ޚަބަރު
ދިވެހި ލިޔުންތެރިންނަކީ ގައުމިއްޔަތުގެ ރޫހު އަށަގަންނުވައިދޭ ބައެއް: ވަޒީރު ހީނާ ވަލީދު
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު
ދިވެހި ލިޔުންތެރިންނަކީ ތަހުޒީބީ ފިކުރާއި ގައުމިއްޔަތުގެ ރޫހު ދިވެހި ދަރިންގެ ހިތްތަކުގައި އަށަގެންނެވި ބައެއް ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހި ހުރިހާ ލިޔުންތެރިންނަށް ތަހުނިޔާ ފޮނުއްވަމުން ވަޒީރު މިފަދައިން ވިދާޅުވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ވަޒީރުގެ މެސެޖުގައި ދިވެހި ލިޔުންތެރިން ކުރައްވާފައިވާ އަގުހުރި މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން "އަލްއިޞްލާޙު" ފަދަ މަޖައްލާތަކުގެ އިލްމީ މަޒުމޫނުތަކުން ގައުމު ހޭލުންތެރިކުރުވުމަށާއި، "ވާހަކަ ކޮމިޓީ"ގެ އުފެއްދުންތެރިކަމުން ދިވެހިންގެ ކިޔުންތެރިކަމަށް ދެއްވި ހިތްވަރު ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކޮންމެ ލިޔުންތެރިއަކީވެސް "އަމާނާތްތެރި ލިޔުންތެރިއަކަށް ވަމާ!" މި ޝިއާރުގެ ދަށުން އެ ބޭފުޅުންގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާ ބައެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ހީނާ ވަލީދު އިތުރަށް އެދިވަޑައިގެންފައިވަނީ ދިވެހި ލިޔުންތެރިކަމަށް އިތުރު އާރޯކަމާއި ކުރިއެރުން ލިބި، ދިވެހިންގެ މެދުގައި ކިޔުންތެރިކަމުގެ ސަގާފަތް އިތުރަށް ފުޅާވެގެން ދިއުމަށެވެ.
ރާއްޖޭގައި ލިޔުންތެރިންގެ ދުވަސް ފާހަގަކުރަނީ ގައުމެއްގެ ތަރައްގީގަޔާއި އާންމު އަހުލާގު ހިފެހެއްޓުމުގައި ލިޔުންތެރިން އަދާކުރާ މުހިންމު ދައުރުގެ އަގުވަޒަންކުރުމަށެވެ. މީގެ އިތުރުން ދިވެހި ބަހާއި އަދަބިއްޔާތު ކުރިއެރުވުމަށް ކުރާ މަސައްކަތް ފާހަގަކޮށް، އައު ލިޔުންތެރިން އުފެއްދުމަށް ހިތްވަރުދިނުމަކީވެސް މި ދުވަސް ފާހަގަކުރުމުގެ މުހިންމު މަގުސަދެކެވެ.
ލިޔުންތެރިކަމަކީ ބަހެއް ދިރުވައި، މުޖުތަމައަށް ހޭލުންތެރިކަން ގެނެސްދޭ އެންމެ ވަރުގަދަ ވަސީލަތެވެ. އަދި އެއީ އެއް ޖީލުން އަނެއް ޖީލަށް ދިވެހިންގެ އާދަކާދައާއި ސަގާފަތް ފަދަ ގައުމިއްޔަތުގެ މުހިންމު ބަހާތައް ފޯރުކޮށްދިނުމަށް އޮތް އެންމެ ފުޅާ މަގެވެ.
ދިވެހިރާއްޖޭގެ 34ވަނަ ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ ދިވެހި ލިޔުންތެރިންނަށް ރައްދުކުރަމެވެ. ދިވެހި ލިޔުންތެރިންނަކީ "އަލްއިޞްލާޙު"ގެ އިލްމީ މަޒުމޫނުތަކުން ގައުމު ހޭލުންތެރިކުރުވައި، "ވާހަކަ ކޮމިޓީ"ގެ އުފެއްދުންތެރިކަމުން ދިވެހިންގެ ކިޔުންތެރިކަމަށް ހިތްވަރުދެއްވައި، ތަހުޒީބީ… pic.twitter.com/3mmm6lzxmW
— Minister of Arts, Culture and Heritage (@Minister_MACH) July 8, 2026