ.