ޚަބަރު
ސިޔާސީ މަސައްކަތް ކުރެވޭނީ ގަޓު ހުރެގެން، ގޭގެ ސިޓީން ރޫމްގައި ތިބެގެނެއް ނޫން: އަބްދުއްރަހީމް
މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބުދުﷲ - ފޮޓޯ: އެމްއެމްޓީވީ
ސިޔާސީ ހަރަކާތްތަކަކީ ގޭގެ ސިޓީން ރޫމްގައި ތިބެގެން ކުރެވޭނެ ކަންކަމެއް ނޫން ކަމަށާއި، އެކަން ކުރެވޭނީ ވަރަށް "ގަޓު" ހުރެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ އެމްއެމްޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވެރިކަން ކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، މި އިންތިހާބަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ ހުރިހާ ޕާޓީތަކަށް ދެއްކި ވަރަށް ފުރިހަމަ ނަމޫނާއެއް ކަމަށެވެ. އަދި ޕީއެންސީއަކީ ހުރިހާ މެންބަރުންގެ މެދުގައި ވަރަށް ބަދަހި ގުޅުމެއް އޮތް ޕާޓީއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ބައެއް ފަރާތްތަކުން ޕީއެންސީ ބައިބައިވެފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، އެއީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުންނަކީ ވަރަށް ޖޯޝާއި ފޯރީގައި މަސައްކަތްކުރައްވާ ބޭފުޅުން ކަމަށާއި، ލީޑާޝިޕާއި އާންމު މެންބަރުންނާ ދެމެދު އޮތީ ވަރަށް ބަދަހި ގުޅުމެއް ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި ޕީއެންއެފްގެ ބައްދަލުވުމެއްގައި، އެމްޑީޕީގެ ފިކުރު ފިޔަވައި ދެން ތިބި ހުރިހާ އެންމެންނަކީ ޕީއެންއެފްގެ ފިކުރުގެ މީހުން ކަމަށް ވިދާޅުވެފައިވިއެވެ. ނަމަވެސް، ޕީއެންއެފްގެ ބައްދަލުވުންތަކުން ފެންނަނީ ވަރަށް މަދު މީސްކޮޅެއްކަން ފާހަގަކުރައްވައި، އެ ޕާޓީގެ ޖަލްސާތަކުގައި 40 މީހުންވެސް ހަމަނުވާ ކަމަށް ގިނަ ބަޔަކު ބުނަމުންދެއެވެ.
އަބްދުއްރަހީމްގެ ވާހަކަފުޅުގައި ބާރުއެޅުއްވީ، ސިޔާސީ މައިދާނުގައި ކާމިޔާބީ ހޯދޭނީ އަމަލީ ގޮތުން ރައްޔިތުންގެ ތެރެއަށް ނުކުމެ، ހިތްވަރާއެކު މަސައްކަތް ކޮށްގެން ކަމަށެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއި ޕީއެންސީ އޮތީ ވަރަށް ވަރުގަދަކޮށް ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.