ދުނިޔެ
އެމެރިކާ އާއި އީރާނުން އަނެއްކާވެސް ހަމަލާތައް ބަދަލުކުރަން ފަށައިފި
ހޮރްމުޒް ކަނޑުއޮޅި. ފޮޓޯ: ރޮއިޓާސް
އެމެރިކާ އާއި އީރާނާ ދެމެދު އޮތް ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ބުރޫއަރާ ގޮތަށް، ޖެހިޖެހިގެން ދެވަނަ ދުވަހު ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފިއެވެ.
މި ހަމަލާތައް ފެށިފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން މިހާރު "ނިމިއްޖެ" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނުމާ ގުޅިގެންނެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހާމަކުރި ގޮތުގައި، އީރާނުގެ އައްސޭރިފަށުގައި ހުރި މިސައިލާއި ޑްރޯން ރައްކާކުރާ ތަންތަނާއި ލޮޖިސްޓިކް މަރުކަޒުތައް ހިމެނޭހެން 90 އަށްވުރެ ގިނަ އަސްކަރީ އަމާޒުތަކަށް ވަނީ ހަމަލާދީފައެވެ. މި ހަމަލާތަކަކީ ހޮރްމޫޒް ކަނޑުއޮޅީގައި ދަތުރުފަތުރު ކުރުމުގެ މިނިވަންކަމަށް އީރާނުން ކުރާ ނުފޫޒު ކުޑަކުރުމަށް ދިން ހަމަލާތަކެއް ކަމަށް އެމެރިކާއިން ބުނެއެވެ. ޓްރަމްޕް ބުނީ މިއީ އީރާނުން އުޅަނދުފަހަރަށް ދިން ހަމަލާތަކުގެ ބަދަލުހިފުމެއް ކަމަށާއި، މިކަން ތަކުރާރުވެއްޖެނަމަ ހާލަތު މިއަށްވުރެ ގޯސްވާނެ ކަމަށެވެ.
އެމެރިކާގެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ވަނީ ކުވައިތާއި ބަހްރޭންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ. އީރާނުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި ކުވައިތުގައި ހުރި ޕެޓްރިއަޓް މިސައިލް ސިސްޓަމަކަށާއި، ގަތަރުގައި ހުރި ސެޓެލައިޓް އެންޓަނާއަކަށް އަދި ބަހްރޭންގައި ހުރި އެމެރިކާގެ ތެޔޮ ގުދަންތަކަށް ވަނީ ހަމަލާ އަމާޒުކޮށްފައެވެ. މި ހަމަލާތަކާ ގުޅިގެން ގަތަރުން ވަނީ ސަލާމަތީ ނުރައްކަލުގެ އެލާޓް މަތިކޮށްފައެވެ.
އީރާނުގެ ރަސްމީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، އެމެރިކާގެ ހަމަލާތަކުގައި އީރާނުގެ އިރުއުތުރުގައިވާ ރޭލުވޭ ބްރިޖަކަށާއި ބޫޝެހްރުގައި ހުރި އަސްކަރީ މަރުކަޒަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މި ހަމަލާތަކުގެ ސަބަބުން ތެހެރާން-މަޝްހަދު ރޭލު ދަތުރުތައް މެދުކަނޑާލަން ޖެހުނުއިރު، ބައެއް ސިޓީތަކުން ވަނީ ކަރަންޓުގެ ހިދުމަތް ކެނޑިފައެވެ. އީރާނުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި 14 މީހުން މަރުވެ، 78 މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
މި ހަމަލާތަކާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ ދެ ފަރާތުންވެސް ކެތްތެރިކަން އިސްކުރުމަށް ގޮވާލައްވާފައެވެ. އަދި ގަތަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން އަލްޘާނީ ވަނީ އީރާނުގެ ޚާރިޖީ ވަޒީރާ ފޯނުން ގުޅުއްވައި، މިދިޔަ މަހު ސޮއިކުރި ފަހުމުނާމާ (އެމް.އޯ.ޔޫ) އަށް އަމަލުކޮށް، ޑިޕްލޮމެޓިކް މަގުން މައްސަލަ ހައްލުކުރުމަށް ބާރުއަޅުއްވާފައެވެ.
މި ހަމަލާތަކުގެ ސަބަބުން، ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށާއި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ޕާކިސްތާނާއި ގަތަރު މެދުވެރިވެގެން ކުރަމުންދާ މަސައްކަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. އީރާނުން ބުނަމުންދަނީ ކަނޑުއޮޅި ހުޅުވާލެވޭނީ އީރާނުން ކަނޑައަޅާ އިންތިޒާމުތަކެއްގެ ދަށުން ކަމަށެވެ. ނަމަވެސް އެމެރިކާއިން ބޭނުންވަނީ އީރާނުގެ ނުފޫޒު އެ ސަރަހައްދުން ކުޑަކޮށް، ބައިނަލްއަގުވާމީ ދަތުރުފަތުރަށް މަގު ހުޅުވާލުމަށެވެ.