ދުނިޔެ

އިރާނުގެ އިންޒާރު އެމެރިކާއަށް: ހޮރްމޫޒް ކަނޑުއޮޅި ހުޅުވާނީ އީރާނުން ބޭނުންވާ ވަގުތަކު ބޭނުންވާ ގޮަތަކަށް

އިރާނުގެ އިންޒާރު އެމެރިކާއަށް: ހޮރްމޫޒް ކަނޑުއޮޅި ހުޅުވާނީ އީރާނުން ބޭނުންވާ ވަގުތަކު ބޭނުންވާ ގޮަތަކަށް

ހޮރުމޫޒް ކަނޑުއޮޅި - ފޮޓޯ: ރޮއިޓާސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

09 ޖުލައި 2026، 01:19

09 ޖުލައި 2026، 01:19

ދުނިޔޭގެ އިގްތިސާދީ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމާއި ބަންދުކުރުމުގެ ފުރިހަމަ އިޚުތިޔާރު އޮތީ އީރާނަށް ކަމަށާއި، އެކަން ކުރާނީ އެ ގައުމުން ބޭނުންވާ ގޮތަކަށް، ބޭނުންވާ ވަގުތެއްގައި ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣާލިބާފް މިހެން ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުވެފައި ވަނިކޮށް، އީރާނުގެ ކަނޑުގެ އޮޕަރޭޝަންތަކަށް އަމާޒުކޮށް އެމެރިކާއިން އަސްކަރީ ހަމަލާތަކެއް ދޭން ފެށުމާ ގުޅިގެންނެވެ. އެމެރިކާއާ އެކު ކުރެވޭ މަޝްވަރާތަކުގައި އިސްކޮށް އުޅުއްވާ ޣާލިބާފް އިތުރަށް ވިދާޅުވީ، ބައިނަލްއަގުވާމީ ފަރާތްތަކުން ކިތަންމެ ބޮޑު ޕްރެޝަރެއް ކުރި ނަމަވެސް، އެ ސަރަހައްދުން ދަތުރުކުރާ ވިޔަފާރި ބޯޓުފަހަރުގެ މައްޗަށް އޮންނަ ކޮންޓްރޯލް އީރާނުން ދޫނުކުރާނެ ކަމަށެވެ.

މި މައްސަލައިގައި އީރާނުން ބުނަމުންދަނީ ކަނޑުއޮޅި ހުރަސްކުރާ ކޮންމެ އުޅަނދަކުންވެސް ސަލާމަތީ ގޮތުން ބަލަންޖެހޭ ކަންކަމަށް އެއްބާރުލުން ދޭންޖެހޭނެ ކަމަށެވެ. ނަމަވެސް އެމެރިކާއާއި ގަލްފުގެ އަރަބި ގައުމުތަކުން މިކަމާ ދެކޮޅެވެ. އެ ގައުމުތަކުން ބުނާ ގޮތުގައި ބައިނަލްއަގުވާމީ ކަނޑުގެ ދަތުރުފަތުރުގެ ހައްގުތަކުގެ ދަށުން، އީރާނުގެ ހުއްދަ ހޯދުމަކާ ނުލައި އުޅަނދުފަހަރަށް އެ ސަރަހައްދުން ދަތުރުކުރެވެން ޖެހޭނެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން، އީރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށް، އެއްވެސް އުޅަނދަކަށް އެ ސަރަހައްދުން ދަތުރު ނުކުރެވޭނެކަން އިއުލާންކޮށްފައެވެ. އޭގެ ފަހުން މިދިޔަ މަހު ހަނގުރާމަ މެދުކަނޑާލުމަށް އެއްބަސްވުމެއް ގާއިމުވުމުން ކަނޑުއޮޅި ހުޅުވާލި ނަމަވެސް، އީރާނުން ކަނޑައެޅި އުސޫލުތަކަށް ބޯޓުފަހަރުން އަމަލުނުކުރާ ކަމަށް ބުނެ އަނެއްކާވެސް ވަނީ ހަމަލާތައް ބަދަލުކުރަން ފަށާފައެވެ. މިއާއެކު މުޅި ސަރަހައްދުގެ މަސްރަހު މިހާރު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ.

އީރާނާއި އޮމާނާ ދެމެދު އޮންނަ ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމާ ސީދާ ގުޅިފައިވާ ތަނެކެވެ. ދުނިޔޭގައި ބޭނުންކުރާ ޖުމްލަ ތެލުގެ ގާތްގަނޑަކަށް 20 އިންސައްތަ އުފުލަނީ މި ހަނި ކަނޑުއޮޅި މެދުވެރިކޮށެވެ. ގާތްގަނޑަކަށް 100 މޭލު ދިގު، އަދި އެންމެ ހަނި ހިސާބުގައި އެންމެ 21 މޭލު ހުންނަ މި ސަރަހައްދުން ސައޫދީ އަރަބިއްޔާ، ޔޫއޭއީ، އިރާގު، ކުވެއިތު، ގަތަރު އަދި އީރާނުގެ ތެލާއި ގޭސް ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ ޗައިނާ، ޔޫރަޕް އަދި އެމެރިކާއަށް އުފުލައެވެ.

މި ކަނޑުއޮޅީގެ ދަތުރުފަތުރަށް އެއްވެސް ބުރޫއެއް އަރައިފިނަމަ، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު އިންތިހާއަށް މައްޗަށް ގޮސް، ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑު ހަމަނުޖެހުމަކަށް މަގުފަހިވެދާނެ ކަމުގެ ބިރު ކަމާބެހޭ މާހިރުން ދަނީ ފާޅުކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450