ވިޔަފާރި

އެމްއައިބީގެ ތިންވަނަ ކުއާޓާގެ ފައިދާ ކުރީ ކުއާޓާއަށް ވުރެ އިތުރުވެއްޖެ

އެމްއައިބީގެ ތިންވަނަ ކުއާޓާގެ ފައިދާ ކުރީ ކުއާޓާއަށް ވުރެ އިތުރުވެއްޖެ

އެމްއައިބީގެ މައި އޮފީސް---

farudhun logo

ފަރުދުން

01 ނޮވެމްބަރު 2026، 04:30

01 ނޮވެމްބަރު 2026، 04:30

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް މި އަހަރުގެ ތިންވަނަ ކުއާޓަރގައި ލިބުނު ސާފު ފައިދާ، މި އަހަރުގެ ދެވަނަ ކުއާޓަރއާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެއްޖެއެވެ.

އެ ބޭންކުން އާންމުކޮށްފައިވާ މިދިޔަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން، ތިންވަނަ ކުއާޓަރުގެ ސާފު ފައިދާ ވަނީ 133 މިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ މިއަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 19.37 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއީ 43.96 އިންސައްތައިގެ ބޮޑު ކުރިއެރުމެއްކަން ފާހަގަކޮށްލެވެއެވެ.

ތިންވަނަ ކުއާޓަރގައި އެމްއައިބީއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 296.89 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 4.32 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ވޭތުވެދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު މިއީ 29.64 އިންސައްތައިގެ އިތުރުވުމެކެވެ.

މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، ކަސްޓަމަރުން އެ ބޭންކުގައި ބަހައްޓާފައިވާ ޑިޕޮޒިޓްސް ވެސް ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ. އެގޮތުން، ތިންވަނަ ކުއާޓަރ ނިމުނުއިރު ކަސްޓަމަރުންގެ ޑިޕޮޒިޓްސް ވަނީ 17.16 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ ދެވަނަ ކުއާޓަރއާ އަޅާބަލާއިރު 5.77 އިންސައްތައިގެ އިތުރުވުމެއް ނަމަވެސް، ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއީ 41.62 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.

މީގެއިތުރުން، އެމްއައިބީން ދޫކޮށްފައިވާ ފައިނޭންސިންގ ވަނީ 9.48 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ ކުރީ ކުއާޓަރަށްވުރެ 5.22 އިންސައްތަ އަދި ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 34.07 އިންސައްތައިގެ ކުރިއެރުމެކެވެ.

މި އަހަރުގެ ތިންވަނަ ކުއާޓަރގެ ނިޔަލަށް އެމްއައިބީގެ ޖުމްލަ އެސެޓް ވަނީ 20.30 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 5.15 އިންސައްތައިގެ ކުރިއެރުމެކެވެ. މިއާއެކު އެ ބޭންކުގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ކަސްޓަމަރުންގެ އިތުބާރު ބޮޑުވަމުން އަންނަކަން ހާމަވެގެންދެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450