Ads by Farudhun

ޚަބަރު

އަންނަ މަހުގެ ކުރީކޮޅު އީ-ޕާސްޕޯޓުގެ ޚިދުމަތް އަލުން ފަށަނީ

އަންނަ މަހުގެ ކުރީކޮޅު އީ-ޕާސްޕޯޓުގެ ޚިދުމަތް އަލުން ފަށަނީ

އީ ޕާސްޕޯޓް ފޮޓޯ: ފަރުދުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 ޖުލައި 2026، 05:13

10 ޖުލައި 2026، 05:13

މޯލްޑިވްސް އިމިގްރޭޝަނުން ދޫކުރާ "އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު" ނުވަތަ އީ-ޕާސްޕޯޓުގެ ޚިދުމަތް އަންނަ މަހުގެ ކުރީކޮޅު އަލުން ފެށުމަށް ނިންމާފައިވާކަން އެ އިދާރާއިން ހާމަކޮށްފިއެވެ.

މި ޚިދުމަތް މެދުކަނޑާލަން ޖެހުނީ ޕާސްޕޯޓު ޕްރިންޓް ކުރުމަށް ބޭނުންކުރާ "ޕާސްޕޯޓު ބުކްލެޓް"ގެ ސްޓޮކް ރާއްޖެއަށް ގެނައުމުގައި ދިމާވި ލަސްތަކަކާ ގުޅިގެން މިދިޔަ މޭ މަހުގެ ތެރޭގައެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ކޮންޓްރޯލަރ ޖެނަރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީހް ވިދާޅުވީ، ޕާސްޕޯޓް ހެއްދުމަށް ބޭނުންވާ ތަކެތި އުފެއްދުމަށް މިހާރު އޯޑަރުދީފައިވާކަމަށެވެ. އަދި މިމަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު އެތަކެތި ރާއްޖެއަށް ލިބޭނެކަމަށާއި، ސާމާނު ލިބުމާއެކު ލަސްނުކޮށް އީ-ޕާސްޕޯޓުގެ ޚިދުމަތް އަލުން ފަށާނެ ކަމަށް ފަސީހް ވިދާޅުވިއެވެ.

އީ-ޕާސްޕޯޓަކީ ޕާސްޕޯޓުގައި ހުންނަ ޗިޕެއްގައި ރައްކާކޮށްފައިވާ ޑޭޓާ އާއި، ފޮޓޯ ނުވަތަ އިނގިލީގެ ނިޝާން ބޭނުންކޮށްގެން އެއާޕޯޓުތަކުގެ އީ-ގޭޓުން ފަސޭހަކަމާއެކު އަމިއްލައަށް ޗެކިންވެވޭ ޒަމާނީ ޕާސްޕޯޓެކެވެ.

އީ-ޕާސްޕޯޓުގެ ޚިދުމަތް މެދުކަނޑާލާފައިވާ މުއްދަތުގައި، އިމިގްރޭޝަނުން އަންނަނީ "ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު" ދޫކުރަމުންނެވެ. މިއީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން  ގެ މިންގަނޑުތަކަށް ފެތޭ، 5 އަހަރުގެ މުއްދަތަށް ދޫކުރާ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ. އީ-ޕާސްޕޯޓުގެ ފީއަކީ 1,000 ރުފިޔާ ކަމަށްވިޔަސް، މިހާރު ދޫކުރާ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓަށް ނަގަނީ 600 ރުފިޔާއެވެ.

އިމިގްރޭޝަނުން އިތުރަށް ވިދާޅުވީ، މިހާރު ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކޮށްފައިވާ ފަރާތްތަކުން، އޭގެ މުއްދަތު ހަމަވުމުގެ ކުރިން އީ-ޕާސްޕޯޓަކަށް ބަދަލުކުރަން ބޭނުންވެއްޖެ ހާލަތެއްގައި، އެއްވެސް "ކެންސަލޭޝަން ފީ" އަކާ ނުލައި ޕާސްޕޯޓު ހެއްދޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ. މިއީ މީގެކުރިން މިފަދަ ހާލަތްތަކުގައި އަމަލުކުރާ އުސޫލަށް ގެނައި ލުޔެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450