ޚަބަރު
ކުޑަކުދިން ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްޞަ، ޑރ. ފަޒުނާ ނިޔާވެއްޖެ
ކުޑަކުދިން ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްޞަ، ޑރ. ފަޒުނާ---
ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް (ޕީޑިއަޓްރިކް ޑިވެލޮޕްމަންޓަލް އެންޑް ބިހޭވިއަރަލް) ޚާއްޞަވި ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. އައިމިނަތު ފަޒުނާ މިއަދު މާލޭގައި ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. ފަޒުނާ ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ. ޑރ. ފަޒުނާގެ ކަށުނަމާދު އޮތީ މިރޭ އިޝާ ނަމާދަށް ފަހު މާލޭ އާސަހަރާ މިސްކިތުގައެވެ.
ޑރ. ފަޒުނާއަކީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އޭނާ އެ ހޮސްޕިޓަލުގައި ބަލި މީހުން ބައްލަވަން ފެއްޓެވިކަން އައިޖީއެމްއެޗުން ރަސްމީކޮށް އިއުލާންކުރީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.
ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ދާއިރާއިން ޚާއްޞަވެވަޑައިގެން، ޑރ. ފަޒުނާ ވަނީ އޯޓިޒަމް، އޭޑީއެޗްޑީ އަދި އުނގެނުމުގެ އުނދަގޫތައް ހުންނަ ކުދިން ދެނެގަތުމަށް ހަދާ އެސެސްމެންޓްތައް ހެއްދެވުމުގައި ރާއްޖޭގައި މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ. އޭނާގެ ވަކިވެދިޔުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް، ވަކިން ޚާއްޞަކޮށް ކުޑަކުދިންގެ ފަރުވާއަށް ލިބުނު ބޮޑު އުނިކަމެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.
ތައުލީމީ ގޮތުން ބަލާއިރު، ޑރ. ފަޒުނާ ވަނީ މެލޭޝިއާގެ ނެޝަނަލް ޔުނިވާސިޓީންނާއި އެމެރިކާގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާއިން މަތީ ތައުލީމާއި ތަމްރީން ހާސިލުކުރައްވާފައެވެ. އޭނާއަކީ މި ދާއިރާއިން ރާއްޖެއަށް އާ އުއްމީދުތަކެއް ގެނެސްދެއްވި، ގިނަ ބައެއްގެ އިހުތިރާމް ލިބިފައިވާ ޑޮކްޓަރެކެވެ.