ޚަބަރު
ވަޒީރު ހީނާ "ތަރިކަވެރިންގެ އަޑު" އައްސަވައިފި
ތަރިކަވެރިންނާ ވަޒީރު ހީނާ ބައްދަލުކުރެއްވުން / ފޮޓޯ: ތަރިކައާ ސަޤާފަތާ ބެހޭ ވުޒާރާ
ދިވެހި ސަގާފަތާއި ތަރިކައާ ބެހޭ ދާއިރާގެ ކަންކަން ރޭވުމުގައްޔާއި ނިންމުންތައް ކަނޑައެޅުމުގައި ތަރިކަވެރިންގެ ބައިވެރިވުން އިތުރުކުރުމުގެ މަޤުސަދުގައި، "ތަރިކަވެރިންގެ އަޑު"ގެ ނަމުގައި ޚާއްޞަ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ. ޤައުމީ ދާރުލްއާސާރުގެ ހޯލްގައި ބޭއްވުނު މި ބައްދަލުވުމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދުގެ އިތުރުން، އެ ވުޒާރާގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ތަރިކަވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ ތަރިކަވެރިންގެ ފަންނުގައި ހުރި ކަންބޮޑުވުންތަކާއި ގޮންޖެހުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން ދެއްވާ ޚާއްޞަ އިސްކަމުގެ ތެރެއިން ފެއްޓެވި މުހިންމު މަސައްކަތެކެވެ. މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ދާއިރާގެ ބޭފުޅުންގެ އިހުސާސްތައް ދެނެގަތުމާއި، ތަރިކަވެރިންގެ ޚިޔާލާއި މަޝްވަރާ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނުމެވެ.
މި ބައްދަލުވުމުގައި ވަޒީރު ވަނީ ތަރިކަވެރިންނާ އެކު ގިނަ ވަގުތުތަކެއް ހޭދަކުރައްވައި، އެ ބޭފުޅުންގެ މަސައްކަތުގެ ދާއިރާތަކުގެ ވާހަކަތައް ވަރަށް ގާތުން އަޑުއައްސަވާފައެވެ. އަދި ސަރުކާރާ ގުޅިގެން ސަގާފީ މަސައްކަތްތައް އިތުރަށް ތަރައްޤީ ކުރެވޭނޭ ގޮތްތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.
ބައްދަލުވުމަށް ފަހު ބައިވެރިންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އެއްބަޔަކު އަނެއްބަޔަކާ ދިމާވެ ތަފާތު ފަންނުވެރިންގެ ޚިޔާލާއި މަޝްވަރާ އާއި ވުޒާރާ އާއި ފަންނުވެރިންނާ ގުޅިގެން ކުރެވިދާނެ ވަރަށް ގިނަ ކަންތައްތަކުގެ ޚިޔާލު ލިބިގެންގޮސްފައިވާ ކަމަށެވެ. އަދި ދާއިރާގެ ފަންނީ ތަޖުރިބާކާރުންގެ ބައިވެރިވުން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދިވެހި ޤައުމިއްޔަތު އިޔާދަކުރުމުގެ ޤައުމީ މަޝްރޫއަށް ލިބޭނެ ބޮޑު ކުރިއެރުމެއްކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.