Ads by Farudhun

ޚަބަރު

އިންޑިއާ އާއެކު ކުރެވުނު މަޝްވަރާތަކަށް ޢަމަލީ ކުރިއެރުން ދަނީ ލިބެމުން: ވަޒީރު ސަޢީދު

އިންޑިއާ އާއެކު ކުރެވުނު މަޝްވަރާތަކަށް ޢަމަލީ ކުރިއެރުން ދަނީ ލިބެމުން: ވަޒީރު ސަޢީދު

ފިޗީއާއެކު ބޭއްވެވި ސެޝަން / ފޮޓޯ: އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާ

farudhun logo

ފަރުދުން

09 ޖުލައި 2026، 07:41

09 ޖުލައި 2026، 07:41

އިންޑިއާ އާއެކު ކުރެވުނު މަތީ ފަންތީގެ މަޝްވަރާތަކަށް މިހާރު ޢަމަލީ ގޮތުން ކުރިއެރުންތައް ލިބެމުންދާކަމަށް އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ފެޑެރޭޝަން އޮފް އިންޑިއަން ޗެމްބާރސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (ފިޗީ) އިން ބޭއްވި ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމަކީ ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިން އިސްކަންދޭ ކަންކަން ކުރިއެރުވުމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރުމަށް ބޭއްވި ޚާއްޞަ ސެޝަނެކެވެ.

މި ސެޝަނުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮންނަ ގުޅުމަކީ ހަމައެކަނި ވިޔަފާރީގެ ގުޅުމެއް ނޫން ކަމަށާއި، އެއީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ޒަމާންވީ ގާތްކަމުގެ މައްޗަށް ބިނާވެ، ޖީލުތަކަކަށް ދެމިގެންގޮސްފައިވާ ބަދަހި ގުޅުމެއް ކަމަށެވެ. އަދި މި ބައްދަލުވުން ބޭއްވިގެން މިދަނީ ރާއްޖޭގެ އިޤްތިޞާދީ ދާއިރާތައް ފުޅާކޮށް، އައު ބައިވެރިން ހޯދުމަށާއި މިހާރު ހުރި ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް ސަރުކާރުން އިސްކަންދޭ މުހިންމު ދަނޑިވަޅެއްގައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އެ ދަތުރުފުޅުތަކުގެ ތެރެއިން ދެ ޤައުމުގެ ލީޑަރުންގެ މެދުގައި ބޭއްވުނު ބައްދަލުވުންތަކަކީ ދެ ޤައުމުގެ ގާތް ގުޅުން ރަންގަޅަށް ހާމަވެގެންދިޔަ ކަމެއް ކަމަށާއި، އެ މަޝްވަރާތަކުގެ ނަތީޖާ މިހާރު ޢަމަލީ ގޮތުން ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ.



މީގެ އިތުރުން، އިޤްތިޞާދީ އެއްބާރުލުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ދެ ފަރާތުން އޮތް ސާބިތު އަޒުމް މިކަންކަމުން ހާމަވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މީގެ ސަބަބުން މުދަލާއި ޚިދުމަތުގެ ވިޔަފާރީގެ އައު ބާޒާރުތަކަށް ވަނުމުގެ ފުރުޞަތު ލިބި، މުސްތަޤުބަލަށް އަމާޒުކޮށް އިންވެސްޓްމަންޓްތައް ރޭވުމަށް ހަރުދަނާ ބިންގަލެއް އެޅިގެންދާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގެ ބާޒާރަށް ވަނުމަށް މަގުފަހިކޮށްދިނުމަށާއި، ދެފުށް ފެންނަ މިންވަރު އިތުރުކުރުމަށްޓަކައި ޤަވާއިދުތަކާއި އުސޫލުތަކަށް އިސްލާހުތައް ގެންނަމުންދާކަންވެސް ވަޒީރު ހާމަކުރެއްވިއެވެ.

ވަޒީރު ސަޢީދު ވަނީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ މެދުނުކެނޑި ފޯރުކޮށްދިނުމުގައި އިންޑިއާ ސަރުކާރުން ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގެ ޤައުމީ އިޤްތިޞާދީ އެޖެންޑާ ކުރިއެރުވުމުގައި އަމިއްލަ ދާއިރާގެ ބައިވެރިވުމަށް ސަރުކާރުން ނުހަނު ބޮޑު އިސްކަމެއް ދެއްވާނެކަމުގެ ޔަޤީންކަންވެސް ވަޒީރު ދެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450