ދުނިޔެ
އަލްއަޤްޞާ މިސްކިތުގެ އިމާމް އަދި ފަލަސްޠީީނުގެ މުފްތީ އިސްރާއީލް ސިފައިން ހައްޔަރުކޮށްފި
، އަލްއަޤްޞާ މިސްކިތުގެ އިމާމް އަދި ފަލަސްޠީނާއި ގުދުސްގެ ގްރޭންޑް މުފްތީ އައްޝައިޚް މުޙައްމަދު ޙުސައިން
އިސްރާއީލުގެ އިސްތިއުމާރީ ސިފައިން، އަލްއަޤްޞާ މިސްކިތުގެ އިމާމް އަދި ފަލަސްޠީނާއި ގުދުސްގެ ގްރޭންޑް މުފްތީ އައްޝައިޚް މުޙައްމަދު ޙުސައިން ހައްޔަރުކޮށްފިއެވެ.
ފަލަސްޠީނުގެ ރަސްމީ ނޫސް އޭޖެންސީ "ވަފާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޝައިޚް މުޙައްމަދު ޙުސައިން ހައްޔަރުކޮށްފައިވަނީ މިއަދުގެ ހުކުރު ނަމާދަށްފަހު އަލްއަޤްޞާ މިސްކިތުގެ ސަރަޙައްދުންނެވެ.
އެ ސަރަޙައްދުން ލިބޭ މަޢުލޫމާތުތަކަށް ބަލާއިރު، އިސްރާއީލް ސިފައިން މުފްތީ ހައްޔަރުކުރީ މިއަދުގެ ހުކުރު ޚުޠުބާ ދެއްވައި، ނަމާދު އިސްވެ ކުރެއްވުމަށްފަހު މިސްކިތުން ނުކުމެވަޑައިގަންނަވަނިކޮށެވެ.
އިސްރާއީލް ސިފައިން ޝައިޚް މުޙައްމަދު ޙުސައިން ހައްޔަރުކުރި ސަބަބެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އަދި އޭނާ ގެންދިޔައީ ކޮން ތަނަކަށް ކަމެއްވެސް ސިފައިން ހާމަކޮށްފައެއް ނުވެއެވެ.
ފަލަސްޠީނުގެ ދީނީ އިސްވެރިންނާއި ޢިލްމުވެރިންނަށް އަމާޒުކޮށް އިސްރާއީލުން ހިންގާ މިފަދަ އަމަލުތަކަކީ އަލްއަޤްޞާ މިސްކިތުގެ ހުރުމަތް ކަނޑާލައި، ފަލަސްޠީނުގެ ރައްޔިތުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބިރުދެއްކުމަށް ކުރަމުންދާ ކަންކަމުގެ ގޮތުގައި ފަލަސްޠީނުގެ ޖަމާޢަތްތަކުން ސިފަކުރެއެވެ.
މި ހާދިސާއާ ގުޅިގެން ފަލަސްޠީނުގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުން އިސްރާއީލުގެ މިފަދަ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައި، ފަލަސްޠީނުގެ އެންމެ އިސް ދީނީ ޝަޚްޞިއްޔަތު ހައްޔަރުކުރުމަކީ މަސްރަޙު އިތުރަށް ގޯސްވެގެންދާނެ ކަމެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.