ދުނިޔެ

ކޮންގޯގައި އިބޯލާ ޖެހިގެން މަރުވި މީހުންގެ އަދަދު 600 އަށް އަރައިފި

ކޮންގޯގައި އިބޯލާ ޖެހިގެން މަރުވި މީހުންގެ އަދަދު 600 އަށް އަރައިފި

ކޮންގޯގައި މަރުވި ބައެއްގެ ސަންދޯއްތަކެއް. ފޮޓޯ: ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ޖުލައި 2026، 09:47

09 ޖުލައި 2026، 09:47

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ (ޑީއާރުސީ) ގައި ފެތުރެމުންދާ އިބޯލާ ބަލީގައި މަރުވި މީހުންގެ އަދަދު 600 އަށް އަރައިފިއެވެ.

ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ބަލި ޖެހިފައިވާކަން ކަށަވަރުކުރެވުނު މީހުންގެ އަދަދު މިހާރު ވަނީ 1,759 އަށް އުފުލިފައެވެ.

ބުދަ ދުވަހު އާންމުކުރި މި ހިސާބުތަކަކީ އަންގާރަ ދުވަހުގެ ނިޔަލަށް ކަށަވަރުކުރެވިފައިވާ އަދަދުތަކެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އަލަށް 51 މީހަކަށް ބަލިޖެހި، 20 މީހުން ވަނީ މަރުވެފައެވެ. މީގެ އިތުރުން ކޮންގޯގެ އެންމެ ބޮޑު އެއް ސިޓީ ކަމަށްވާ ކިސަންގަނީން ފެނުނު ދެ ކޭސްއެއްގެ ޓެސްޓު ނަތީޖާ ކަށަވަރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ބަލިމަޑުކަމުގެ ހާލަތު ގޯސްވަމުންދާއިރު، ބަލީގެ ނުރައްކާ އެންމެ ބޮޑު އިޓޫރީ ޕްރޮވިންސްގެ ސިއްހީ އެހީތެރިން ދަނީ މުސާރަ ނުލިބޭތީ އިހުތިޖާޖުކޮށް މަސައްކަތުން ދުރުވަމުންނެވެ. އިޓޫރީގެ ސިއްހީ މަސައްކަތްތެރިން ވަނީ 24 ގަޑިއިރުގެ ތެރޭގައި މުސާރަ ނުދީފިނަމަ ހަޅުތާލު ކުރާނެ ކަމުގެ އިންޒާރު ސަރުކާރަށް ދީފައެވެ.

މަސައްކަތް ހުއްޓާލި ބައެއް މުވައްޒަފުން ބުނިގޮތުގައި، މެއި މަހުގެ 15 ވަނަ ދުވަހު ބަލިމަޑުކަން އިއުލާނުކުރި ފަހުން އެމީހުންނަށް މުސާރައާއި ބޯނަސް ލިބިފައެއް ނުވެއެވެ. އަދި މަސައްކަތް ކުރަންޖެހެނީ އެކަށީގެންވާ ވަސީލަތްތައް ނެތި ކަމަށާއި، ކަމާބެހޭ ފަރާތްތަކުން އެމީހުންނާ މެދު ބަހައްޓަނީ ބޭއިންސާފު އިހުތިރާމެއް ކަމަށްވެސް އެމީހުން ބުނެފައިވެއެވެ.

އިޓޫރީގެ އެޕިޑެމިއޮލޮޖިކަލް ސަަވައިލަންސް ކޮމިޓީގެ މެންބަރެއް ކަމަށްވާ ޑރ. ބިއެންސީ ކާނޯ ވިދާޅުވީ، "އިބޯލާ ބަލިމަޑުކަން އިއުލާނުކުރީއްސުރެ އަޅުގަނޑުމެން ދަނީ ކުރާ މަސައްކަތުގެ އުޖޫރައަށް އެދެމުން" ކަމަށެވެ. މި ހަޅުތާލު ފަށާފައިވަނީ މި ބަލިމަޑުކަމަށް ޒިންމާވާ 'ބަންޑިބުގްޔޯ' ވައިރަހަށް ފަރުވާ ހޯދުމުގެ ކްލިނިކަލް ޓްރަޔަލްތައް ފަށަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން މެއި މަހު މިއީ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ކަނޑައެޅިއިރު، މި ވައިރަސް ދިޔައީ މައިނިންގް ސަރަހައްދުތަކުގައި ނޭނގި ފެތުރެމުންނެވެ. މިހާރު ފެތުރެމުންދާ ބަންޑިބުގްޔޯ ވައިރަހަކީ އެހެން ބައެއް ވައިރަސްތަކާ އަޅާބަލާއިރު މަރުވާ މިންވަރު މަދު ވައިރަހެއް ނަމަވެސް، މީގެ ރަސްމީ ވެކްސިނެއް އަދި އުފައްދާފައެއް ނުވެއެވެ.
 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450