ދުނިޔެ
ރަޔަންއެއާގެ ބޯޓެއްގެ ކުޑަދޮރު ތަޅައިގެންގޮސް، ފަސިންޖަރަކު ބޭރަށް ދަމައިގަނެފި
ތަޅައިގެން ގޮސްފައިވާ ކުޑަދޮރު
ޖަރުމަނުގެ މެމިންގެން އެއާޕޯޓަށް ދަތުރުކުރަމުންދިޔަ ރަޔަންއެއާގެ ފްލައިޓެއްގެ ކުޑަދޮރު ތަޅައިގެންގޮސް، ފަސިންޖަރަކު ބޯޓުން ބޭރަށް ދަމައިގަތުމުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ވަނީ ގްރީސްގެ ތެސަލޮނިކީ އެއާޕޯޓަށް ކުއްލި ހާލަތުގައި ޖައްސާފައެވެ.
މިއަދު ހިނގި މި ހާދިސާއާ ގުޅޭގޮތުން ގްރީސްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބޯޓު އުދުއްސާލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އިންޖީނުގެ ބައެއް ނެއްޓިގެން ގޮސް ބޯޓުގެ ކުޑަދޮރެއްގައި ވަނީ ޖެހިފައެވެ. މީގެ ސަބަބުން ކުޑަދޮރު ތަޅައިގެންގޮސް، ބޯޓުގެ އެތެރޭގެ ޕްރެޝަރަށް އައި ބަދަލާއެކު އެ ގޮނޑީގައި އިން ފަސިންޖަރުގެ ހަށިގަނޑުގެ އެއްބައި ބޯޓުން ބޭރަށް ދަމައިގަތެވެ.
މި ހާދިސާ ހިނގިކަން ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދިން ދާއިރާގެ ދެ މަސްދަރަކުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އެ ފަރާތްތަކުން ބުނި ގޮތުގައި ފަސިންޖަރު ބޭރަށް ދަމައިގަތީ ކުޑަދޮރު ނެއްޓިގެން ދިއުމުގެ ސަބަބުންނެވެ.
މި ބިރުވެރި ވަގުތު ބޯޓުގެ އެތެރޭގައި ތިބި ފަސިންޖަރުން ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބޯޓުގެ ކުޑަދޮރު އޮތީ ތަޅައިގެން ގޮސްފައެވެ. އަދި ބޯޓުގެ ސީލިންގުން އޮކްސިޖަން މާސްކްތައް ތިރިވެފައި ހުރި މަންޒަރު ވެސް އެ ވީޑިއޯތަކުން ފެނެއެވެ.
މި ހާދިސާގައި އެ ފަސިންޖަރަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ރަސްމީ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބޯޓު ސަލާމަތްތެރިކަމާއެކު ގްރީސްއަށް ޖައްސާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.