Ads by Farudhun

ޚަބަރު

"ސްޕޫން ފީޑް" ކުރުން ހުއްޓާލައި އަމިއްލައަށް އުނގެނުމަށް ދަރިވަރުންނަށް އެޑިޔުކޭޝަން މިނިސްޓަރު ގޮވާލައްވައިފި

"ސްޕޫން ފީޑް" ކުރުން ހުއްޓާލައި އަމިއްލައަށް އުނގެނުމަށް ދަރިވަރުންނަށް އެޑިޔުކޭޝަން މިނިސްޓަރު ގޮވާލައްވައިފި

މަތީ އަރުތަވެރިންނަށް އިނާމު ދިނުމުގެ ޖަލްސާ - ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

11 ޖުލައި 2026، 11:41

11 ޖުލައި 2026، 11:41

ކިޔަވައިދިނުމުގައި އެހެން ބަޔަކަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ މަސައްކަތުން ކަންކަން ހޯދައި ބަލައިގެން އުނގެނުމުގެ އާދަ އަށަގަންނުވަން ޖެހޭ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ "މަތީ އަރުތަވެރިންގެ އިނާމު 2025" ހަފުލާގެ ފުރަތަމަ ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި އެންމެ ބޮޑަށް އަލިއަޅުއްވާލެއްވީ ރާއްޖޭގައި މިހާރު އާންމުވެފައިވާ ޓިއުޝަން ސަގާފަތުގެ މައްޗަށެވެ. އެގޮތުން ސްކޫލުގައި ހަ ގަޑިއިރު ހޭދަކުރުމަށްފަހު، އަނެއްކާވެސް ހަތަރު ގަޑިއިރާއި ހަ ގަޑިއިރާ ދެމެދުގެ ވަގުތެއް ޓިއުޝަންގައި ހޭދަކުރުމަކީ ދަރިވަރުންނާއި ބެލެނިވެރިން ފުންކޮށް ވިސްނަންޖެހޭ ކަމެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.

"ދަރިވަރުންނަށް މަދަރުސާއިން ބޭރުން ވެސް އެހީތެރިކަން ބޭނުންވާނެ. އެކަމަކު އެ އެހީތެރިކަން ދޭންވާނީ މަދަރުސާގައި އުނގެނޭ ފިލާވަޅުގައި ކުދިން ބައިވެރިވުން ނުގެއްލޭފަދަ ގޮތަކަށް،" 

މިނިސްޓަރު ވިދާޅުވިއެވެ. 

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އަމިއްލައަށް އިސްނަގައިގެން ކިޔަވާ ކުދިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު 75 އިންސައްތައަށް އިތުރުވެގެންދެއެވެ.

ޓިއުޝަނަށް މާ ގިނަ ވަގުތު ހޭދަކުރުމުން ކުދިންގެ ކުޅިވަރާއި ހިތްއުފާކޮށްލުމަށް ލިބޭ ވަގުތު ގެއްލި، ދުޅަހެޔޮކަމަށް އަސަރުކުރާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މުޅިން އެހެން މީހުންގެ އެހީތެރިކަމުގައި "ސްޕޫން ފީޑް" ކުރާނަމަ، ކުދިންގެ ސިކުނޑީގައި އިލްމު ހަރުލާ މިންވަރު ދަށްވާނެ ކަމަށެވެ. އެހެންކަމުން ވަގުތު މެނޭޖުކުރުމުގެ ހުނަރު ދަސްކޮށް، ކުލާސް ގަޑީގައި މުދައްރިސުން ދޭ ފިލާވަޅުތަކަށް ފުރިހަމައަށް ސަމާލުކަން ދިނުމަށް އެމަނިކުފާނު އިރުޝާދު ދެއްވިއެވެ.

މީގެ އިތުރުން، މިނިސްޓަރު ވަނީ މުދައްރިސުންނަށް ވެސް މުހިންމު މެސެޖެއް ދެއްވާފައެވެ.  މިނސްޓަރު ވިދާޅުވީ ކުލާސްރޫމުގެ ތެރޭގައި ދަރިވަރުންނަށް ދެވޭ ތައުލީމަކީ ފެންވަރު ރަނގަޅު، ތައުލީމަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. މި ބަދަލު ނުގެނެސްފިނަމަ، ތައުލީމީ ނިޒާމު ބަލިކަށިވެ، ޓިއުޝަންގެ ސަގާފަތް އިތުރަށް ވަރުގަދަވެދާނެ ކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ހަފުލާގެ އިނާމު ދިނުން ކުރިއަށްދަނީ މިއަދު ތިން ދަންފަޅިއަކަށް އަދި މާދަމާ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. މިނިސްޓަރުގެ ވާހަކަފުޅު ނިންމާލެއްވީ ދަރިވަރުންގެ ތައުލީމީ ކުރިއެރުމަށްޓަކައި ސްކޫލާއި، މުދައްރިސުން އަދި ބެލެނިވެރިން އެކުގައި އެއް އަމާޒަކަށް މަސައްކަތް ކުރުމަށް ގޮވާލައްވަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450