ދުނިޔެ
އީރާނުގެ އިގްތިސާދު ކޮޅަށް ޖެހުމަށް ދިގު ދަތުރެއް ކުރަންޖެހޭ ކަމަށް މާހިރުން ބުނެފި
އިރާނުގެ ބާޒާރެއްގައި މީހުން އެއްވެފަ. ފޮޓޯ: އޭއެފްޕީ
އީރާނާއި އެމެރިކާއާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކުރިތާ ތިން ހަފުތާ ވެފައިވާއިރު، މަސްރަހު އަދިވެސް އޮތީ ނުތަނަވަސްކޮށެވެ.
ފާއިތުވި ދެ ދުވަހު ސްޓްރެއިޓް އޮފް ހޯރްމޫޒްގައި ތިން ޓޭންކަރަކަށް ހަމަލާދީފައިވާއިރު، އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާއަށްފަހު އަންނަ ހަފުތާގައި ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް އަލުން ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އިގްތިސާދީ މާހިރުން ވިދާޅުވާ ގޮތުގައި، ހަނގުރާމަ ހުއްޓާލައި ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލި ކަމުގައިވިޔަސް، އީރާނުގެ އިގްތިސާދު އަލުން އިއާދަވުމަށް ގިނަ ދުވަސްތަކެއް ނަގާނެއެވެ. އީރާނުގެ އިގްތިސާދަށް މިހާރުވެސް ވަނީ އަހަރުތަކެއްވީ ކޮރަޕްޝަނާއި، ހިންގުމުގެ ދޯދިޔާކަމާއި، ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އިތުރުން އެމެރިކާ އަދި އިޒްރޭލާއެކު ކުރެވުނު ހަނގުރާމައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އީރާނުގެ އިންފްލޭޝަން ރޭޓް ވަނީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ނުދާހާ މައްޗަށް ގޮސްފައެވެ. ޖޫން މަހުގެ ނިޔަލަށް އިންފްލޭޝަން 88.6 އިންސައްތައަށް އަރާފައިވާއިރު، ކާބޯތަކެތީގެ އަގުތައް ވަނީ 134 އިންސައްތައަށް އުފުލިފައެވެ. މީގެ ތެރޭގައި ކައްކާ ތެލުގެ އަގު 278 އިންސައްތަ އަދި އެއްގަމު މަހުގެ އަގު 178 އިންސައްތަ މައްޗަށް ގޮސްފައިވާކަން ފާހަގަކުރެވެއެވެ.
އީރާނުގެ ވަޒީފާ ނެތް މީހުންގެ ނިސްބަތް 7.5 އިންސައްތައިގައި ހުރި ނަމަވެސް، މަސައްކަތްކުރާ އުމުރުގެ މީހުންގެ ތެރެއިން ރަސްމީ އިގްތިސާދީ ހަރަކާތްތަކުގައި ބައިވެރިވަނީ އެންމެ 40 އިންސައްތަ މީހުންނެވެ. އަދި ޒުވާނުންގެ ތެރޭގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް 20 އިންސައްތައަށްވުރެ މަތީގައި ހުރިއިރު، މަހު މުސާރައިގެ އެންމެ ދަށް މިންވަރު ހުރީ އެންމެ 95 ޑޮލަރުގައެވެ.
ވިއެނާ އިންސްޓިޓިއުޓް ފޯ އިންޓަނޭޝަނަލް އިކޮނޮމިކް ސްޓަޑީޒްގެ ސީނިއާ އިކޮނޮމިސްޓް މަހްދީ ގުދުސީ ވިދާޅުވި ގޮތުގައި، ޚިދުމަތްތަކާއި ރީޓެއިލް ދާއިރާގެ ވަޒީފާތައް އަވަހަށް އިއާދަކުރެވިދާނެއެވެ.
"ކާރުޚާނާތަކުގެ މެޝިނަރީތަކާއި އިންފްރާސްޓްރަކްޗާއަށް ލިބިފައިވާ ގެއްލުންތައް އިއާދަކުރުމަކީ އަހަރުތަކެއް ނަގާނެ، ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވާނެ ކަމެއް" ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ ރައްޔިތުންގެ މެދުގައި އޮތް ނުތަނަވަސްކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ ރައްޔިތުންނަށް އެދެވޭ ޚިދުމަތެއް ނުދެވިއްޖެނަމަ، މަގުތަކަށް ނުކުމެ މުޒާހަރާކޮށް ގައުމުގެ ބާރު ކެނޑިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. މި ދަނޑިވަޅުގައި އީރާނުގެ ހަރުކަށި ފިކުރުގެ މީހުން ދަނީ އެމެރިކާއާއެކު އެއްވެސް ދޫދިނުމެއް ދިނުމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.