ވިޔަފާރި / ޚަބަރު
ރާއްޖޭގެ 4 ސަރަޙައްދެއްގައި ކުރޫޒް ޓާމިނަލްތަކެއް ތަރައްޤީކުރަނީ
ހއ އުލިގަމުގައި ޔޮޓް މެރީނާ ތަރައްޤީކުރުމަށް އެއްބަސްވުމުގައި ސޮއި ކުރުން ފޮޓޯ: އެމްޕީއެލް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ރާއްޖޭގެ 4 ސަރަޙައްދެއްގައި ކުރޫޒް ޓާމިނަލްތަކެއް ތަރައްޤީކުރުމަށް ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ އެ ކުންފުނިން އެކުލަވާލާފައިވާ މާސްޓަރ ޕްލޭންގެ ދަށުންނެވެ.
ޕީއެސްއެމް ނިއުސްގެ "ހަފްތާ 52" ޕްރޮގްރާމްގައި އެމްޕީއެލްގެ ރިސަރޗް އެންޑް ޑިވެލޮޕްމަންޓް ކޮންސަލްޓެންޓް އަނިލް އާދަމް ވިދާޅުވި ގޮތުގައި، މި ޓާމިނަލްތައް ތަރައްޤީކުރުމަށް ގްރީސްގެ ކޮންސަލްޓެންޓެއް މެދުވެރިކޮށް ފީސިބިލިޓީ ދިރާސާތައް ކުރަމުންދެއެވެ. އަދި މި މަޝްރޫޢު ކުރިއަށް ގެންދާނީ ފަންނީ މާހިރުންގެ ލަފާގެ މަތިންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކުރޫޒް ޓަމިނަލްތައް ތަރައްޤީކޮށް ޚިދުމަތް ދިނުމުގެ ޕްލޭން ވަނީ އެކުލަވާލާފައި. މި ޚިދުމަތް ދޭނީ ދެމެހެއްޓެނިވިގޮތަކަށް. އަންނަ އަހަރުގެ ޖެނުއަރީމަހު ފީސިބިލިޓީ ނިންމާލުމަށްފަހު ފުރަތަމަ ކުއަޓާގައި އަމަލީ މަސައްކަތްތައް ފެށޭނެކަމަށް މި ބަލަނީ
އަނިލް އާދަމް ވިދާޅުވިއެވެ.
އެމްޕީއެލްއިން ކުރޫޒް ޓާމިނަލްތައް ތަރައްޤީކުރުމަށް ނިންމާފައިވާ ސަރަޙައްދުތަކަކީ ހއ. އުލިގަމް، ލ. ފޮނަދޫ، އައްޑޫ ސިޓީ ހިތަދޫ އަދި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށްފަހު މާލޭގައެވެ. މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުން އެ ބިން ފަތުރުވެރިކަމަށް ބޭނުންކުރުމުގެ ޕްލޭނެއް އެކުލަވާލުމާއެކު، އިމާރާތްކުރުމާއި ބިނާވެށި ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާކަމަށް އެމްޕީއެލްއިން ބުނެއެވެ.
މީގެއިތުރުން، ހއ. އުލިގަމުގައި ކުރޫޒް ޓާމިނަލެއް ތަރައްޤީކުރުމަށް އެމްޕީއެލްއިން ވަނީ އެރަށު ކައުންސިލާއެކު އެއްބަސްވުމެއްވެސް އެކުލަވާލާފައެވެ.
މި މަޝްރޫޢުތައް ފުރިހަމަވުމުން، މިހާރު ކުރޫޒް ލައިނަރތައް މާލެ ކައިރީގައި ނުވަތަ ރަށްރަށުގެ ފަޅުން ބޭރުގައި ބަނދަރުކުރަމުންދާ ގޮތަށް ބަދަލު އަންނާނެއެވެ. މިއީ ފަތުރުވެރިކަމުގެ ޕީކް ސީޒަންގައި ރާއްޖެއަށް އަންނަ ގިނަ އަދަދެއްގެ ފަތުރުވެރިންނަށް ފަސޭހަކަމާއެކު ޚިދުމަތް ދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.