ޚަބަރު
ގެއެއްގެ ތިޖޫރީ ފަޅާލައި 3 މިލިއަނަށް ވުރެން ގިނަ ރުފިޔާ ވަގަށްނެގި ބައެއްގެ މައްޗަށް ދަޢުވާކުރަން ފޮނުވައިފި
ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީސް
މާލޭގެ ގެއެއްގެ އެޕާޓްމަންޓެއްގައި ހުރި ދެ ތިޖޫރީ ފަޅާލައި ގާތްގަނޑަކަށް ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި ފަސް މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
މި މައްސަލައަކީ 15 މާރިޗު 2026 ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި މ. ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން 3,992,000 (ތިންމިލިއަން ނުވަލައްކަ ނުވަދިހަ ދެހާސް) ރުފިޔާ ވަގަށް ނެގި މައްސަލައެކެވެ.
މި މައްސަލައިގައި ދަޢުވާ އުފުލާފައިވަނީ މ. އޭސިޔާ އަޙްމަދު ފާރިސް، ހދ. ނޮޅިވަރަންފަރު ޖަޒީލާމަންޒިލް ޖަޒީލު މުޙައްމަދު، ސ. މީދޫ މޫންލައިޓްވިލާ މުޙައްމަދު އަފްރާޙް، ރ. މަޑުއްވަރި ދާރުލް އައްވަލް އިސްމާޢީލް ޢާޞިފް އަދި ޅ. ނައިފަރު ކަސްތޫރިމާގެ މުޙައްމަދު ނޫރު އަޙްމަދުގެ މައްޗަށެވެ. މި ފަސް މީހުންގެ މައްޗަށްވެސް ޤާނޫނުލްޢުޤޫބާތުގެ 211 ވަނަ މާއްދާގެ ދަށުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދަޢުވާ ވަނީ އުފުލާފައެވެ.
އިތުރު ދަޢުވާތަކާއި ތަފްޞީލު
ވައްކަމުގެ ދަޢުވާގެ އިތުރުން، އަޙްމަދު ފާރިސް، ޖަޒީލު މުޙައްމަދު އަދި މުޙައްމަދު ނޫރު އަޙްމަދުގެ މައްޗަށް އިތުރު ދެ ދަޢުވާއެއް ވަނީ އުފުލާފައެވެ. އެއީ އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދަޢުވާއާއި، މުދަލަށް ގެއްލުން ދިނުމުގެ ދަޢުވާއެވެ. މި ދަޢުވާތައް އުފުލާފައިވަނީ އެޕާޓްމަންޓްގެ ވެރިފަރާތުގެ ހުއްދަނެތި އެތަނަށް ވަދެ، ކޮޓަރިތަކުގެ ދޮރުތަކަށާއި ތިޖޫރީތަކަށް ގެއްލުން ދީފައިވާތީއެވެ.
މި މައްސަލައިގައި ހިމެނޭ މުދަލުގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ހުއްދަނޫން ތަނަކަށް ވަނުމާއި މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ އަސާސީ އަދަބަކީ ކޮންމެ ކުށަކަށް 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
ދައުލަތުން ވަނީ މި މައްސަލައިގައި ދަޢުވާލިބޭ މީހުންގެ އަތުން ވަގަށްނެގި ފައިސާ އަނބުރާ ހޯދައި، ބަދަލުލިބޭ ފަރާތަށް ނަގައިދިނުމަށްވެސް ކޯޓުގައި އެދިފައެވެ. މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 25 ޖޫން 2026 ގައެވެ.