ކުޅިވަރު / ދުނިޔެ

މެސީ ދުނިޔޭގެ ދެ ރެކޯޑެއް މުގުރާލައިފި

މެސީ ދުނިޔޭގެ ދެ ރެކޯޑެއް މުގުރާލައިފި

މެސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 ޖުލައި 2026، 10:49

08 ޖުލައި 2026، 10:49

ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި މިސްރުގެ މައްޗަށް 3-2 އިން ކުރިހޯދައި، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު، އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ދުނިޔޭގެ ދެ ރެކޯޑެއް މުގުރާލައިފިއެވެ.

މި މެޗުގައި މެސީ ވަނީ ވޯލްޑް ކަޕް ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު 21 ލަނޑާއެކު އަމިއްލަ ކޮށްފައެވެ. މީގެ އިތުރުން އޭނާ ވެފައިވަނީ ވޯލްޑް ކަޕްގެ ޖެހިޖެހިގެން 9 މެޗުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މެޗުގެ ކުރީކޮޅު މިސްރުން ވަނީ ހައިރާންކުރުވަނިވި ކުޅުމެއް ދައްކައި ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މިސްރުގެ ފުރަތަމަ ލަނޑު ޑިފެންޑަރު ޔާސިރު އިބްރާހިމް ކާމިޔާބުކޮށްދިންއިރު، މެޗުގެ 58 ވަނަ މިނެޓުގައި އެ ޓީމުން ޖެހި ލަނޑެއް ފައުލަކާ ގުޅިގެން ރެފްރީ ބާތިލްކުރިއެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން މުސްތަފާ ޒީކޯ ލަނޑެއް ޖަހައި މިސްރަށް 2-0 ގެ ލީޑެއް ހޯދައިދިނެވެ.

އާޖެންޓީނާއިން މެޗުގެ ނަތީޖާ ބަދަލުކޮށްލަން ފެށީ 79 ވަނަ މިނެޓުގައެވެ. މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން ކްރިސްޓިއަން ރޮމޭރޯ ފުރަތަމަ ލަނޑު ޖަހައިދިންއިރު، މެޗުގެ ކުރީކޮޅު ޕެނަލްޓީއެއް ނާކާމިޔާބުވި މެސީ ވަނީ 83 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ނަތީޖާ 2-2 އަށް އެއްވަރުކޮށްދީފައެވެ. އާޖެންޓީނާ މޮޅުވި ލަނޑު މެޗުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ އެންޒޯ ފެނާންޑޭޒްއެވެ.



Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450