ދުނިޔެ

އެމެރިކާއިން އީރާނަށް ހަމަލާދިނުމާ ގުޅިގެން ތެލުގެ އަގު އުފުލިއްޖެ

އެމެރިކާއިން އީރާނަށް ހަމަލާދިނުމާ ގުޅިގެން ތެލުގެ އަގު އުފުލިއްޖެ

ތެޔޮރައްކާ ކުރާ މަރުކަޒެއް. ފޮޓޯ: ބްލޫމްބަރގް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ޖުލައި 2026، 10:26

08 ޖުލައި 2026، 10:26

އެމެރިކާއާއި އީރާނާ ދެމެދު އަލުން ކުރިމަތިލުންތައް ފެށި، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ލިބިފައިވާ ހަމަޖެހުމަށް ބުރޫއެރުމުގެ ބިރު ބޮޑުވުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެއެވެ.

މި ކުރިމަތިލުންތަކުގެ ސަބަބުން، ހަނގުރާމައިގެ ކުރިން ތެލުގެ އަގު ހުރި މިންވަރަށް ދަށަށް ދިއުމަށްފަހު، އަލުން އަގުތައް ވަނީ މައްޗަށް އަރަން ފަށާފައެވެ.

ބައިނަލްއަގުވާމީ މިންގަނޑެއް ކަމަށްވާ ބްރެންޓް ކްރޫޑްގެ އަގު ބުދަ ދުވަހު ވަނީ 3 އިންސައްތަ މައްޗަށް ގޮސްފައެވެ. ސެޕްޓެމްބަރު މަހަށް ލަފާކުރާ ބްރެންޓް ފިއުޗާސްގެ އަގު ފީފާއަކަށް 76.07 ޑޮލަރަށް އަރާފައިވާއިރު، މިއީ ޖޫން 23 ގެ ފަހުން ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

ތެލުގެ އަގަށް މި ބަދަލު އައީ ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ވިޔަފާރި ތިން އުޅަނދަކަށް ދިން ހަމަލާތަކާ ގުޅިގެން، އެމެރިކާއިން އީރާނަށް ހަމަލާދީ، އީރާނުގެ ތެލާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ދީފައިވާ ލުއިތައް އުވާލުމާ ގުޅިގެންނެވެ. އެމެރިކާ، ގަތަރު އަދި ސައުދީ އަރަބިއްޔާއިން މި ހަމަލާތަކުގެ ޒިންމާ އަޅުވާފައިވަނީ އީރާނުގެ ބޯލަށެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އެކްސްގައި ހާމަކޮށްފައިވާ ގޮތުގައި، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާދިނުމުގެ ބަދަލުހިފުމުގެ ގޮތުން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ވަނީ ފަށާފައެވެ. ނަމަވެސް އީރާނުން މި ހަމަލާތަކުގެ ޒިންމާ ސީދާ އުފުލާފައެއް ނުވެއެވެ. އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބްއާބާދީ ވިދާޅުވީ، އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތަކުގެ ލުއި އުވާލުމަކީ ދެގައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށާއި، ގައުމީ ސަލާމަތަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.

އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ވަނީ އީރާނުގެ ތެޔޮ ވިއްކުމަށް ދީފައިވާ 60 ދުވަހުގެ ހުއްދަ ބާތިލުކޮށްފައެވެ. މީގެ ކުރިން އޯގަސްޓް 21 އާ ހަމައަށް ތެޔޮ ވިއްކުމުގެ ހުއްދަ ދީފައި އޮތް ނަމަވެސް، އާ އަމުރާއެކު ޖުލައި 17 އިން ފެށިގެން އެއްވެސް މުއާމަލާތެއް ނުކުރެވޭނެއެވެ.

އެމް.އެސް.ޓީ މާކީގެ އެނާޖީ ރިސާޗްގެ އިސްވެރިޔާ ސައުލް ކަވޮނިކް ވިދާޅުވި ގޮތުގައި، ހޯރްމޫޒް ކަނޑުއޮޅީގައި ނުރައްކާތެރި ހާލަތެއް އޮތުމުން ތެލުގެ އަގު ކުރިއަށް އޮތް ތަނުގައިވެސް މަތީގައި ހުންނާނެ ކަމަށް ބެލެވެއެވެ. އޭނާ އިތުރަށް ވިދާޅުވީ، ހޯރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށް އީރާނުން މަސައްކަތް ކުރަމުންދާ ކަމަށާއި، މީގެ ސަބަބުން ކުރިއަށް އޮތް މަސްތަކުގައި އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު 50 އިންސައްތައަށްވުރެ ދަށަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450