ދުނިޔެ

އުދުހެމުންދިޔަ ބޯޓަކުން ފްލައިޓް އިންސްޓްރަކްޓަރަކު ދަރިވަރު ދޫކޮށްލާފަ ފުންމާލައިފި

އުދުހެމުންދިޔަ ބޯޓަކުން ފްލައިޓް އިންސްޓްރަކްޓަރަކު ދަރިވަރު ދޫކޮށްލާފަ ފުންމާލައިފި

ލިއަންޑްރޯ އަންދްރޭސް ބާޓަޒޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 ޖުލައި 2026، 07:12

09 ޖުލައި 2026، 07:12

އާޖެންޓީނާގެ މެދުތެރޭ ސަރަޙައްދެއް ކަމަށްވާ ޓޮލެޑޯގައި، ދުއްވަމުންދިޔަ ކުޑަ ބޯޓަކުން ފްލައިޓް އިންސްޓްރަކްޓަރަކު އަމިއްލައަށް ފުންމާލައިގެން މަރުވި ހިތާމަވެރި ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 42 އަހަރުގެ ލިއަންޑްރޯ އަންދްރޭސް ބާޓަޒޯ ނަމަކަށް ކިޔާ ތަޖުރިބާކާރު އިންސްޓްރަކްޓަރެކެވެ.

މި ހާދިސާ ހިނގި ވަގުތު އޭނާ ދިޔައީ އުމުރުން 22 އަހަރުގެ ދަރިވަރެއް ކަމަށްވާ ރޮސާރިއޯއަށް 'ސެސްނާ 150' މަރުކާގެ ބޯޓެއް ދުއްވަން ދަސްކޮށްދެމުންނެވެ. ދަރިވަރާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބާޓަޒޯ ބޯޓުން ފުންމާލުމުގެ ކުރިން އޭނާގެ ހެޑްސެޓާއި ސީޓްބެލްޓް ނައްޓާލުމަށްފަހު ދަރިވަރު ގާތު ބުނީ، " ކުރަންވީ ކަންތައް އެނގޭނެ، ކުރިއަށް ގެންދޭ،" މިހެންނެވެ. އެއަށްފަހު އޭނާ ވަނީ ބޯޓުގެ ދޮރު ހުޅުވާލުމަށްފަހު ބޭރަށް ފުންމާލާފައެވެ.

ބާޓަޒޯ މަސައްކަތްކުރާ 'ފްލައިން ޕެރޮޓް ކޯޑޯބާ' ފްލައިޓް ސްކޫލްގެ ޑިރެކްޓަރު އެޑުއާޑޯ އަލްވަރޭޒް ބުނިގޮތުގައި، މިފަދަ ކަމެއް އޭނާ ކޮށްފާނެ ކަމުގެ އެއްވެސް ނިޝާނެއް ކުރިން ފެނިފައެއް ނުވެއެވެ. އަދި ދުވަހުގެ ކުރީކޮޅު އެހެން ދަރިވަރަކާއެކު ވެސް އޭނާ އުދުހުނު ކަމަށް އަލްވަރޭޒް ފާހަގަކުރިއެވެ. ބާޓަޒޯ އަކީ ވަރަށް ހިނިތުންވުމާއެކު އުޅޭ، ރަނގަޅު މިޒާޖެއްގެ މީހެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.

އަލްވަރޭޒް އިތުރަށް ބުނި ގޮތުގައި، ބާރުމިނުގައި ދުއްވަމުންދާ ބޯޓެއްގެ ދޮރު ވައިގެ ތެރޭގައި ހުޅުވުމަކީ އިންތިހާއަށް އުނދަގޫ ކަމެކެވެ. އެއީ ގަޑިއަކު 200 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވާފައިދާ ކާރެއްގެ ދޮރު ހުޅުވަން އުޅުން ފަދަ ކަމެއް ކަމަށް އޭނާ ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ބޯޓުގައި އިން ދަރިވަރު ހުރީ ވަރަށް ބޮޑު ސިހުމެއްގެ ތެރޭގައެވެ. ނަމަވެސް، ނުހަނު ހިތްވަރާއެކު އޭނާ ވަނީ ބޯޓަށާއި އެއްވެސް މީހަކަށް ގެއްލުމެއް ނުވާނޭހެން ބޯޓު ސަލާމަތުން ބިމަށް ބާލާފައެވެ.

މަރުވި އިންސްޓްރަކްޓަރަކީ އަވަށްޓެރި ޗިލީގައި ވެސް މަސައްކަތްކޮށްފައިވާ، އުދުހުމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ލިބިފައިވާ މީހެކެވެ. އާޖެންޓީނާގެ ޕްރޮސެކިއުޓަރުން މިހާރު ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، އޭގެ ތަފްސީލުތައް ހޯދުމަށް ތަހުގީގު ކުރަމުންނެވެ. ބާޓަޒޯގެ ހަށިގަނޑު ފެނިފައިވާކަން ކަމާބެހޭ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450