ދުނިޔެ
ޕާކިސްތާނުން ގެއްލުނު ކާގޯ ބޯޓުގެ ބައިތައް ކަނޑުގެ އަޑިން ފެނިއްޖެ
ގެއްލުނު ކާގޯ ބޯޓުގެ ބައިތައް ކަނޑުގެ އަޑިން ނެގުން. ފޮޓޯ: ސަޢުދީ ގެޒެޓް
ޕާކިސްތާނުގެ ކަރާޗީގެ އައްސޭރިފަށުން ގެއްލުނު ކޭ2 އެއާވޭޒްގެ ކާގޯ ބޯޓުގެ ބައިތައް، 12 ގަޑިއިރުގެ ސާޗް އޮޕަރޭޝަނަކަށްފަހު ފެނިފައިވާ ކަމަށް އެ ގައުމުގެ އެއާޕޯޓްސް އޮތޯރިޓީން ބުނެފިއެވެ.
މި ބޯޓުގެ ބައިތައް ފެނިފައިވަނީ ޕާކިސްތާނުގެ ދެކުނު އައްސޭރިފަށުގެ ރަށެއް ކަމަށްވާ އޮރުމާރާގެ ދެކުނުން 53 ނޯޓިކަލް މޭލު ބޭރުން ކަނޑުގެ އަޑިންނެވެ.
ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ޝާރްޖާ އިން ފުރައިގެން ކަރާޗީއަށް ދަތުރުކުރި މި ބޯޓު ރާޑަރުން ގެއްލުނީ އަންގާރަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. ޕާކިސްތާން އެއާޕޯޓްސް އޮތޯރިޓީ (ޕީއޭއޭ) އިން ބުނި ގޮތުގައި، ބޯޓު ގެއްލުމުގެ ކުރިން ބޯޓުގެ ނެވިގޭޝަން ސިސްޓަމަށް މައްސަލައެއް ދިމާވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އަދި އޭގެ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ބޯޓު ވަރަށް ބާރަށް ތިރިއަށް ދަމުންދާ ކަމަށް ރާޑަރުން ދައްކާފައިވެއެވެ.
ބޯޓު ގެއްލުނު އިރު އޭގައި ފަސް ފަޅުވެރިން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ޕައިލެޓުންނާއި، ދެ އިންޖިނިއަރުންގެ އިތުރުން ސަޕޯޓް ސްޓާފެކެވެ. ޕީއޭއޭ އިން އެކްސްގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ޕާކިސްތާނުގެ ނޭވީ އާއި މެރިޓައިމް ރެސްކިއު އެޖެންސީ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ބޯޓުގެ ބައިތައް ދެނެގަނެވިފައިވާ ކަމަށެވެ. ނަމަވެސް، ފަޅުވެރިންނަށް ވީގޮތެއް މިހާތަނަށް ރަސްމީ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
ފްލައިޓްރާޑާ24 ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ބޯޓު ވެއްޓުމުގެ ކުރިން އާދަޔާ ހިލާފު ހަރަކާތްތަކެއް ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން އެއް މިނެޓަށް ވުރެ ކުރު ވަގުތެއްގެ ތެރޭގައި 5،000 ފޫޓު ތިރިވުމަށްފަހު، އަލުން 6،000 ފޫޓަށް މައްޗަށް އަރާފައިވެއެވެ. އަދި އޭގެ ފަހުން 36،550 ފޫޓު މަތިން ވަރަށް ބާރުމިނުގައި ކަނޑަށް ވެއްޓިފައިވާ ކަމަށް ޑޭޓާތަކުން ދައްކައެވެ.
މި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ފުން ހިތާމައެއް ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ ޕްރައިވެޓް ކާގޯ ބޯޓެއް އަރަބި ކަނޑަށް ވެއްޓި ހިނގި މި ހާދިސާއަކީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށެވެ. ކޭ2 އެއާވޭޒް އަކީ ޕާކިސްތާނުގެ އަމިއްލަ ކުންފުންޏަކުން ހިންގާ އެއާލައިނެކެވެ. ވެއްޓުނު ބޯއިން 737-400 މަރުކާގެ މި ބޯޓަކީ އެ ކުންފުނީގައި އޮތް ހަމައެކަނި ބޯޓެވެ.
މިއީ 2020 ވަނަ އަހަރު ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސްގެ ބޯޓެއް ކަރާޗީއަށް ވެއްޓި 97 މީހުން މަރުވި ހާދިސާއަށްފަހު، އެ ގައުމުގައި ހިނގި މިފަދަ ފުރަތަމަ ނުރައްކާތެރި ހާދިސާއެވެ. މިހާރު ކުރިއަށްދަނީ ބޯޓުގެ ފަޅުވެރިން ހޯދުމުގެ މަސައްކަތާއި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ ތަހުގީގެވެ.