ޚަބަރު
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މުވައްޒަފުންނަށް އަމާޒުކޮށް "ކްލައިމެޓް މޮޑެލިންގ" ޕްރޮގްރާމެއް ފަށައިފި
ތަމްރީނު ޕްރޮގްރާމުގެ ތެރެއިން. ފޮޓޯ: ވުޒާރާ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ ފަންނީ މުވައްޒަފުންނަށް އަމާޒުކޮށްގެން ، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން "ކްލައިމެޓް މޮޑެލިންގ އެންޑް ޑައުންސްކޭލިންގ" ގެ ނަމުގައި ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.
އިއްޔަ ފެށި މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ، މޫސުމީ މައުލޫމާތުތައް ދިރާސާކުރުމާއި، ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާކޮށް މޫސުމަށް ހޭނުމުގެ ކަންކަން ރޭވުމުގައި ގައުމީ ފެންވަރުގައި ހުރި ފަންނީ ގާބިލުކަން އިތުރުކުރުން ކަމަށް ވުޒާރާއިން ބުނެއެވެ.
އަދި އޭގެ އިތުރުން، ، މޫސުމަށް އަންނަ ބަދަލުތައް ދެނެގަނެ، އެކަންކަމަށް ތައްޔާރުވުމަށް ޓަކައި ބޭނުންވާ ފަންނީ ހުނަރުތައް މުވައްޒަފުންނަށް އުނގައިނައިދިނުމަކީ ވެސް މި ޕްރޮގްރާމުގެ މުހިންމު ބޭނުމަކަށް ވާއިރު، މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 3 ދުވަހުގެ މުއްދަތަކަށެވެ.
ރާއްޖޭގައި ހިންގާ "ނޭޝަނަލް އެޑެޕްޓޭޝަން ޕްލޭން" (އެން.އޭ.ޕީ) މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމުގައި، ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) ގެ އެހީތެރިކަމާއި، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫ.އެން.އީ.ޕީ) ގެ ފަންނީ އެހީތެރިކަން ލިބިގެނަދާނެކަމަށް މޫސުމާބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.
The Ministry of Climate Change, Environment and Energy has commenced a three day Climate Modelling and Downscaling Training Programme for technical professionals from the Maldives Meteorological Service to strengthen national capacity in climate data analysis and evidence-based… pic.twitter.com/CbpLfpT8Np
— Min. of Climate Change, Environment and Energy, MV (@MoEnvmv) July 7, 2026
މޫސުމީ ބަދަލުތަކަށް ހޭނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ދާއިރާއެއް ކަމާއި، މިފަދަ ތަމްރީނުތަކުގެ ސަބަބުން، ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތައް ދެނެގަނެވި، އެކަންކަމަށް ދުރާލައި ތައްޔާރުވުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވެސް ވުޒާރާއިން މައުލޫމާތުދެއެވެ.