ދުނިޔެ
ޖަރުމަނަށް ކުރިމަތިވި ހީޓް ވޭވާއި ގުޅިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ
ޖަރުމަނުގެ މަންޒަރެއް. ފޮޓޯ: ރޮއިޓާސް
ޖަރުމަނަށް ކުރިމަތިވި ހީޓް ވޭވާއި ގުޅިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް، ރޮބަރޓް ކޮޗް އިންސްޓިޓިއުޓް ފޯ ޕަބްލިކް ހެލްތް (އާރްކޭއައި) އިން ހާމަކޮށްފިއެވެ.
އަހަރުގެ މިހާތަނަށް އެ ގައުމުގައި، ހޫނު ގަދަވުމުގެ ސަބަބަން މަރުވި މީހުންގެ އަދަދު 5،120 އަށް އަރާފައިވާކަމަށް ލަފާކޮށްފައިވާއިރު، މީގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ ނިމިދިޔަ ޖޫން މަހުގެ ފަހުކޮޅުގައި ކަމަށް އާރްކޭއައި އިން ހާމަކުރެއެވެ.
އެ ދުވަސްކޮޅު އެވަރެޖް ފިނިހޫނުމިން 20 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް އަރާފައިވެއެވެ.
މަރުވިމީހުންގެ ތެރެއިން ގާތްގަނޑަކަށް 4270 މީހުންނަކީ އުމުރުން 75 އަހަރުން މަތީގެ މީހުންކަމަށް، އާރްކޭއައިއިން ކޮންމެ ހަފްތާއަކު ނެރޭ ރިޕޯޓުން ދައްކާއިރު، މީގެތެރެއިން ގިނައީ އަންހެނުންނެވެ. އެއީ އެ ގައުމުގެ މުސްކުޅިންގެ އާބާދީގެ ބޮޑުބަޔަކީ އަންހެނުންނަށްވާތީއެވެ.
ފާއިތުވި ދުވަސްތަކުގައި ހުޅަނގު ޔޫރަޕްގެ ގިނަ ސަރަހައްދުތަކަށް ކުރިމަތިވި އާދަޔާ ހިލާފަށް ހޫނުގަދަ މޫސުމުގެ ސަބަބުން، ގިނަ މީހުން މަރުވެފައިވާއިރު، އެ ދުވަސްކޮޅު އެ ގައުމުތަކުގައި އެވަރެޖް ފިނިހޫނުމިން ވަނީ 20.74 ޑިގްރީ ސެލްސިއަސްއަށް އަރާފައެވެ.
ފްރާންސް، ބެލްޖިއަމް، ސްޕެއިން، އަދި ނެދަލޭންޑުގެ ކަމާބެހޭ ވުޒާރާތަކުންވަނީ މި ހޫނުގެ ސަބަބުން، ޖޫން މަހުގެ 28-20 އާއި ހަމައަށް އެ ގައުމުތަކުން 4700 އަށް ވުރެ ގިނަ މީހުން މަރުވިކަމަށް ރިޕޯޓުކޮށްފައެވެ.