ޚަބަރު
ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް ތާރުއަޅައިފި
ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް ތާރުއަޅަނީ ފޮޓޯ: ޕީއެސްއެމް
މާލޭގެ ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް ތާރުއަޅާ ނިންމާލައިފިއެވެ.
މާލޭގެ ޓްރެފިކް މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ސެގްމެންޓު 4 އަދި 5ގައި ތާރު އަޅަން ފަށާފައިވަނީ ރޭގައެވެ. މި މަސައްކަތުގެ ތެރެއިން މިއަދު ހެނދުނާ ހަމައަށް ވަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް އޮތް ސަރަޙައްދުގައި ތާރުއަޅައި ނިންމާފައެވެ.
މި މަޝްރޫޢުގެ ކޮންޓްރެކްޓަރ، އެމްޓީސީސީން މަޢުލޫމާތު ދެއްވާ ގޮތުގައި، ޚާރިޖީ ވުޒާރާއިން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮތް ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ހަފުތާގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަގު ޢާންމު ދަތުރުފަތުރަށް ހުޅުވާލުމަށް ނިންމާފައިވަނީ މުޅި ސަރަޙައްދުގައި ތާރުއަޅާ އެއްކޮށް ނިންމުމަށްފަހުގައެވެ.
މި މަޝްރޫޢުގެ ދަށުން އެ ސަރަޙައްދުގެ އެއްގަމު ތޮށި ތަރައްޤީ ކޮށްފައިވަނީ މަގު އިތުރަށް ފުޅާކޮށްގެންނެވެ. މީގެ އިތުރުން، މި މަގަކީ ޒަމާނީ ފެން ހިންދާ ނިޒާމަކާއެކު ތަރައްޤީކުރެވޭ މަގެކެވެ.
ބޮޑުތަކުރުފާނުމަގުގެ މި މަޝްރޫޢު ކުރިން ޖޫން މަހަށް ނިންމުމަށް އަމާޒު ހިފި ނަމަވެސް، އެކި ސަބަބުތަކާ ހުރެ މަޝްރޫޢު ނިމޭނެ ކަމަށް މިހާރު ލަފާކުރެވެނީ މި މަހުގެ 26 ވަނަ ދުވަހަށެވެ.
މީގެކުރިން މި މަޝްރޫޢުގެ ދަށުން ޢިއްޒުއްދީން މަގުން ފެށިގެން ހެންވޭރު ޓާމިނަލާ ހަމައަށް ވަނީ ތާރުއަޅައިގެން ތަރައްޤީކޮށްފައެވެ. މިހާރު ކުރިއަށްދާ މަސައްކަތްތައް ނިމުމުން، ހެންވޭރު ޓާމިނަލުން ފެށިގެން މާލޭ ނޯތު ހާބަރާ ހަމައަށް މުޅި ސަރަޙައްދު ޒަމާނީ ފެންވަރަށް ތަރައްޤީވެގެންދާނެއެވެ.