ދުނިޔެ

މަރުގެ ހުކުމް އިއްވާފައިވާ ކުރީގެ ބޮޑުވަޒީރު ހަސީނާ ޑިސެމްބަރު މަހު ބަންގްލަދޭޝްއަށް

މަރުގެ ހުކުމް އިއްވާފައިވާ ކުރީގެ ބޮޑުވަޒީރު ހަސީނާ ޑިސެމްބަރު މަހު ބަންގްލަދޭޝްއަށް

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާ. ފޮޓޯ:ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ޖުލައި 2026، 05:40

11 ޖުލައި 2026، 05:40

ބަންގްލަދޭޝްގެ ވެރިކަމުން ދުރުކޮށްފައިވާ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ، އަންނަ ޑިސެމްބަރު މަހު އެނބުރި ގައުމަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

 އިންޑިއާގައި ހުންނަވައިގެން ރޮއިޓާސް ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ހަސީނާ ވިދާޅުވީ، އެކަމަނާގެ މައްޗަށް މަރުގެ ހުކުމެއް އިއްވާފައިވީ ނަމަވެސް، އަވާމީ ލީގުގެ އިސްވެރިންނާއެކު އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށެވެ.

އުމުރުފުޅުން 78 އަހަރުގެ ހަސީނާ ވިދާޅުވި ގޮތުގައި އެކަމަނާ އެނބުރި ވަޑައިގަންނަވަނީ އަވާމީ ލީގު އުވާލުމަށް ކުރަމުންދާ ގާނޫނީ މަސައްކަތްތަކާ ދެކޮޅަށް މަސައްކަތް ކުރެއްވުމަށެވެ.

"އަޅުގަނޑު އެނބުރި ދިއުމުން ހައްޔަރުކޮށްފާނެ، ނުވަތަ މަރާވެސް ލާފާނެ. އެކަމަކުވެސް އަޅުގަނޑު ދާންޖެހޭ. މަރު އަންނަން އޮތިއްޔާ ބޭނުންވަނީ އަމިއްލަ ފަސްގަނޑުގައި މަރުވާން،" ހަސީނާ ވިދާޅުވިއެވެ.

ހަސީނާ އެނބުރި ވަޑައިގަތުމަކީ 2024 ވަނަ އަހަރުގެ އުތުރިއެރުމަށްފަހު ބަންގްލަދޭޝްގެ ސިޔާސީ މަސްރަހު ހަމަޖެއްސުމަށް ކުރާ މަސައްކަތްތަކަށް ކުރިމަތިވާނެ ގޮންޖެހުމެއް ކަމަށް ބެލެވެއެވެ. ނަމަވެސް، މިއީ ހަސީނާއަށް ހިމާޔަތް ދިނުމުގެ ސަބަބުން އިންޑިއާ އާއި ބަންގްލަދޭޝްއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަވެގެންދާނެ ކަމެއް ކަމަށްވެސް މުހައްލިލުން ދެކެއެވެ.

ހަސީނާ ވަނީ އިންޑިއާގައި ހިމާޔަތް ހޯއްދަވައިގެން ތިއްބެވި އަވާމީ ލީގުގެ އެހެން މެންބަރުންނަށްވެސް އެކަމަނާއާއެކު އެނބުރި ވަޑައިގަތުމަށް ގޮވާލައްވާފައެވެ. އޭގެ ތެރޭގައި މަރުގެ ހުކުމް އިއްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އަސަދުއްޒަމާން ޚާން ކަމާލްވެސް ހިމެނެއެވެ. ހަސީނާ ވިދާޅުވީ އެންމެން އެކުގައި ކޯޓަށް ހާޒިރުވެ އަމާންދޭނެ ކަމަށާއި، އެކަމަނާގެ މައްޗަށް ހިންގާ ޝަރީއަތްތަކަކީ ޖޯކެއް ކަމަށެވެ.

ބަންގްލަދޭޝްގެ މިހާރުގެ ސަރުކާރުން ވަނީ ހަސީނާއަށް އެއްވެސް ލުޔެއް ދޭން ބޭނުންނުވާކަން ހާމަކޮށްފައެވެ. ހޯމް މިނިސްޓަރު ސަލާހުއްދީން އަހުމަދު ވިދާޅުވީ، "އެހާ ގިނަ ބަޔަކު މަރާލައި، ގަތުލުއާންމު ހިންގުމަށްފަހުވެސް ހަސީނާގެ ކިބައިގައި މިއަދާ ހަމައަށްވެސް އެއްވެސް ދެރަވުމެއް ނެތް" ކަމަށެވެ. އަދި އަވާމީ ލީގު ވަނީ ސިޔާސީ ގޮތުން ފުނޑުފުނޑުވެފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަސީނާގެ 20 އަހަރުވީ ވެރިކަމުގައި ބަންގްލަދޭޝްގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ގިނަ ބަޔަކު ފަގީރުކަމުން ސަލާމަތްވި ނަމަވެސް، އެކަމަނާގެ ވެރިކަން ނިމިގެންދިޔައީ އިންސާނީ ހައްގުތަކަށް އަރައިގަތުމާއި، ސިޔާސީ އިދިކޮޅު ފަރާތްތަކަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުތަކާއެކުގައެވެ. ހަސީނާ މިހާރު ގެންދަވަނީ އިންޑިއާގައި ހުންނަވައިގެން އޮންލައިންކޮށް ޕާޓީގެ މަސައްކަތްތައް އަލުން އިންތިޒާމު ކުރައްވަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450