ދުނިޔެ

އިތުބާރު ނެތުމާއި ޙަމަލާތަކުގެ ބިރާއެކު، އީރާން އަވަސް އެއްބަސްވުމަކާ ދެކޮޅު

އިތުބާރު ނެތުމާއި ޙަމަލާތަކުގެ ބިރާއެކު، އީރާން އަވަސް އެއްބަސްވުމަކާ ދެކޮޅު

އީރާނުގެ މަގެއްގެ މަތީގައި ހުރި ޕޯސްޓަރެއް. ފޮޓޯ: ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 އޮކްޓޯބަރު 2026، 11:34

21 އޮކްޓޯބަރު 2026، 11:34

އެމެރިކާއަށް އިތުބާރު ނުކުރެވުމާއި، އަސްކަރީ ޙަމަލާތަކެއް އަލުން ފެށިދާނެ ކަމުގެ ބިރު އޮތުމުން، މިހާރު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އަވަސް އެއްބަސްވުމަކަށް ދިއުމަށް އީރާނުން ދެކޮޅުހަދަމުންދާ ކަމަށް އެ ޤައުމުގެ އިސް އޮފިޝަލުން ހާމަކޮށްފިއެވެ.

އީރާނުގެ އިސް ތިން އޮފިޝަލަކާއި މަސްދަރަކާ ޙަވާލާދީ ރޮއިޓާސްއިން ބުނި ގޮތުގައި، އެމެރިކާއާއެކު ވެވޭ އެއްބަސްވުމަކުން ހަނގުރާމަ ހުއްޓާލުމަށްވުރެ ބޮޑަށް، އިރާނުން ތައްޔާރުވަމުންދަނީ އެމެރިކާއާއި އިސްރާއީލުގެ ފަރާތުން އަލުން އަމާޒުވެދާނެ ޙަމަލާތަކަކަށެވެ. އަދި އަށް މަސް ދުވަސް ވެފައިވާ މި ހަނގުރާމައިގެ މަރުޙަލާ ފަހަނައަޅައި ދިއުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ޙަމަލާތައް ފައްޓާނެ ކަމުގެ ޔަޤީންކަން އީރާނަށް އެބައޮތް ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ދެ ޤައުމުގެ ދެމެދުގައި ކުރެވޭ މަޝްވަރާތައް އީރާނުން ދިގުދައްމަމުންދަނީ އެމެރިކާއަށް ކުރާ އިތުބާރު ކުޑަވުމުގެ އިތުރުން، ކުރިއަށް އޮތް އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ޓްރަމްޕަށް ސިޔާސީ ގޮތުން ކާމިޔާބީއެއް ނުދިނުމުގެ ގޮތުންނެވެ. ނަމަވެސް އެންމެ އަސާސީ މައްސަލައަކީ، އީރާނުގެ ވެރިކަން ވައްޓާލުމަށް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަސައްކަތްކުރައްވާ ކަމަށް ތެހެރާނަށް ޤަބޫލުކުރެވުން ކަމަށް މެދުއިރުމަތީގެ ދިރާސާވެރިން ފާހަގަކުރެއެވެ.

އީރާނުގެ އޮފިޝަލުން ހާމަކުރި ގޮތުގައި އެމެރިކާއާއެކު ސިޔާސީ ހައްލެއް ހޯދުމަށް އިތުބާރު ނެތް މައިގަނޑު ސަބަބަކީ، މީގެ ކުރިން ކުރިއަށްދިޔަ މަޝްވަރާތައް އެމެރިކާއާއި އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ހުއްޓުމަކަށް އައިސްފައިވުމެވެ. އެގޮތުން 2025 ވަނަ އަހަރުގެ ޖޫން މަހު އޮމާންގައި ބޭއްވުމަށް ހަމަޖެހުނު ނިއުކްލިއަރ މަޝްވަރާތައް އިސްރާއީލުގެ ޙަމަލާއަކާ ގުޅިގެން ކެންސަލްވި އިރު، މިއަހަރުގެ ފެބްރުއަރީ މަހު ދެ ޤައުމުން ހަނގުރާމަ ފެށީވެސް މަޝްވަރާ ބުރެއް ނިމި އިތުރު ވާހަކަތަކެއް ތާވަލުކޮށްފައި ވަނިކޮށެވެ.

މި ޙާލަތުގައި ހަނގުރާމަ ހުއްޓާލުމަށް ޤަޠަރު މެދުވެރިކޮށް އީރާނުން ހުށަހެޅި ހަތް ދުވަހުގެ ޕްލޭނަށް އެމެރިކާއިން އަދި އެއްބަސްވެފައެއް ނުވެއެވެ. އެ ހުށަހެޅުމުގައި ބުނެފައިވަނީ ހޮރުމުޒް ކަނޑުއޮޅި ހުޅުވާލާނީ އެމެރިކާއިން އަޅާފައިވާ ކަނޑުގެ ބްލޮކޭޑް އުވާލައި، ތެލުގެ ވިޔަފާރިއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން ކަމަށެވެ. މީގެ އިތުރުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ ވާހަކަތައް އެންމެ ފުރަތަމަ މޭޒަށް ގެނައުމަށް އެމެރިކާއިން ބާރުއަޅަމުންދާތީ އެކަމަށްވެސް އީރާނުން ދަނީ ދެކޮޅުހަދަމުންނެވެ.

އީރާނުގެ ތަޙުލީލުވެރިޔާ ސަޢީދު ލައިލާޒް ވިދާޅުވި ގޮތުގައި، އެމެރިކާއިން މީގެ ކުރިންވެސް އެއްބަސްވުންތަކާ ޚިލާފުވެފައިވާތީ، ޓްރަމްޕްގެ ދައުރަށް ފަހުގައިވެސް ދެމެހެއްޓެނިވި އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އެއްވެސް އިތުބާރެއް މިހާރު ނެތެވެ. އަދި ހަނގުރާމައިގެ ކުރިން އޮތް ޙާލަތަށް ދެން ދުވަހަކުވެސް ކަންކަން ރުޖޫޢަ ނުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450