ޚަބަރު
ޕީއެންސީގެ އެތެރޭގެ އިންތިހާބުން ފެނިގެންދާނީ ޕާޓީގެ ބަދަހިކަން: އަބްދުއްރަހީމް
ކޮންގްރެސް ޕާޓީގެ ޗެއާޕާސަން އަދި މަޖިލީސް ރައީސް އަބުއްރަހީމް އަބުދުﷲ - ފޮޓޯ: އެމްއެމްޓީވީ
ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިހާބު ނިމިގެންދާއިރު، އެ ޕާޓީގެ ތެރޭގައި އޮތް ބަދަހިކަމާއި އެކުވެރިކަން މުޅި ގައުމަށް ހާމަވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދާ ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބާ ގުޅޭގޮތުން "އެމްއެމްޓީވީ" އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި އަބްދުއްރަހީމް ވިދާޅުވީ، ޕާޓީގެ އެތެރޭގެ މަގާމުތަކަށް 2،300 އެއްހާ މެންބަރުން ކުރިމަތިލުމަކީ އެ ޕާޓީގެ ހިންގުންތެރިކަމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. މިއީ އާދައިގެ ކަމެއް ނޫންކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މިހާ ގިނަ އަދަދެއްގެ މެންބަރުން އިންތިހާބުގައި ވާދަކުރުމުން ދޭހަވަނީ ޕާޓީގެ ލީޑަޝިޕަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކަށް މެންބަރުންގެ އޮތް އިތުބާރު ބޮޑުކަމެވެ.
އިދިކޮޅު ފަރާތްތަކުން ޕީއެންސީގެ ތެރޭގައި ބައިބައިވުން އޮތް ކަމަށް ބުނެ ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، މި އިންތިހާބު ވެގެންދާނީ އިދިކޮޅު ފަރާތްތަކުގެ އަނގަ ބަންދުކޮށްލާނެ ފަދަ ނަމޫނާ ހަރަކާތަކަށް ކަމަށެވެ.
"އިދިކޮޅު ވާދަވެރިން ވިދާޅުވަމުން އެބަގެންދަވާ ޕާޓީ އޮތީ ރެނދުލާފައި ކަމަށް. ނަމަވެސް މި އިންތިހާބު ނިމިގެންދާއިރު ޕީއެންސީގެ ބަދަހިކަން އެނގިގެންދާނެ. މިއީ މިހާތަނަށް ރާއްޖޭގެ ސިޔާސީ ތާރީހުގައި ވެސް ޕާޓީއަކުން ބާއްވާ އެންމެ ބޮޑު އެތެރޭގެ އިންތިހާބު،"
މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އަބްދުއްރަހީމް ފާހަގަކުރެއްވި ގޮތުގައި، ޕާޓީއެއްގެ ގޮތުގައި ޕީއެންސީ ހަރުދަނާކުރުމަށް ރައީސް މުއިއްޒު ދެއްވާ ހާއްސަ ސަމާލުކަމަކީ މިފަދަ ބޮޑު އިންތިހާބެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ލިބުނު އެންމެ ބޮޑު ހިތްވަރެވެ. އަދި މުޅި ރާއްޖެ ހިމެނޭ ގޮތަށް މިހާ ބޮޑު އޮޕަރޭޝަނެއް ޓީމެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަކީ ސިޔާސީ ގޮތުން ލިބޭނެ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމްގެ ވާހަކަފުޅު ނިންމަވާލެއްވީ، މި އިންތިހާބަކީ ހުރިހާ ސިޔާސީ ޕާޓީތަކަށް ނަމޫނާ ދައްކައިދޭނެ، އަދި ފިލާވަޅުތަކެއް ލިބިގެންދާނެ ކާމިޔާބު އިންތިހާބަކަށް ވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވަމުންނެވެ.