ކޮލަމް
އޮޓޯއިމިއުން އެންސެފަލައިޓިސް: ހަށިގަނޑުގެ ދިފާއީ ނިޒާމު އަމިއްލަ ސިކުނޑިއަށް ހަމަލާދީ، ހަނދާންތައް ފޮހެލާ ބައްޔެއް
އޮޓޯއިމިއުން އެންސެފަލައިޓިސް
އިންސާނާގެ އަމިއްލަވަންތަކަމާއި، ޝަޚުޞިއްޔަތު ބިނާވެފައިވަނީ އޭނާގެ ހަނދާންތަކުގެ މައްޗަށެވެ. ނަމަވެސް، ހަށިގަނޑުގެ ދިފާއީ ނިޒާމަށް އަންނަ ކުއްލި ބަދަލެއްގެ ސަބަބުން، ތިމާގެ އަމިއްލަ ސިކުނޑިއަށް ހަމަލާދީ، މުޅި ދިރިއުޅުން ބަދަލުކޮށްލަފާނެ ކަމަށް ގަބޫލުކުރަންވެސް ދަތިވެދާނެއެވެ. މިއީ "އޮޓޯއިމިއުން އެންސެފަލައިޓިސް" (Autoimmune Encephalitis) ކިޔާ ނުރައްކާތެރި ބައްޔެއްގެ ވާހަކައެވެ.
ކްރިސްޓީ މޮރިލްގެ ވާހަކައަކީ މީގެ ހިތާމަވެރި މިސާލެކެވެ. އޭނާގެ ދިރިއުޅުމުގައި ކުރިމަތިވި އެ ބިރުވެރި މަސްތަކަށް އޭނާ ދީފައިވާ ނަމަކީ "އަހަރެންގެ ދިރިއުޅުން ރޫޅިގެންދިޔަ އަހަރު" އެވެ. އެއީ އޭނާގެ ހަށިގަނޑުގެ ދިފާއީ ނިޒާމު އޭނާގެ ސިކުނޑި "ހައިޖެކް" ކޮށްލި ދުވަސްތަކެކެވެ. ކެލިފޯނިއާގެ އައްސޭރިފަށުގައި އެކުވެރިންނާއެކު ބައިސްކަލް ދުއްވަން ގޮސް އުޅުނުއިރުވެސް އޭނާއަށް އެއްވެސް އާދަޔާޚިލާފު ކަމެއް އިހުސާސެއް ނުވެއެވެ. ނަމަވެސް ގެއަށް ދިއުމުން، އެ ދަތުރު ދިޔައީ ކިހިނެއްތޯ އޭނާގެ އަންހެނުން ސުވާލުކުރުމުން، މުޅި ދަތުރުގެ މަތިން އޭނާ އިނީ ހަނދާން ނެތިފައެވެ.
އޮޓޯއިމިއުން އެންސެފަލައިޓިސް އަކީ ސިކުނޑި ދުޅަވުމުގެ ބާވަތެކެވެ. ހަށިގަނޑު ބަލިތަކުން ދިފާއުކޮށްދޭންޖެހޭ "އެންޓިބޮޑީސް" ތައް އަމިއްލަ ސިކުނޑީގެ ސެލްތަކަށް ހަމަލާދޭން ފަށަނީއެވެ. މީގެ ސަބަބުން ކުއްލިއަކަށް ހަނދާން ނެތުމާއި، ފިޓުޖެހުމާއި، ވަހުމްތައް ވުމާއި ، އަދި މިޒާޖަށް ބޮޑެތި ބަދަލުތައް އާދެއެވެ. މިއީ ނަފްސާނީ ބައްޔަކާ ދާދި އެއްގޮތް އަލާމާތްތަކެއް ފެންނަ ބައްޔަކަށްވާތީ، ގިނަ ފަހަރަށް ބަލި ދެނެގަތުމުގައި ޑޮކްޓަރުންނަށް ގޮންޖެހުންތަކާ ކުރިމަތިވެއެވެ.
ނިއުޔޯކްގެ މައުންޓް ސިނާއީ ހެލްތު ސިސްޓަމްގެ ނިއުރޮލޮޖިސްޓެއް ކަމަށްވާ ޑރ. ސޭމް ހޯންގް ވިދާޅުވާ ގޮތުގައި، މި ބަލި ޖެހުމަށް މެދުވެރިވާ އެކި ބާވަތުގެ "ރޯގް އެންޓިބޮޑީސް" މިހާރު ދަނީ ފެންނަމުންނެވެ. މިސާލަކަށް، ޒުވާން އަންހެނުންނަށް ޖެހޭ "އެންޓި-އެން.އެމް.ޑީ.އޭ ރިސެޕްޓަރ އެންސެފަލައިޓިސް" އަކީ ބައެއް ފަހަރު އޯވަރީގައި އުފެދޭ ސިސްޓެއްގެ ސަބަބުން މެދުވެރިވާ ކަމެކެވެ. މޮރިލްއަށް ޖެހުނީ އުމުރުން 50 އަހަރުން މަތީގެ ފިރިހެނުންނަށް އާންމުކޮށް ޖެހޭ "LGI1-antibody encephalitis" އެވެ.
މި ބަލީގެ ފަރުވާގައި ލޭގައި ހުންނަ ނުރައްކާތެރި އެންޓިބޮޑީސްތައް ފުރޭނުމާއި، ސްޓެރޮއިޑްސް ބޭނުންކުރުން ހިމެނެއެވެ. ބައެއް މީހުން ފަރުވާއަށްފަހު މުޅިން ރަނގަޅުވި ނަމަވެސް، މޮރިލް ފަދަ މީހުންނަށް ދާއިމީ ގެއްލުންތަކާ ކުރިމަތިވެއެވެ. މޮރިލްއަށް މިހާރު އާ ހަނދާންތައް ކުރެވުނަސް، އޭނާގެ މާޒީގެ އެތައް އަހަރެއްގެ ހަނދާންތައް ވަނީ މުޅިން ފޮހެވިފައެވެ. އޭނާގެ ދަރިފުޅުގެ ކައިވެނީގެ ހަނދާނެއް މިހާރު އޭނާގެ ނެތެވެ. "އަހަރެން ހަނދާން އެބަހުރި 1922 ގައި ޕެރިހުގައި 'ޔުލިސިސް' ފޮތް ޝާއިޢުކުރިކަން. އެކަމަކު އަހަރެންގެ ދަރިފުޅުގެ ކައިވެނީގެ މަތިން ހަނދާނެއް ނެތް،" އޭނާ ހިތާމައާއެކު ބުންޏެވެ.
މޮރިލް މިހާރު ބޭނުންކުރަނީ "ހައިކޫ" ޅެންވެރިކަމެވެ. އޭނާގެ އެ ބިރުވެރި ތަޖުރިބާ ސިފަކޮށްދިނުމަށެވެ. މިއަދު އޭނާއަކީ މި ބަލި ތަހައްމަލުކުރާ މީހުންނަށް އެހީތެރިވެދޭ "އޮޓޯއިމިއުން އެންސެފަލައިޓިސް އެލަޔަންސް" ގެ އިސް މެންބަރެކެވެ. އޭނާގެ މާޒީގެ ބޮޑުބައެއް ގެއްލިފައިވީ ނަމަވެސް، މިއަދު އޭނާ ދިރިއުޅެނީ އާ އުއްމީދަކާއެކުގައެވެ. އޭނާ ބުނާ ގޮތުގައި، މިހާރު އޭނާގެ އޮތީ ހަމައެކަނި 'މިއަދު' އެވެ. އަދި އެއީ އުފަލާއެކު ހޭދަކުރަން ބޭނުންވާ ވަގުތެކެވެ.
މި ބައްޔާމެދު ހޭލުންތެރިކަން އިތުރުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ ބަލީގެ ކުރީކޮޅު ފަރުވާ ލިބިއްޖެނަމަ، ސިކުނޑިއަށް ލިބޭ ގެއްލުން ކުޑަކުރެވި، އިންސާނާގެ ޝަޚުޞިއްޔަތާއި ހަނދާންތައް ސަލާމަތްކުރުމުގެ ފުރުސަތު ބޮޑުވާތީއެވެ.