ދުނިޔެ
އީރާނާއި އެމެރިކާގެ މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމަށް ޤަޠަރުން ބުނެފި
ޤަޠަރުގެ ފޮރިން މިނިސްޓްރީ.
މެދުއިރުމަތީގައި ނުތަނަވަސްކަން ބޮޑުވެ، އަލުން ހަނގުރާމަ ފެށިދާނެ ކަމުގެ ބިރު އޮތް ނަމަވެސް، އީރާނާއި އެމެރިކާއާ ދެމެދު ސިޔާސީ ގޮތުން ކުރިއަށްގެންދާ މަޝްވަރާތައް އަދިވެސް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ޤަޠަރުން ހާމަކޮށްފިއެވެ.
މި މަޝްވަރާތަކުގައި ދެ ފަރާތުންވެސް ޑިޕްލޮމެޓިކް މަސައްކަތްތަކުގައި ބައިވެރިވަމުން އަންނަ ކަމަށް ޤަޠަރުގެ ފޮރިން މިނިސްޓްރީން ބުނެއެވެ.
ދޯހާގައި ކުރިއަށްދިޔަ ގްލޯބަލް ސެކިއުރިޓީ ފޯރަމްގައި ވާހަކަދައްކަވަމުން ޤަޠަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މަޖިދް އަލް އަންސާރީ ވިދާޅުވީ، މަޝްވަރާތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށާއި ދެ ޤައުމުގެ އެއްބާރުލުން ފެންނަމުންދާ ކަމަށެވެ. އަދި މަޝްވަރާތަކާ ގުޅޭ މާބޮޑު ތަފުސީލެއް މީޑިއާއަށް ތިލަނުވުމަކީ ޤަޠަރުން ކުރަމުންދާ މަސައްކަތް ރަނގަޅަށް ކުރިއަށްދާ ކަމުގެ ހެއްކެއް ކަމަށާއި، މިފަދަ ވާހަކަތަކުގެ ސިއްރު ހިފެހެއްޓުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ސަރަޙައްދީ ހަމަނުޖެހުންތައް އިތުރުވަމުންދާއިރު ޤަޠަރުން އޮތީ ސަޢޫދީ ޢަރަބިއްޔާއާ އެކު ސާބިތުކަމާއެކު ކަމަށްވެސް އަލް އަންސާރީ ވިދާޅުވިއެވެ. ހޫޘީންގެ ހަމަލާތަކާ ދެކޮޅަށް ސަޢޫދީގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކުރުމުގައި އެ ޤައުމުގެ އަޚުންނަށް ޤަޠަރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަޢޫދީ އަރަބިއްޔާއާއި ތުރުކީ އަދި ޕާކިސްތާނާ ދެމެދު އެކުލަވާލި 'މައްކާ އެއްބަސްވުން' އޮކްޓޫބަރު 5 ގައި ޢަމަލީކުރަން ފެށި ނަމަވެސް، މެދުއިރުމަތީގެ ސަލާމަތުގައި އެމެރިކާ އަދާކުރާ ދައުރަށް ބަދަލެއް ނާންނާނެ ކަމަށް ސިޔާސީ ދިރާސާވެރިޔާ ލޫސިއާނޯ ޒަކާރާ ވިދާޅުވެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި އެއްބަސްވުމަކީ އެމެރިކާގެ ދައުރު ފުރިހަމަކުރުމަށް އޮތް ބާރެކެވެ. ހަމައެއާއެކު، ޓްރަމްޕްގެ އަރިސް ބޭފުޅެއް ކަމަށްވާ ޓޮމް ބަރަކް ވިދާޅުވެފައިވަނީ، މެދުއިރުމަތީގެ ވެރިކަންތައް ބަދަލުކުރުމަށް އެމެރިކާއިން ކުރި މަސައްކަތްތައް ކާމިޔާބުވެފައި ނުވާ ކަމަށެވެ.
މި ނުތަނަވަސްކަމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ވަނީ ފާއިތުވި ފަސް މަސްދުވަހުގެ އެންމެ މަތީ މިންވަރަށް އުފުލިފައެވެ. ސަޢޫދީގެ އިންފްރާސްޓްރަކްޗާއަށް ހޫޘީން ދެމުންދާ ހަމަލާތަކާއި ގަލްފުގެ ކަނޑުގެ އުޅަނދުފަހަރަށް އަމާޒުވާ ހަމަލާތަކާ ގުޅިގެން، ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު ވަނީ 110.07 ޑޮލަރަށް އަރާފައެވެ. އަދި އެމެރިކާގެ ޑަބްލިއުޓީއައި ކްރޫޑް ފީފާއެއްގެ އަގު ވަނީ 104.03 ޑޮލަރަށް އުފުލިފައެވެ.