Ads by Farudhun

ޚަބަރު

ރާއްޖެއާއި އިންޑިއާގެ މަޝްވަރާތަކާއެކު ދެޤައުމަށް ފައިދާކުރަނިވި ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުވާނެ: ވަޒީރު ސަޢީދު

ރާއްޖެއާއި އިންޑިއާގެ މަޝްވަރާތަކާއެކު ދެޤައުމަށް ފައިދާކުރަނިވި ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުވާނެ: ވަޒީރު ސަޢީދު

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އަދި އިންޑިއާގެ ކޮމަރސް އެންޑް އިންޑަސްޓްރީ މިނިސްޓަރ، ޕިއުޝް ގޯޔަލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 ޖުލައި 2026، 04:02

10 ޖުލައި 2026، 04:02

ރާއްޖެއާއި އިންޑިއާއާއި ދެމެދު ކުރެވޭ މަޝްވަރާތަކާއެކު ދެޤައުމަށްވެސް ފައިދާކުރަނިވި ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރެވޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސަޢީދު މިހެން ވިދާޅުވީ އިންޑިއާގެ ކޮމަރސް އެންޑް އިންޑަސްޓްރީ މިނިސްޓަރ، ޕިއުޝް ގޯޔަލްގެ ދަޢުވަތަކަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. މި ދަތުރުފުޅަކީ ދެޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ކުރެއްވި މުހިންމު ދަތުރުފުޅެކެވެ.

ވަޒީރުގެ ޕޯސްޓުގައި މިފަދަ ބައްދަލުވުންތަކުގެ މުހިއްމުކަން ފާހަގަކުރައްވަމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެކުލަވާލި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ އަދާހަމަތަކާއި ގުޅޭގޮތުން މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން، ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ އިތުރު ފުރުސަތުތަކާއި ޕްރައިވެޓް ސެކްޓަރގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ވަނީ މަޝްވަރާކުރެވިފައެވެ. ވަޒީރު ސަޢީދު ވިދާޅުވީ މި ހުރިހާ ކަމެއްވެސް ބައްޓަންކުރެވެމުންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވިސްނުންފުޅާ އެއްގޮތަށް ކަމަށެވެ. އަދި މިފަދަ މަޝްވަރާތަކުގެ ސަބަބުން ދެޤައުމަށްވެސް ފައިދާކުރަނިވި ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުވާނެކަމަށް ޤަބޫލުކުރައްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ދެވަޒީރުން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތް ޒަމާންވީ ގުޅުން، އައު އިންވެސްޓްމަންޓްތަކާއި އިޤްތިޞާދީ ޙަރަކާތްތަކާއެކު އިތުރަށް ކުރިއަރާނެކަން ވަނީ ފާހަގަކުރައްވާފައެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، އިންޑިއާއާއި ރާއްޖެއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި މިހާރު ކުރިއަށްދަނީ މިއެއްބަސްވުން އެކުލަވާލުމުގެ އެންމެ ފަހުގެ މަރުޙަލާގެ މަސައްކަތްތައް ކަމަށްވެސް ސަރުކާރުން މަޢުލޫމާތު ދެއެވެ.



Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450