Ads by Farudhun

ޚަބަރު

ހުޅުމާލޭގެ 3 މަގެއްގައި ތާރު އަޅާ ނިމިއްޖެ: މުޅި މަޝްރޫޢުގެ 46 އިންސައްތަ މަސައްކަތް ފުރިހަމަކޮށްފި

ހުޅުމާލޭގެ 3 މަގެއްގައި ތާރު އަޅާ ނިމިއްޖެ: މުޅި މަޝްރޫޢުގެ 46 އިންސައްތަ މަސައްކަތް ފުރިހަމަކޮށްފި

ހުޅުމާލޭ ފޭސް ތިނެއްގައި ތާރު އަޅާފައިވާ މަގެއް ފޮޓޯ: ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 ޖުލައި 2026، 11:22

09 ޖުލައި 2026، 11:22

ހުޅުމާލެ ފޭސް 1 އަދި 2 އެއްގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ނުހެދި ހުރި މަގުތައް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، މިހާތަނަށް ތިން މަގެއްގައި ތާރު އަޅާ ނިންމާލާފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ޗައިނާގެ ރޮޓިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ހުޅުމާލޭގެ ދަތުރުފަތުރާއި އާންމު ދިރިއުޅުމަށް ބޮޑެތި ފަސޭހަތަކެއް ގެނައުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

މި މަޝްރޫޢުގެ ދަށުން މިހާތަނަށް ތާރު އަޅާ ނިމިފައިވަނީ:

  • އެޕޯލޯ ފްލެޓްތަކުގެ ބިއްދޮށުން އޮންނަ މަގު.
  • ވަން ސެންޓްރަލް ޕާކް ރެސިޑެންސްއާ އިންވެގެން އޮންނަ މަގު.
  • ރޭތިގަލް ރެސިޑެންސްއާ އިންވެގެން އޮންނަ މަގު.


އެޗްޑީސީން މަޢުލޫމާތު ދެއްވި ގޮތުގައި، މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ފޭސް 2 ގެ ވިނަރެސް ފްލެޓްތަކުގެ ބިއްދޮށުން، ކުރީގެ ފަރުކޮޅުފުއްޓާ ދިމާލަށް އޮންނަ މަގުގެ މަސައްކަތެވެ. އެ މަގުގެ ސަބްބޭސްގެ މަސައްކަތްތައް ނިމި، މިހާރު ކުރިއަށްދަނީ ތާރު އެޅުމުގެ ތައްޔާރީތަކެވެ.

ޖުމްލަ 1.1 ކިލޯމީޓަރުގެ މަގު ހެދުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގައި، ތާރު އެޅުމުގެ އިތުރުން ޒަމާނީ ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، މަގުތައް އަލިކުރުމަށް ލައިޓް ހަރުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އަދި މި މަގުތަކަކީ ފުރޮޅުލީ ގޮނޑި ބޭނުންކުރާ ފަރާތްތަކަށް ވެސް ފަސޭހައިން ބޭނުންކުރެވޭނެހެން ފަރުމާކޮށްފައިވާ މަގުތަކެކެވެ.

މުޅި މަޝްރޫޢުގެ 46 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، ހުޅުމާލޭގެ ހަލާކުވެފައިވާ މަގުތައް މަރާމާތުކުރުމުގެ 30 އިންސައްތަ މަސައްކަތް ވެސް ވަނީ ނިމިފައެވެ.

މި މަޝްރޫޢު އެއްކޮށް ނިމުމުން، ހުޅުމާލެ ފޭސް 1 ގައި ނުހެދި ހުރި ހުރިހާ މަގުތަކެއްގައި ތާރު އެޅި، ވިނަރެސް ސަރަޙައްދުގެ މަގުތަކާއެކު އާންމުން ދިރިއުޅޭ ހުރިހާ ސަރަޙައްދެއްގެ މަގުތައް ބޭނުންކުރުމުގައި ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450