ޚަބަރު
އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން މެލޭޝިޔާގައި މަތީ ތަޢުލީމު ހާސިލުކުރުމަށް ހުޅުވާލާފައިވާ ސްކޮލަރޝިޕް ފުރުޞަތުތަކަށް ކުރިމަތިލުމުގެ ސުންގަޑި މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކުން ހުޅުވާލާފައިވާ މި ފުރުޞަތުތަކަކީ ބެޗްލާސް ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް ދެވޭ ފުރުޞަތުތަކެކެވެ. މިއީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް، ތަޢުލީމީ ޒުވާނުން ބިނާކުރުމަށް އެމްއެމްއޭއިން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި މި ފަހަރު ފުރުޞަތު ހުޅުވާލާފައިވާ ދާއިރާތަކަކީ:
- ބެޗްލަރސް އޮފް އެކައުންޓިންގ (ސެލަންގޯރ އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ)
- މާސްޓަރސް އޮފް ލޯސް (އިންޓަރނޭޝަލް އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ)
- މާސްޓަރސް އޮފް އިކޮނޮމިކްސް (އިންޓަރނޭޝަލް އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ)
- ޕީއެޗްޑީގެ ދާއިރާތަކުން (އިންސިފް ޔުނިވަރސިޓީ، މެލޭޝިޔާ): އިސްލާމިކް ފައިނޭންސް (ކޯސްވަރކް އެންޑް ޑެޒަރޓޭޝަން ނުވަތަ ރިސާރޗް)، ނުވަތަ އެޕްލައިޑް މުއާމަލާތު (އިކޮނޮމިކްސް އެންޑް ފައިނޭންސް).
މި ސްކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތަކުގެ ހުރިހާ ޚަރަދެއް އެމްއެމްއޭއިން ހަމަޖައްސައިދޭނެއެވެ. މީގެ ތެރޭގައި ޓިއުޝަން ފީއާއި ޔުނިވަރސިޓީގެ އެހެނިހެން ފީތަކުގެ އިތުރުން، ދިރިއުޅުމުގެ ޚަރަދާއި، ބުކް އެލަވަންސް، އެސްޓެބްލިޝްމަންޓް އެލަވަންސް، އަދި ޑިޕާޗަރ އެލަވަންސް ހިމެނެއެވެ. މީގެ އިތުރުން ވިސާގެ ޚަރަދާއި ހެލްތު އިންޝުއަރެންސްވެސް މި ސްކޮލަރޝިޕްގެ ދަށުން ހަމަޖެހިގެންދާނެއެވެ.
މި ސްކޮލަރޝިޕްތަކުގެ ދަށުން ކޯސް ފުރިހަމަކުރާ ފަރާތްތަކުން، ކިޔެވުން ނިންމުމަށްފަހު 5 އަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑު ކުރެވޭނެ ކަމަށްވެސް އެމްއެމްއޭއިން ވިދާޅުވެއެވެ.
އެމްއެމްއޭއިން މި ފުރުޞަތު އިތުރުކޮށްފައިވަނީ ވީހާވެސް ގިނަ ފަރާތްތަކަށް މި ފުރުޞަތުގެ ބޭނުން ހިފުމަށް މަގުފަހިކޮށްދިނުމުގެ ގޮތުންނެވެ.