ދުނިޔެ

ޕާކިސްތާނުގެ މުދާ އުފުލާ މަތިންދާ ބޯޓެއް ގެއްލިގެން އެ ބޯޓު ހޯދުމުގެ މަސައްކަތް ފަށައިފި

ޕާކިސްތާނުގެ މުދާ އުފުލާ މަތިންދާ ބޯޓެއް ގެއްލިގެން އެ ބޯޓު ހޯދުމުގެ މަސައްކަތް ފަށައިފި

ކޭ2 އެއަރ ކާގޯ ފްލައިޓް---

farudhun logo

ފަރުދުން

08 ޖުލައި 2026، 07:58

08 ޖުލައި 2026، 07:58

ޢަރަބި ކަނޑުގެ މަތިން ދަތުރުކުރަނިކޮށް، ފަސް ފަޅުވެރިންނާއެކު ޕާކިސްތާނުގެ މުދާ އުފުލާ މަތިންދާ ބޯޓެއް ގެއްލިގެން އެ ބޯޓު ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ފަށައިފިއެވެ.

ޕާކިސްތާނުގެ އެއަރޕޯޓްސް އޮތޯރިޓީން މަޢުލޫމާތު ދޭ ގޮތުގައި، ގެއްލިގެން ހޯދަމުންދަނީ ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ޝާރްޖާއިން ފުރައިގެން ޕާކިސްތާނުގެ ކަރާޗީއަށް ދަތުރުކުރި ކޭ2 އެއަރވޭޒްގެ ބޯއިންގް 737-400 މަރުކާރުގެ ބޯޓެކެވެ. މި ބޯޓުގެ ނެވިގޭޝަން ސިސްޓަމަށް މައްސަލައެއް ދިމާވެގެން ރިޕޯޓްކުރުމަށްފަހު، އެއަރ ޓްރެފިކް ކޮންޓްރޯލާ އޮތް ގުޅުން ކެނޑިފައިވަނީ އަންގާރަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

މަތިންދާ ބޯޓު ޓްރެކްކުރުމަށް ބޭނުންކުރާ ފްލައިޓް ރޭޑާ24 އިން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ކޮންޓްރޯލް ޓަވަރާ އޮތް ގުޅުން ކެނޑުމުގެ ކުޑަވަގުތުކޮޅެއް ކުރިން ބޯޓުގެ އުސްމިނަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. އެގޮތުން އެއް މިނެޓަށްވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި 5،000 ފޫޓު ތިރިވުމަށްފަހު، އަނެއްކާވެސް 6،000 ފޫޓަށް މައްޗަށް އަރާފައިވެއެވެ. ބޯޓުގެ ސިގްނަލް އެންމެ ފަހުން ލިބުނުއިރު، ބޯޓު ދިޔައީ ވަރަށް ބާރު މިނެއްގައި ތިރިއަށް މިސްރާބު ޖަހަމުންނެވެ. ބޯޓުގެ ގުޅުން ކެނޑުނުއިރު އޮތީ ކަރާޗީގެ ހުޅަނގުން 155 ނޯޓިކަލް މޭލު ބޭރުގައެވެ.

ބޯޓު ހޯދުމުގެ މަސައްކަތުގައި ޕާކިސްތާނުގެ ކަނޑުގެ ސިފައިންގެ މަނަވަރަކާއި، ދެ މަތިންދާ ބޯޓުގެ އިތުރުން މުދާ އުފުލާ ބޯޓެއް ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް، މިހާތަނަށް ބޯޓުގެ އެއްވެސް ނިޝާނެއް ނުވަތަ ފަޅުވެރިއެއްގެ ޚަބަރެއް ވެސް ލިބިފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން ކޭ2 އެއަރވޭޒް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގެއްލުނު ފަޅުވެރިންގެ ސަލާމަތަށް އެދި ދުޢާކުރާ ކަމަށާއި، ބޯޓު ހޯދުމުގެ މަސައްކަތުގައި ކަމާބެހޭ އިދާރާތަކަށް ފުރިހަމަ އެއްބާރުލުން ދެމުންދާނެ ކަމަށެވެ. 1999 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުންދާ މި ބޯޓަކީ ކުރިން ރަޝިޔާގެ އެއިރޯފްލޮޓް އަދި އިންޑޮނޭޝިޔާގެ ގަރޫޑާގައި ފަސިންޖަރުން އުފުލަން ބޭނުންކުރި ބޯޓެކެވެ. މި ބޯޓު މުދާ އުފުލާ ބޯޓަކަށް ބަދަލުކޮށްފައިވަނީ 2012 ވަނަ އަހަރުއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ މި ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރައްވައި، ގެއްލުނު ފަޅުވެރިންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450