ޚަބަރު
އިންޑިއާގެ މިނިސްޓަރ އޮފް ކޮމާސްއާ މިނިސްޓަރ ސައީދު ބައްދަލުކުރައްވައިފި
އިންޑިއާގެ މިނިސްޓަރ އޮފް ކޮމާސްއާ މިނިސްޓަރ ސައީދު ބައްދަލުކުރެއްވުން---
ރާއްޖޭގެ އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙއްމަދު ސައީދު، އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ މިނިސްޓަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، ޕިޔޫޝް ގޯޔަލްއާ ބައްދަލުކުރައްވައިފިއެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވުނު މި ބައްދަލުވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް އިޤުތިޞާދީ ގުޅުން އިތުރަށް ހަރުދަނާކޮށް، ވިޔަފާރީގެ ދާއިރާއިން އާ އުސްމިންތަކަކަށް ދިއުމަށް މަގުފަހިކުރުމުގެ މަޤުސަދުގައި ބޭއްވުނު ބައްދަލުވުމެކެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން މިނިސްޓަރ ސައީދު ވިދާޅުވީ، އިންޑިއާގެ ކޮމާސް މިނިސްޓަރާ އެކު ބޭއްވުނީ ވަރަށް އުންމީދީ އަދި ބިނާކުރަނިވި މަޝްވަރާތަކެއް ކަމަށެވެ. މިގޮތުން ދެ ގައުމުގެ ދެމެދުގައި ގާއިމުކުރުމަށް މަސައްކަތްކުރަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (ފްރީ ޓްރޭޑް އެގްރީމެންޓް) އާ ގުޅޭ މަޝްވަރާތަކާއި، "ބައިލެޓަރަލް އިންވެސްޓްމަންޓް ޓްރީޓީ" ފައިނަލް ކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި ވާހަކަދެއްކެވިއެވެ.
މީގެ އިތުރުން، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ވަރުގަދަކުރުމަށްޓަކައި އަލަށް ފެށިދާނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.
Pleased to meet with India’s Minister of Commerce and Industry, @PiyushGoyal, during my official visit to India.
— Mohamed Saeed (@em_saeed) July 8, 2026
We held productive and constructive discussions on advancing the Maldives–India economic partnership, including the ongoing negotiations on the India–Maldives Free… pic.twitter.com/nxToHfXvOE
މިނިސްޓަރ ސައީދު ފާހަގަކުރެއްވި ގޮތުގައި، މި މަސައްކަތްތަކަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގެންގުޅުއްވާ ތަސައްވަރު ކުރިއެރުވުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ. ދެ ގައުމުގެ ވެރިން ބޭނުންފުޅުވަނީ އިޤުތިޞާދީ ގުޅުން ބަދަހިކުރުމުގެ ތެރެއިން ދެ ގައުމަށްވެސް ފައިދާހުރި، ދެމެހެއްޓެނިވި ކުރިއެރުންތަކެއް ހޯދުމަށެވެ.
ބައްދަލުވުން ނިންމަވާލައްވަމުން މިނިސްޓަރ ސައީދު ވަނީ އިންޑިއާގެ މިނިސްޓަރ ޕިޔޫޝް ގޯޔަލް ދެއްވި ހޫނު މަރުހަބާ އާއި ބެހެއްޓެވި ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ގައުމުގެ ރައްޔިތުންނަށް މަންފާ ލިބޭނޭ ފަދަ އަމަލީ ނަތީޖާތަކެއް ހާސިލުކުރުމަށްޓަކައި އިންޑިއާއާ އެކު ގާތުން މަސައްކަތްކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.