ދުނިޔެ

އިސްރާއީލުން ދިން ހަމަލާތަކެއްގައި ޣައްޒާގެ 7 މީހަކު ޝަހީދުކޮށްލައިފި

އިސްރާއީލުން ދިން ހަމަލާތަކެއްގައި ޣައްޒާގެ 7 މީހަކު ޝަހީދުކޮށްލައިފި

ޣައްޒާގެ ޝަހީދެއްގެ ހަށިގަނޑު ޖަނާޒާއަށް ގެންދަނީ. ފޮޓޯ: ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ޖުލައި 2026، 04:49

11 ޖުލައި 2026، 04:49

އިސްރާއީލުން އަންގާރަ ދުވަހު ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ވައިގެ ހަމަލާތަކާއި ބަޑީގެ ހަމަލާތަކުގައި ކުޑަކުއްޖަކު ހިމެނޭހެން ހަތް މީހަކު ޝަހީދުކޮށްލައިފައިވާ ކަމަށް ސިއްހީ އޮފިޝަލުން ބުނެފިއެވެ.

މި ހަމަލާތައް ދީފައިވަނީ މިދިޔަ އޮކްޓޯބަރު މަހު އެމެރިކާ މެދުވެރިވެގެން ހަމާސްއާއެކު އެކުލަވާލި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ދެފަރާތުންވެސް ޚިލާފުވަމުންދާ ދަނޑިވަޅެއްގައެވެ.

ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތައް
ޚާން ޔޫނިސްގެ މަވާސީ ސަރަހައްދަށް ދިން ހަމަލާއެއްގައި އެކަކު ޝަހީދުވެ ދެ ކުޑަކުދިން ޒަޚަމްވެފައިވާއިރު، އިސްރާއީލު ސިފައިން ބުނީ އެއީ ހަމާސްގެ މެންބަރަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ. މީގެ އިތުރުން ޚާން ޔޫނިސްއަށް ދިން އެހެން ހަމަލާއެއްގައި ޕޮޕިއުލާ ރެސިސްޓެންސް ކޮމިޓީގެ އިސް ލީޑަރެއް ކަމަށްވާ ވަހީދު އަބޫ ސާލިމް ޝަހީދުވެފައިވާކަމަށް އެ ޖަމާއަތުން ވަނީ ކަށަވަރުކޮށްދީފައެވެ.

ޣައްޒާ ސިޓީގެ ތަލް އަލް-ހަވާ ސަރަހައްދުގައި ދުއްވާފައި ދިޔަ އުޅަނދަކަށް ދިން ހަމަލާއެއްގައި ކުޑަކުއްޖަކާއެކު ތިން މީހުން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި މިސްރުގެ ރިލީފް ކޮމިޓީގައި މަސައްކަތްކުރާ މުހައްމަދު އަލް-ވަހީދީ ހިމެނެއެވެ. ރަފަހް ސަރަހައްދުގައި އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން އެކަކު ޝަހީދުވެ ނުވަ މީހުން ޒަޚަމްވެފައިވާ ކަމަށް މަންޒަރު ދުށް މީހުންނާއި މެޑިކަލް އޮފިޝަލުން ރިޕޯޓްކޮށްފައިވެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަށް މަސް ވެފައިވާއިރު، މި މުއްދަތުގެ ތެރޭގައި 1,070 އަށްވުރެ ގިނަ ފަލަސްތީނު މީހުންނާއި އިސްރާއީލުގެ ހަތަރު ސިފައިން މަރުވެފައިވެއެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައިވަނީ ޣައްޒާގެ 60 އިންސައްތައަށްވުރެ ބޮޑު ބައެއް މިހާރު އޮތީ އިސްރާއީލުގެ ކޮންޓްރޯލްގެ ދަށުގައި ކަމަށާއި، ސަލާމަތީ ސަބަބުތަކަށްޓަކައި އެ ސަރަހައްދުތަކުން ފައިބައިގެން ނުދާނެ ކަމަށެވެ.

އދ. ގެ މިނިވަން މާހިރުން ވަނީ ކަމާލް އަދުވާން ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. ހުސާމް އަބޫ ސަފިއްޔާ ވަގުތުން މިނިވަންކުރުމަށް ގޮވާލާފައެވެ. 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އިސްރާއީލުގެ ބަންދުގައި ހުރި ޑރ. ހުސާމްއަށް ބޮޑެތި އަނިޔާތަކެއް ކޮށްފައިވާ ކަމަށާއި، އޭނާގެ ފުރާނައަށް ނުރައްކާވާ ފަދަ އަނިޔާތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އދ. ގެ މާހިރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ޑރ. އަބޫ ސަފިއްޔާ އެއްވެސް ދައުވާއެއް ނެތި ބަންދުކޮށްފައި ބެހެއްޓުމަކީ ފަލަސްތީނުގެ ސިއްހީ ޚިދުމަތްތެރިންނަށް އަމާޒުކޮށް އިސްރާއީލުން ހިންގާ ނިޒާމީ ހަމަލާތަކުގެ ހެއްކެއް" ކަމަށެވެ. އަދި އިސްރާއީލުން ޣައްޒާގެ ސިއްހީ ނިޒާމު ސުންނާފަތި ކުރަމުންދާ ކަމަށްވެސް އެ ބަޔާނުގައި ތުހުމަތުކޮށްފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450